އޯގަސްޓް މަހުގެ 31 ވަނަ ދުވަހު ރިލީޒް ކުރި ކާމިޔާބު ބޮލީވުޑް ފިލްމް "ސްޓްރީ"އަށް މިހާތަނަށް 100 ކުރޯޑް ރުޕީސް އަށްވުރެން ގިނައިންވެސް ލިބިފައިވާއިރު، ފިލްމަށް ލިބެމުންދާ ކާމިޔާބީއާއި އެއްވަރަށް ފިލްމުން ފެނިގެންދާ ފިރިހެން ލީޑް ތަރި ރާޖްކުމާރް ރާއޯ އަށް ލިބެމުންދާ ތައުރީފާއި ތަރުހީބު ވެސް ދަނީ ބޮޑުވަމުންނެވެ.

ރާޖް މިހާރު އެހެން ފިލްމެއްގެ މަސައްކަތް ކުރުމަށް ތައްޔާރުވަމުންދާއިރު، "ސްޓްރީ"ގެ ކާމިޔާބީ އަށްފަހު އޭނާގެ ވަނީ ކުރިއަށް ހުރި ފިލްމުތައް ކުޅެދޭ އަގު ބޮޑު ކުރުމަށް ނިންމާފައި ކަމަށް ފަހުގެ ރިޕޯޓްތައް ބުނެއެވެ.

ރާޖް ބުނެފައިވަނީ، "ސްޓްރީ"ގައި އޭނާ ދެއްކި އެކްޓަށް ގިނަ ބައެއްގެ ތައުރީފް ލިބޭތީ އުފާވާ ކަމަށާއި މިއީ އޭނާއަށް އޮތް ޑިމާންޑްވެސް ބޮޑުވި ސަބަބެއް ކަމަށެވެ.

"ވަރަށް އުފާވޭ ކުރިއަށްވުރެވެސް ބޮޑަށް މިހާރު ފިލްމު ތަކުން ފުރުސަތު ލިބި ޑިމާންޑް ބޮޑު ވާތީ. އެއީ މި ފިލްމުގެ ސަބަބުން ކަމަށް ގަބޫލް ކުރަނީ. އެހެންވެ ޑިމާންޑް ވެސް އޮތީމަ އިތުރަށް ދެން ކުޅޭ ފިލްމްތަކުން ނަގާ ފީ ބޮޑު ކުރަން މި ވިސްނަނީ" ރާޖް ބުނެފައިވެއެވެ.

ބިރުވެރި ކަންތައްތަކެއްވެސް ދައްކުވައިދޭ އެހެންނަމަވެސް ކޮމެޑީ މި ފިލްމުގައި ރާޖްގެ އިތުރުން އެކްޓްރެސް ޝްރައްދާ ކަޕޫރާއި ޕަންކަޖް ޓްރިޕަތީ އާއި އަޕާޝަކްތީ ހުރާނާ ފަދަ ފަންނާނުންވެސް ފެނިގެންދާނެއެވެ.

މަޝްހޫރް ޕްރޮޑިއުސަރުންގެ ތެރެއިން ޑިނެޝް ވިޖަންއާއި ރާޖް އަދި ކްރިޝްނާ ޑީކޭ ގުޅިގެން އުފެއްދި "ސްޓްރީ" ޑައިރެކްޓްކޮށްފައި ވަނީ އަމަރް ކައުޝިކްއެވެ.

ކިޔުންތެރިންގެ ހިޔާލު