އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ބޮލީވުޑްގެ މަޝްހޫރު ތަރި ރަންބީރް ކަޕޫރް އަދި ސައީ ޕައްލަވީގެ ފިލްމު ރަމަޔަނާގެ ޝޫޓިން ހުއްޓިއްޖެއެވެ.

މި ފިލްމުގެ ޝޫޓިން ފެށިފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ. ޝޫޓިން ހުއްޓުނު ސަބަބަކަށް ބުނެފައިވަނީ ކޮޕީ ރައިޓް އުނިކުރުމުގެ ސަބަބުންނެވެ.

މި ފިލްމުގެ ކާސްޓުންނަށް ބަލާއިރު ރަންބީރް ކަޕޫރާއި، ސައީ ޕައްލަވީ އަދި ޔަޝް ފާހަގަ ކޮށްލެވެއެވެ.

ގާނޫނީ ގޮތުން ޖެހުނު މައްސަލަ ތަކުގެ ސަބަބުން ފިލްމުގެ މަސައްކަތްތައް މަޑުޖެހިފައިވާއިރު، އެ މަސައްކަތްތައް އަލުން ފެށެން ދުވަސްކޮޅަކަށް ދެމިގެންދާނެ ކަމަށް ބެލެވެއެވެ.

މި ލަސްވުމުން ލީޑް އެކްޓަރުންނަށް ޝެޑިއުލިންގ މައްސަލަތައް ދިމާވަމުންދެއެވެ. މިގޮތުން ރަންބީރު ކަޕޫރު މަސައްކަތް ކުރަން ހަމަޖެހިފައިވާ ސަންޖޭ ލީލާ ބަންސާލީގެ ‘ލަވް އެންޑް ވާރ’ގެ މަސައްކަތް ހިމެނެއެވެ.

ވަގުތީ ގޮތުން މެދުކަނޑާލި ނަމަވެސް ޕްރޮޑަކްޝަން ހައުސްއިން ވަނީ އެ ޕްރޮޖެކްޓްގެ މަސައްކަތް ހުއްޓާނުލާނެ ކަމުގެ ޔަގީންކަން ސަޕޯޓަރުންނަށް ދީފައެވެ. އެ ޓީމުން ދަނީ ގާނޫނީ ކަންކަން ހައްލުކުރުމަށް ގަދައަޅައި މަސައްކަތް ކުރަމުން ކަމަށާއި ދުވަސްކޮޅެއްގެ ތެރޭގައި އަލުން ފިލްމުގެ މަސައްކަތް ފެށިދާނެ ކަމުގެ ސިގްނަލް ލިބިފައިވާ ކަމަށް ވެސް ބުންޏެވެ.

މި ފިލްމަކީ ދެ ޕާޓް ނެރޭނެ ފިލްމެކެވެ.

ރަމަޔަނާގެ ފުރަތަމަ ބައި 2027 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ރިލީޒްކުރާނެ ކަމަށް ބެލެވެއެވެ. މި ފިލްމުގެ މަގުސަދަކީ ބެލުންތެރިން އާދަޔާ ހިލާފު ވިޝުއަލް ދަތުރަކަށް ގެންދިއުމެވެ.