ތައިލެންޑްގެ ހޮހޮޅައެއްގެ ތެރޭގައި ތާށިވެ، މުޅި ދުނިޔޭގެ ސަމާލުކަން ލިބުނު ފުޓްބޯޅަ ޓީމް އެމެރިކާގެ މަޝްހޫރު ޓީވީ ޝޯވ "އެލެން" އަށް ގޮސް، އެމީހުންގެ ވާހަކަތައް ފުރަތަމަ ފަހަރަށް ބޮޑު ޓީވީ ޝޯވ އެއްގައި ހިއްސާ ކޮށްފައެވެ.

"ވައިލްޑް ބޯސް" ގެ ނަން ދީފައިވާ ޓީމްގައި ހިމެނޭ 12 ކުޅުންތެރިންނާއި އެކުދިންގެ ކޯޗް ހޮހޮޅައިގައި ތާށިވީ މިދިޔަ ޖުލައި މަހު އެވެ.

އެލެން ޑިޖެނެރަސް ގެނެސްދޭ ޓީވީ ޝޯވ ގައި އެލެން ވަނީ އެކުދިންނަށް ވަރަށް ބޮޑު ހަދިޔާއެއް ވެސް ދީފައެވެ. އެއީ އެކުދިން އެންމެ ސަޕޯޓް ކުރާ ފުޓްބޯޅަ ކުޅުންތެރިޔާ ޒްލްޓަން އިބްރަހިމޮވިޗް އާއި ބައްދަލު ކޮށްލުމުގެ ފުރުސަތެވެ. އިބްރަހަމޮވިޗް ވަނީ ހުރިހާ ކުޅުންތެރިންނަށް އޭނާގެ ޖޯޒީއެއް ޝޯވ ގައި ހަދިޔާ ކޮށްފައެވެ. އަދި އިބްރަހަމޮވިޗްގެ އެލްއޭ ގެލެކްސީ ދެން ކުޅެން އޮންނަ މެޗް ބަލާލުމަށް ހުރިހާ ކުދިންނާއި ކޯޗަށް ވަނީ ޓިކެޓް ވެސް ދީފައެވެ.

ތަރުޖަމާނެއްގެ އެހީގައި ވާހަކަ ދައްކަމުން ކުދިން ބުނީ އެކުދިން ހޮހޮޅައިން ނެރެން ފަހަރަކު ކުއްޖަކު ޑައިވަރުންގެ އަތްމަތީގައި ކުރި އުނދަގޫ ދަތުރުގެ ހަނދާން ނެތް ކަމަށެވެ. އެއޮޕަރޭޝަން ކުރިއަށް ގެންދިޔައީ އެކުދިން ބިރުގެންފާނެތީ ބޭސްދީ ނިންދަވާލައިގެންނެވެ.

ކުރި އަށް އޮތްތަނުގައި ކުރަން ބޭނުން ވަނީ ކޮން ކަމެއްތޯ އެލެން ސުވާލު ކުރުމުން އެކުދިން ބުނީ ބޭނުން ވަނީ ރަނގަޅަށް ކިޔަވައިގެން ރަނގަޅު ވަޒީފާއެއް ހޯދަން ކަމަށެވެ. އަދި ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުންތެރިންނަށް ވާން ވެސް ބޭނުންވާ ކަމަށާއި އެއީ އާއިލާ އަށް އެހީތެރިވާން ކަމަށް އެކުދިން ބުންޏެވެ.

ހޮހޮޅައިން ސަލާމަތްވި ކުދިންނަށް މިހާރު ވެސް ވަރަށް ގިނަ ގައުމުތަކުންނާއި ފުޓްބޯޅަ ލީގްތަކުން އަދި ޓީމްތަކުން ވަނީ ތަފާތު ދައުވަތުތައް ލިބިފައެވެ.