ރާއްޖޭގެ ރިސޯޓެއްގައި އާއިލާ އާއި އެކު ޗުއްޓީ ހޭދަކުރަމުން ދިޔަ ޗައިނާ ކުއްޖަކު މޫދަށް ވެއްޓި، ކެނބިގެން މަރުވެއްޖެއެވެ.

މާލެ އަތޮޅު އަކިރިފުށީގައި އޮންނަ އޯ ބްލޫ ސިލެކްޓް އެޓް ސަންގެލި ރިސޯޓުގެ ވޯޓާ ވިލާއެއްގައި ހުއްޓާ އެކުއްޖާ މޫދަށް ވެއްޓި ގެއްލުމުން ރިސޯޓްގެ މުވައްޒަފުން ވަނީ އެކުއްޖާ ހޯދުމުގެ މަސައްކަތް ކޮށްފައެވެ. ކުއްޖާ ހޯދަމުން ދާތާ ގަޑިއެއްހާއިރު ފަހުން ކުއްޖާ ފެނުނު އިރު ވެސް އޮތީ މަރުވެފައެވެ.

ފުލުހުން ވެސް ވަނީ ރިސޯޓެއްގެ ވޯޓާ ވިލާއަކުން މޫދަށް ވެއްޓުނު ކުއްޖަކު މަރުވިކަން ކަށަވަރު ކޮށްދީފައެވެ.

ފުލުހުން ވިދާޅުވީ އެހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބުނީ މިދިޔަ ހުކުރު ދުވަހުގެ ރޭ 20:55 ހާއިރު ކަމަށެވެ. އެކުއްޖާ ފެނުނީ 21:50 ހާއިރު އެވެ.

އެކުއްޖާއަކީ ޗައިނާގެ ފަތުރުވެރިއެއް ކަމަށާއި އެކުއްޖާގެ އުމުރަކީ ފަސް އަހަރު ކަމަން ވެސް ފުލުހުން ކަށަވަރު ކޮށްދެއްވައެވެ.

ފުލުހުން އަންނަނީ އެހާދިސާ ތަޙްޤީޤު ކުރަމުންނެވެ.

ޗައިނާ އަކީ ރާއްޖެ އަށް ފަތުރުވެރިން އެންމެ ގިނައިން އަންނަ އެއް ގައުމަށް ވެފައި ވާއިރު ޗައިނާ ފަތުރުވެރިން ގެނބިގެން މަރުވުގެ ހާދިސާތައް ވަރަށް ގިނައިން ހިނގައެވެ. އެފަދަ ހާދިސާތައް މަދު ކުރުމުގެ ގޮތުން ޓްރެވަލް އެޖެންސީތަކުންނާއި ރިސޯޓްތަކުން ފަތުރުވެރިން ހޭލުންތެރި ކުރުވަން މަސައްކަތްތަކެއް ވެސް ކުރެއެވެ.