2018 ވަނަ އަހަރު ތެރޭގައި ތައިލެންޑްގެ ހޮހޮޅައެއްގައި ތާށިވި ފުޓްބޯޅަ ޓީމްގައި ހިމެނޭ ކުޅުންތެރިއަކު އިނގިރޭސިވިލާތުގައި މަރުވެއްޖެއެވެ.

ވައިލްޑް ބޯސް" ނަމަކަށް ކިޔާ އެކަޑާމީގެ 12 ކުދިންނާއި އެމީހުން ކޯޗް ޗިއަންގް ރާއި ޕްރޮވިންސްގެ ތަމް ލުއަންގް ހޮހޮޅައަށް ވަނީ 2018 ވަނަ އަހަރުގެ ޖޫން 23 ވަނަ ދުވަހު އެވެ. އެމީހުން ހޮހޮޅައަށް ވަންފަހުން ހޮހޮޅައިގައި ފެންބޮޑުވެ ބޭރަށް ނިކުމެވޭނެ ގޮތެއް ނެތި ހޮހޮޅައިގައި ތާށިވިއެވެ.

ކުދިންނާއި ކޯޗް ހޮހޮޅައިގައި ތާށިވެފައި ތިބި ހިސާބަށް ޑައިވަރުންނަށް ދެވުނީ ވެސް ނުވަ ދުވަސް ފަހުންނެވެ. ހުރިހާ ކުދިންނާއި ކޯޗް ސަލާމަތުން ހޮހޮޅައިން ނެރެވުނީ ހޮހޮޅައިގައި ތާށިވިތާ ގާތްގަނޑަކަށް އެއްމަސް ދުވަސް ފަހުންނެވެ.

އެ ޓީމުގައި ހިމެނޭ ޒުވާން 12 ފުޓުބޯޅަ ކުޅުންތެރިންގެ ތޭރޭގައި ހިމެނޭ ޑުއަންގްޕެޗް ޕްރޮމްތެޕް މަރުވެފައިވާކަން މީޑިއާތަކުން ވަނީ ކަށަވަރު ކޮށްފައެވެ.

2018 ވަނަ އަހަރު ތެރޭގައި ތާށިވި މި ޓީމް ސަލާމަތް ކުރުމަށް ގާތްގަނޑަކަށް 100 ޑައިވަރުންގެ ޓީމަކުން މަސައްކަތް ކުރިއެވެ.

އެމީހުންގެ ވާހަކައާއި އެންމެ ފަހުން ސަލާމަތްކުރި ވާހަކައަށް ދުނިޔޭގެ ސަމާލުކަން ލިބުނެވެ.

ޕްރޮމްތެޕް މަރުވި ސަބަބެއް އަދި ނޭނގުނު ނަމަވެސް ރިޕޯޓްތައް ބުނާ ގޮތުން އެ ކުއްޖާގެ ބޮލަށް ވަނީ އަނިޔާވެފައެވެ.
އުމުރުން 17 އަހަރުގައި 2022 ވަނަ އަހަރުގެ ފަހުކޮޅު ލެސްޓާގެ ބްރޫކް ހައުސް ކޮލެޖް ފުޓްބޯލް އެކަޑަމީއަށް އޭނާ ވަނީ ނަން ނޯޓުވެސް ކޮށްފައެވެ.

ޕްރޮމްތެޕް އަކީ ވައިލްޑް ބޯޑްސްގެ ކެޕްޓަނެވެ.