ސައުދީ އަރަބިއްޔާ އިން ފުރައިގެން ފިލިޕީންސަށް ދަތުރު ކުރި ފްލައިޓެއްގެ ތެރެއަށް އަންހެނަކު ވިހައިފިއެވެ.

ސައުދީ އަރަބިއްޔާގެ ފްލައިޓެއް ފިލިޕީންސަށް ކުރި ދަތުރުގެ ގާތްގަނޑަށް މެދާއި ހަމައިން އަންހެން މީހާގެ ބަނޑުގައި ރިއްސައިގަތް އިރު އަވަހަށް އެމަޖެންސީ ލޭންޑިންއެއް ކުރެވޭ ހިސާބުގައި އެއާޕޯޓެއް ނެތެވެ. އެހެންކަމުން ކެބިން ކްރޫ އިން ވަނީ ފްލައިޓްގައި ޑޮކްޓަރަކު ހުރިތޯ ސުވާލު ކޮށްފައެވެ.

ނަސީބު ރަނގަޅު ކަމުން ފްލައިޓްގައި ރިޔާދްގެ އަސްޓާ ސަނާދް ހޮސްޕިޓަލްގެ އަންހެނުންގެ ޑޮކްޓަރެއް ކަމަށްވާ ޑރ.ޖެން ސަރަތު އިންނެވިއެވެ. ޖެން ވަނީ ވަގުތުން މާބަނޑު މީހާ އަށް އެހީވާން ފަށާފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ގިނަ އިރުތަކެއް ނުވެ މާބަނޑު މީހާ ވަނީ ވިހާފައެވެ. ވިހެއުމުގެ ތެރޭގައި އެއްވެސް މައްސަލައެއް ދިމާވެފައެއް ނުވެއެވެ. ދެމައިންގެ ހާލު ވެސް ރަނގަޅު ކަމަށް ރިޕޯޓްތައް ބުނެއެވެ.

ހަތް އަހަރު ދުވަސް ވަންދެން ސައުދީ އަރަބިއްޔާގައި މަސައްކަތް ކުރައްވާފައިވާ ޑޮކްޓަރު ޖެން ވިދާޅުވީ އޭނާ ވަރަށް ގިނަ އަންހެނުން ވިއްސުމުގައި ބައިވެރި ވެވިފައިވާ ކަމަށާއި ނަމަވެސް މިއީ މިފަދަ އާދަޔާއި ހިލާފު ތަޖުރިބާއެއް ކުރަން ޖެހުނު ފުރަތަމަ ފަހަރު ކަމަށެވެ.

"އަހަރެން ވަރަށް އުފާވެއްޖެ މިފަދަ ތަފާތު، އާދަޔާއި ހިލާފު ހާލަތެއްގައި ވެސް މަންމަ އަކާއި ތުއްތު ދަރިފުޅު ސަލާމަތް ކުރުމުގައި އަހަރެންނަށް އެހީއެއް ވެދެވުނީތީ." ޑރ.ޖެން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު