މަޝްހޫރު ލަވަކިޔުންތެރިޔާ އަދި އެކްޓަރު ޕްރިޔަންކާ ޗޯޕްރާގެ ފިރިމީހާ ނިކް ޖޯނަސް އަށް އިންފްލުއެންޒާ އޭ ޖެހިފައިވާ ކަން ހާމަކޮށް ވީޑިއޯއެއް އާންމުކޮށްފިއެވެ.

އިއްޔެ އިންސްޓަގްރާމްގައި ނިކް ވަނީ އޭނާގެ ހާލު ގޯސްވުމުގެ ސަބަބުން ސްޓޭޖުގައި ޕާފޯމް ނުކުރެވޭނެ ކަން އިއުލާންކޮށްފައެވެ.

އެ ވީޑިއޯގައި އޭނާ ވަނީ ސަޕޯޓަރުންގެ ކިބައިން މައާފަށް ވެސް އެދިފައެވެ. ނިކް އިތުރަށް ބުނެފައިވާގޮތުގައި ޖޯނަސް ބްރަދާސްގެ ޝޯ ތާރީހުތައް އަލުން ޝެޑިއުލްކޮށްފައިވާ ކަމަށެވެ.

ކެވިން ޖޯނަސް، ނިކް ޖޯނަސް އަދި ޖޯ ޖޯނަސް ހިމެނޭ މި ގްރޫޕް މި ހަފުތާ ބަންދުގައި މެކްސިކޯގައި ޕާފޯމް ކުރުމަށް އޮތީ ހަމަޖެހިފައެވެ.

އެ ވީޑިއޯގައި ނިކް ބުނެފައި ވަނީ "އެހާ މަޖާ ނޫން ހަބަރެއް ހިއްސާކުރަން މި އުޅެނީ. މީގެ ދެދުވަސް ކުރިން އަހަރެންނަށް ކޮންމެވެސް ވަރެއްގެ އުނދަގުލެއް އިހުސާސް ކުރެވުނީ. ހޭލިއިރު އަޑުވެސް ނެތް، ފާއިތުވި ދެތިން ދުވަހު ތެރޭގައި، މިކަން ދިޔައީ މަޑުމަޑުން ގޯސްވަމުން. ހުން އައިސް، ގައިގައި ރިއްސުމާއި ކަރުގައި ރިއްސުމާއި ކެއްސުން ފަދަ ކަންކަންވެސް ދަނީ ވަމުން،". އޭނާ ބުނެފައި ވެއެވެ.

އަދި ޑޮކްޓަރު ޗެކަޕް ހެދުމަށްފަހު އޭނާގެ ހާލު "ރަނގަޅުނުވާ" ކަމަށްވެސް ނިކް ބުނެފައި ވެއެވެ.

އޭނާ ވަނީ މިކަމާއި ހެދި މައާފަށް އެދިފައެވެ.

"އަހަރެން މައާފަށް އެދެން. އެންމެ މާޔޫސް ކުރެވުނީތީ ހިތްހަމަވެސް ނުޖެހޭ. އަހަރުމެންނަށް ސަޕޯޓް ދިނުމަށް ތި އެންމެންވެސް ވަރަށް ގިނަ ކަންކަން ކުރޭ. ވަރަށް ގިނަ މީހުން އެ ޝޯއަށް ދިއުމަށް ދަތުރުވެސް ކޮށްފައިވޭ. މިކަމާ މެދު އަހަރެންގެ ހިތް ހަލާކުވެއްޖެ،".

އޭނާ ވަނީ ބަލިން ރަނގަޅު ވުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް ބުނެފައެވެ.

 

View this post on Instagram

 

A post shared by Jonas Brothers (@jonasbrothers)


އަދި އޭނާއަށް ޖެހުނީ އިންފްލުއެންޒާ އޭކަން ވަނީ ކަށަވަރުކޮށްދީފައެވެ. އަދި ލަވަ ނުކިޔޭ ކަމަށާއި، މެކްސިކޯގެ ޝޯވގައި އޭނާއަށް ޕާފޯމް ނުކުރެވޭނެ ކަމަށް ވެސް ބުނެފައި ވެއެވެ.

މި ޝޯވތައް މިހާރު މެކްސްކޯގައި ޝެޑިއުލްކޮށްފައި ވަނީ އޮގަސްޓް މަހަށެވެ.

ޖޯނަސް ބްރަދާސްގެ ޝޯ ދެން އޮންނާނީ އަޔަލޭންޑްގައެވެ. އޭގެ ފަހުން ސެޕްޓެމްބަރު މަހު އިނގިރޭސިވިލާތް، އޮސްޓްރިއާ، ޖަރުމަނު، ސްޕެއިން، އިޓަލީ އަދި ސްވިޒަލޭންޑްގައި އޮންނާނެއެވެ. އެންމެ ފަހު ޝޯ އޮންނާނީ އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހު ޕޮލެންޑުގައެވެ. މި އަހަރު އެ މީހުންގެ ފުރަތަމަ ޝޯ ބާއްވާފައި ވަނީ މިދިޔަ ފެބްރުއަރީ މަހު ނިއުޒީލެންޑުގައެވެ.