މިސްރުގެ ރީތީގެ ރާނީއެއް އަދި މަޝްހޫރު މޮޑެލްއެއް ކަމަށްވާ މެރިހާން ހުސައިން ދެ ފުލުހަކަށް ހަމަލާ ދިން މައްސަލައެއް ސާބިތުވެ، އޭނާ ދެއަހަރަށް ޖަލަށް ލުމަށް އެގައުމުގެ ކޯޓަކުން ޙުކުމް ކޮށްފިއެވެ.

މެރިހާނާ އަށް ޖަލު ޙުކުމެއް އައީ މަސްތުވެގެން އިނދެ ކާރު ދުއްވާ ކަމަށް ތުހުމަތު ކުރެވިގެން ފުލުހުން އޭނާ ހުއްޓުވުމުން ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ދެ ފުލުހަކަށް ހަމަލާ ދިނުމުންނެވެ. ދެ ފުލުހަކަށް ހަމަލާ ދިނުމުގެ އިތުރުން މެރިހާނާ ބަނގުރާ ބޮއެގެން ހުރި ކަން ވެސް ވަނީ ސާބިތުވެފައެވެ.

ދެއަހަރުގެ ޖަލު ޙުކުމުގެ އިތުރުން 1600 އެމެރިކާ ޑޮލަރުން މެރިހާނާ ޖޫރިމަނާ ކުރަން ވެސް ކޯޓުން ވަނީ ޙުކުމް ކޮށްފައެވެ.

މެރިހާނާގެ މައްޗަށް ޙުކުމް ކުރީ ގާހިރާގެ މެޖިސްޓްރޭޓް ކޯޓަކުންނެވެ.

މެރިހާނާ ބުނެފައި ވަނީ އޭނާ ފުލުހަކަށް އަނިޔާ ކޮށްފައި ނުވާނެ ކަމަށާއި ނަމަވެސް ދެ ފުލުހުން އޭނާ އަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށެވެ.

ނަމަވެސް ކޯޓުން ނިންމީ މެރިހާނާ އަށް ދެ ފުލުހުން ޖިންސީ ގޯނާ ކޮށްފައިވާ ކަމުގެ ހެއްކެތް ނެތް ކަމަށެވެ. އެއީ ހާދިސާ ހިނގި ސަރަހައްދުގެ ސީސީޓީވީ ފުޓޭޖުން އެފަދަ މަންޒަރެއް ފެނިފައި ނުވާތީ އެވެ.

އުމުރުން 36 އަހަރުގެ މެރިހާނާ ވަނީ މޮޑެލް ކުރުމުގެ އިތުރުން ފިލްމް ވެސް ކުޅެފައެވެ. އޭނާ އަކީ މިސްރު މީހުންގެ މެދުގައި ވަރަށް މަގުބޫލް މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު