އަންނަ މަހުގެ 15 ވަނަ ދުވަހު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ފިލްމީ ތަރި ނިއުމާ މުހައްމަދުގެ ވަދާއީ ފިލްމު "ނިވައިރޯޅި" ރިލީޒް ކުރުން ލަސްވެއްޖެ ކަމަށް އޭނާ ބުނެފިއެވެ.

މި ފިލްމުގެ ފޭސްބުކް ޕޭޖްގައި މިއަދު އަޕްލޯޑްކޮށްފައިވާ ވީޑިޔޯ އެއްގައި ނިއުމާ މިހެން ބުނެފައިވާއިރު، އޭނާ ވަނީ މިކަމަށްޓަކައި ބެލުންތެރިންގެ ކިބައިން މާފަށް އެދޭ ކަމަށާއި ފިލްމުގެ ރިލީޒިން ލަސްވެފައިވަނީ އަންނަ އަހަރަށް ކަމަށްވެސް ބުނެފައެވެ.

"ރޯގާ ގެހިގެން އަޑު ދިޔަ ގޮތަށް މިހާރު 2 މަސް ވެއްޖެ އަޑު ނައިސްގެން އުޅޭތާ. އެހެންވެ ފިލްމަށް ޑަބް ނުކުރެވިގެން ފިލްމު އެބަ ޖެހޭ ލަސްކޮށްލަން. އެނގޭ ދެރަ ވާނެކަންވެސް. އެކަމު އުންމީދުކުރަން އިންތިޒާރު ކުރާނެ ކަމަށް. ވަރަށް ވަރަށް ބޮޑަށް ސޮރީ މި އަހަރު ފިލްމު ރިލީޒް ނުކުރެވޭތީވެ." ނިއުމާ "ނިވައިރޯޅި"ގެ ފޭސްބުކް ޕޭޖަށް އަޕްލޯޑް ކޮށްފައިވާ ވީޑިއޯ ކޮޅުގައި ބުނެފައިވެއެވެ.

https://www.facebook.com/new.mer.1/videos/2184046855218207/UzpfSTE2OTkyODQyNjk3MDAzMToyNzE4NzkwODY3NzQ5NjQ/

މި މަހުގެ 21 ވަނަ ދުވަހު "ނިވައިރޯޅި" ގެ ޓްރެއިލާ އާއި އޮފިޝަލް ލަވަ އަދި ޕޯސްޓަރު ވެސް ވަނީ އާންމުކޮށްފައެވެ.

ބޮޑު ކާސްޓަކާއިއެކު ނިއުމާ ޕްރޮޑިއުސްކޮށްފައިވާ މި ފިލްމާއި ގުޅޭ ގޮތުން މީގެ ކުރިން "ވަގުތު" އާ ވާހަކަ ދައްކަމުން ނިއުމާ ބުނީ އޭނާގެ ފިލްމީ ދާއިރާގެ އެންމެ ފަހު މަސައްކަތް ކަމުގައިވާ މި ފިލްމަކީ ބެލުންތެރިންނަށް ދޫކޮށްލާ ހަދިޔާއެއް ކަމަށެވެ.

މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ހިމެނެނީ އައިމިނަތު ރިޝްފާ، އަހްމަދު ޒިޔާ، އަހްމަދު ސައީދު، އަހްމަދު އަޒްމީން (އަޒޭ)، ނާޝިދާ މުހައްމަދު (ނާއްކޮ)، އަހްމަދު އާސިފް، އައިމިނަތު އިޝާލް ރަޝީދު، އަޖްނާޒް އަލީ، އިސްމާއިލް ޒާހިރު ، އައިމިނަތު ރަޝީދާ (އައިންތު)، މަރިޔަމް ޝަކީލާ، މަރިޔަމް ހަލީމް، ޔޫސުފް ޝަފީއު (ޔޫއްޕެ)، ފާތިމަތު ޒީނަތު (ޒީތު)، އަދި ނިއުމާ މުހައްމަދެވެ.

މާލޭގެ އިތުރުން ރ.އިނގުރައިދޫގައި ޝޫޓް ކޮށްފައިވާ މި ފިލްމު ގެ ސްކްރިޕްޓް ލިޔެ އަދި ފިލްމު ޑައިރެކްޓްވެސް ކޮށްފައިވަނީ އެތަކެއް ފިލްމުތަކެއް ޑައިރެކްޓްކޮށްފައިވާ މަޝްހޫރް ޑައިރެކްޓަރު މޫމިން ފުއާދެވެ.

https://www.facebook.com/Nivairoalhi/videos/333563964058036/