އާއިލާގެ ނުރުހުމުގައި ކައިވެނިކޮށް ދިރިއުޅެމުންދާ އެތައް ބަޔަކު އެބަތިއްބެވެ. އާއިލާ ނުރުހޭ މީހަކާއި ކައިވެނިކޮށްގެން އުޅޭ މީހުންވެސް އުޅެއެވެ. އާއްމުކޮށް މިގޮތަށް ކުރެވޭ ކައިވެނި ތަކަކީ މާބޮޑަށް ލޯބިވުމުގެ ސަބަބުން އާއިލާ ނުގަބޫލުވި، ނަމަވެސް ދެ މީހުން އެކަކު އަނެކަކަށް އުޅެވެން ފެންނާތީ ކުރާ ކައިވެނި ތަކެވެ.

މިގޮތަށް ކުރާ ކައިވެނިތަކުގެ ސަބަބުން އާއިލާގެ ގުޅުން ކެނޑިގެން ދާ ފަހަރުވެސް އާދެއެވެ. ނަމަވެސް މި ދެ މަފިރިންނަށް ދިމާވީ އެހެނެއް ނޫނެވެ. އާއިލާ ނުގަބޫލު މީހަކާއި، ކައިވެނި ކުރި އަންހެނެއްގެ ގަޔަށް ބަޑި ޖަހާފައި މި ވަނީ އޭނާގެ ބޭބެއެވެ.

އިންޑިއާގެ އުއްތަރްޕަރަދޭޝްގައި މި ހާދިސާ ހިނގާފައި ވަނީ، އެ އަންހެން މީހާ މަސައްކަތު ދިއުމަށް މަގުމައްޗަށް ނުކުމެ އުޅެނިކޮށެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ އަންހެން މީހާގެ ގަޔަށް ބަޑިޖަހާފައި ވަނީ، އޭނާގެ ބޭބެއެވެ. އެ އަންހެން މީހާއަށް މިހާރު ހޮސްޕިޓަލްގައި ފަރުވާދެމުން އަންނައިރު، އޭނާގެ ހާލު ވަރަށް ސީރިއަސްކަމަށް ރިޕޯޓްތައް ބުނެއެވެ.

ލޯބީގެ ގޮތުން ގުޅިގެން އުޅުނު މި ދެމަފިރިން ކައިވެނިކޮށްފައި ވަނީ މީގެ ދުވަސްކޮޅެއް ކުރިންނެވެ. އަންހެން މީހާގެ އާއިލާއިން އެކަމާއި ވަނީ ވަރަށް ބޮޑަށް ނުރުހިފައެވެ.

ފުލުހުން ބުނީ، އެ މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށެވެ. އަދި އެ އަންހެން މީހާގެ ބޭބެ ހައްޔަރުކޮށްފައިވާކަމަށްވެސް ފުލުހުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު