ފްލޮރިޑާގެ ކިންޑާގާޓެން ތީޗަރެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ ޓިކްޓޮކް ތަރި މެޑީ ބަލޯއީ ކެންސަރު ބަލީގައި މަރުވެއްޖެއެވެ.

އުމުރުން އެންމެ 26 އަހަރުގެ ބަލޯއީ މަރުވީ ކެންސަރަށް ފަރުވާދެމުން ދަނިކޮށެވެ. ބަލޯއީ މަރުވީ އޭނަގެ ލޯބިވެރިޔާ ލުއިސް ރިޝާގެ އުފަންދުވަސް އިއްޔެ ފާހަގަކުރުމަށްފަހު ރޭގެ ވަގުތެއްގައެވެ. އޭނަ ދިޔައީ އޭނަގެ ހާލަތު ޓިކްޓިކް ރައްޓެހިންނާއި ހިއްސާކުރަމުންނެވެ.

އޭނާގެ 440،000 ފޮލޯވާސް ޓިކްޓޮކްގައި ތިބެއެވެ. ބަލޯއީ ވަނީ މަޝްހޫރު ޝެފް ގޯޑަން ރަމްސޭ އާއި ޓްވިލައިޓްގެ ތަރި ޓޭލާ ލޯޓްނާ އާއި އެކު ވީޑިއޯތަކުން ފެނިގެން ގޮސްފައެވެ.

ބަލޯއީއަށް ބަނޑުގެ މައްސަލަތައް ކުރިމަތިވާން ފެށީ 2022 ވަނަ އަހަރުއެވެ. ޑައިޓް ބަދަލުކުރުމުން އެހީތެރިވެދޭނެ ކަމަށް ހީކުރި ނަމަވެސް އޭގެ ހަ މަހަށް ވުރެ ގިނަ ދުވަސް ފަހުން 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހު ތަކުރާރުކޮށް ލޭ ހޮޑުލައި ސިއްހީ މައްސަލަތައް ކުރިމަތިވާން ފެށިއެވެ.

ބަލޯއީ ފުރަތަމަ ހީކުރީ އެއީ ވޯމް ނުވަތަ ބެކްޓީރިއަލް އިންފެކްޝަނެއް ކަމަށެވެ. ނަމަވެސް އޭނާގެ ލޯބިވެރިޔާގެ އެދުމުގެ މަތިން ޑޮކްޓަރުގެ ލަފާ ހޯދިއެވެ. ޑޮކްޓަރުން ވަނީ އޭނާގެ ބޮޑު ގޮހޮރުގައި އާދަޔާ ހިލާފު ކަންތައްތަކެއް ހުރިކަން ފާހަގަކޮށް ކުއްލި އޮޕަރޭޝަނެއް ކުރަން ޖެހޭ ކަމަށް ބުނެފައެވެ.

އޭނާގެ ބޮޑު ގޮހޮރަށް ޖެހިފައިވާ ކެންސަރުގެ ގިނަ ޓިއުމަރުތަކެއް ފެނިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޑޮކްޓަރުން ފުރަތަމަ ބުނީ އެންމެ ގިނަވެގެންވެސް އޭނާ ދިރިހުންނާނީ ފަސް އަހަރު ކަމަށެވެ. ބަލޯއީ ޓިކްޓޮކްއާ ގުޅުނީ "އެކަނި އަދި އެކަހެރި" ކަމުގެ އިހުސާސް ކުރެވުމުންނެވެ. އޭނާ ވަނީ ކެންސަރު ޖެހިގެން ކުރި ދަތުރު ޑޮކިއުމެންޓް ކުރުމަށް ކުރު ވީޑިއޯތައް އާންމުވެސް ކޮށްފައެވެ.

ބަލޯއީގެ އެންމެ މަޤުބޫލު އެއް ވީޑިއޯގައި ވަނީ އޭނަގެ ހުވަފެންތައް ހިއްސާކޮށްފައެވެ. އެގޮތުން އޭނާގެ މާމަ ލައްވާ ގައިގައި ޓެޓޫއެއް ޖެހުމާއި ވަރަށް ބޮޑު އަދި ރީތި ކައިވެނި ޕާޓީއެއް ބޭއްވުމުގެ އިތުރުން ސެލެބްރިޓީ ގޯޑަން ރަމްސޭއާ ބައްދަލުކުރުން ހިމެނެއެވެ.