ނިއުޔޯކުގައި އިއްޔެ ކުރިއަށްދިޔަ އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަނަށްފަހު ބްރެޒިލްގެ ހެލްތް މިނިސްޓަރ މާސެލޯ ގެއިރޯގާ ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށް އެގައުމުން ބުނެފިއެވެ.

އެގައުމުގެ ސަރުކާރުން ބުނެފައިނވަނީ އޭނާ ކޮވިޑަށް ފައްސިވެފައިވަނީ އިއްޔެ ކުރިއަށްދިޔަ އާއްމު ޖަލްސާގައި އެގައުމުގެ ރައީސް ޖެއާ ބޮންސެރާނޯ އާއި އެއްކޮށް ގޮސް ހުއްޓާ ކަމަށެވެ.

އެގައުމުގެ ރައީސް އޮފީހުގެ ތަރުޖަމާނު ބުނެފައިވަނީ އޭނާ ކޮވިޑަށް ފައްސިވުމާއި ގުޅިގެން ނިއުޔޯކުގައި ކަރަންޓީނުގައި ހުންނަވާނެ ކަމަށެވެ.

އެގައުމުން ބުނެފައިވަނީ ފައްސިވެފައިވާ މިނިސްޓަރުގެ ހާލުކޮޅު ރަނގަޅު ކަމަށާއި ދެން އެތަނުން ޓެސްޓް ކޮށްފައިވާ މީހުންގެ ސުންކުތައް ކޮވިޑަށް ނައްސި ކަމަށެވެ.

ސީއެންއެން އަށް މައުލޫމާތު ދެއްވަމުން ގެއިރޯގާ ބުނެފައިވަނީ ޔޫއެންގެ އިމާރާތަށް ވަނީއްސުރެން އޭނާ ހުރީ މާސްކު އަޅައިގެން ކަމަށެވެ.

ގެއިރޯގާ ކޮވިޑަށް ފައްސިވެފައިވާއިރު، އޭނާ އާއި އެންމެ ގާތުން އެ ބައްދަލުވުމުގައި މަސައްކަތް ކޮށްފައިވަނީ އެގައުމުގެ ރައީސް ބޮންސެރާނޯ އެވެ. ބޮންސެރާނޯ އަކީ ކޮވިޑް ވެކްސިން ޖެހުމަށް ދެކޮޅު ހަދާފައިވާ، ކޮވިޑަކީ އެއީ އާދައިގެ ވައިރަހުގެ ހުމެއް ކަމަށް ބުނެފައެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުން ބޮންސެރާނޯ އާއްމު ޖަލްސާއަށް ވެސް ގޮސްފައިވަނީ ވެކްސިން ފުރިހަމަ ނުކޮށެވެ. އެގޮތަށް ވެކްސިން ފުރިހަމަ ކޮށްފައި ނުވާތީ އޭނާ ނިއުޔޯކަށް ދިޔަ ފުރަތަމަ ދުވަހު ރެސްޓޯރެންޓުން ފަރިއްކުޅުއްވަން އުޅެ އެކަން ނުވެގެން އެންމެ ފަހުން ފަރިއްކުޅުއްވާފައިވަނީ މަގުމަތީގައި ހުރެގެން ކަމަށް ވެސް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

ބްރެޒިލް އިން މިހާތަނަށް 21,247,094 މީހަކު މި ބައްޔަށް ފައްސިވެފައިވާއިރު، އޭގެ ތެރެއިން 591,518 މީހަކު ވަނީ ބަލީގައި މަރުވެފައެވެ.