އަމިއްލައަށް މަރުވާ މީހުން އިތުރުވަމުން އަންނަކަމަށް ސިއްހަތާއި ބެހޭ މާހިރުންވެސް ދަނީ އަންގަމުންނެވެ. އެހެން ނަމަވެސް އެކަން ހުއްޓުވަން އެބަ ޖެހެއެވެ. އެކަމުގެ ނުބައިކަން ކިޔާދޭން ޖެހެއެވެ.

ދާދިފަހުން އިންޑިއާގައިވެސް މިވަނީ އެފަދަ ހާދިސާއަކުން މީހަކު ސަލާމަތްކޮށްދީފައެވެ. މިފަހަރު އެ މީހާ ސަލާމަތްކޮށްދިނީ ފުލުހެކެވެ. އެއީ ޓްރެފިކް ބެލެހެއްޓުމުގައި ހަރަކާތްތެރިވި ފުލުހެކެވެ.

ރައުޕޫރްގެ ބުރިޖެއްގެ މަތީގައި ދަން ޖެހެންވެގެން އުޅުނު ޒުވާނާ ސަލާމަތްކޮށްދިން ފުލުހަކީ،އެ ދުވަހު ހެނދުނު އެތަނުގެ ކައިރީ ޓްރެފިކް ބަލަހައްޓަންވެގެން ޑިއުޓީއަށް ނުކުތް ފުލުހެކެވެ. އެހެން ނަމަވެސް އޭނާއަށް އެތަނުގެ ޓްރެފިކް ބަލަހައްޓަން ހުރުމަށްވުރެ އެ ޒުވާނާ ސަލާމަތްކުރުން މާ މުހިންމު ކަމެއްގެ ގޮތުގައި ދެކުނެވެ.

ޖަވާން ޗަންދްރާ ނަމަކަށް ކިޔާ އެ ފުލުސް މީހާ އެކަން ފުލުހުންގެ އިދާރާއަށްވެސް އެންގިއެވެ. އޭނާ އެ ޒުވާނާ މަރުން ސަލާމަތްކުރަން ޖެހުނީ އެ ހިސާބަށް ފުލުހުންނަށް އާދެވުން ލަސްވާހެން ހީވާތީއެވެ،

އޭނާ އެ ބުރިޖަށް އަރަން ފުރަތަމަ މަސައްކަތް ކުރީ ހަރުގަނޑެއް ބޭނުންކޮށްގެންނެވެ. ނަމަވެސް އެ ހަރުގަނޑު އެ ހިސާބަށް ނުފޯރައެވެ. އެހެންވިޔަސް، އެހެން ގޮތަކުން އޭނާ ބުރިޖަށް އަރާ އެ މީހާ އަމިއްލައަށް މަރުވުމުގެ ކުރިން ސަލާމަތްކޮށްދިނެވެ. އެހެންވެ ޗަންދްރާއަށް ހާއްސަ އިނާމެއް ވެސް ދިނުމަށް ވަނީ ނިންމާފައެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އަމިއްލައަށް މަރުވުމަށް މަސައްކަތް ކުރި ޒުވާނާއަކީ ސިކުނޑީގައި މައްސަލަތަކެއް ހުރި މީހެކެވެ. އަދި އޭނާ އެ އަވަށަށް އައިސްފައި ވަނީވެސް ފަރުވާ ހޯދުމަށެވެ.

ކިޔުންތެރިންގެ ހިޔާލު