ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ގަތުލު އާންމުގައި ނޫސްވެރިޔަކާއި އޭނާގެ ދަރިފުޅު ޝަހީދުކޮށްލައިފިއެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު އިސްރާއީލުގެ އަނިޔާވެރިކަމުން ފަލަސްތީނުގެ ރައްޔިތުން މިނިވަން ކުރުމަށް ހަމާސް ޖަމާއަތުން ދިން ހަމަލާއާއި ގުޅިގެން އިސްރާއީލާއި ހަމާސް ޖަމާއަތާއި ދެމެދު ކުރެވެމުން އަންނަ ހަނގުރާމައިގައި ނޫސްވެރިންނަށް އަމާޒުކޮށް ހަމަލާތައް ދަނީ ދެމުންނެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ޣައްޒާގެ މެދުތެރޭގައި އޮންނަ އަލް ނުސީރަތު ރެފިއުޖީ ކޭމްޕްގައި އިސްރާއީލުން އިއްޔެ ދިން ވައިގެ ހަމަލާއެއްގައި ނޫސްވެރިޔާ ސަލީމް އަބޫ ޓަޔޯރާއި އޭނާގެ ދަރިފުޅު ވަނީ ޝަހީދުކޮށްލާފައެެވެ.

މިއާއެކު ހަނގުރާމައިގެ ތެރޭގައި ޝަހީދުކޮށްލި ނޫސްވެރިންގެ އަދަދު ވަނީ 141 އަށް އަރާފައެވެ. މީގެ ތެރޭގައި އެހެން ގައުމުތަކަށް ނިސްބަތްވާ ނޫސްވެރިންވެސް ހިމެނެއެވެ.

އަދި 16 ނޫސްވެރިއަކަށް އަނިޔާވެފައިވާ ކަމަށް މައުލޫމާތު ލިބޭއިރު، ހަތަރު ނޫސްވެރިއަކު ގެއްލިގެން ރިޕޯޓްކޮށްފައިވެއެވެ. އޭގެ އިތުރުން 25 ނޫސްވެރިއަކު ހައްޔަރުކޮށްފައިވާ ކަމަށް ރިޕޯޓްކޮށްފައި ވެއެވެ.

ނޫސްވެރިންނާއި ދެކޮޅަށް ވެސް ނިރުބަވެރި އިސްރާއީލުން ހަމަލާތައް ދޭ ކަމަށް ބައެއް ރިޕޯޓްތަކުން ބުނި ނަމަވެސް އިސްރާއީލުން ވަނީ އެކަން ދޮގުކޮށްފައެވެ.