އިންޑިއާގައި 100 އަހަރުގެ އަންހެނަކު ރޭޕްކުރި 20 އަހަރުގެ މީހަކު ހައްޔަރުކޮށްފިއެވެ.

100 އަހަރުގެ މާމަ ރޭޕްކޮށްފައި ވަނީ، ގޭގައި އޮއްވާއެެވެ. އަދި އެކަން އާއިލާ މީހުންނަށް އެނގުނީ، ޖިންސީ އަނިޔާ ލިބެމުން ދިޔަ ވަގުތު އެ މާމަ އެހީތެރިކަމަށް އެދި ހަޅޭލަވާގަތުމުންކަމަށް ރިޕޯޓްތައް ބުނެއެވެ،

ވެސްޓް ބެންގަލްގައި މި ހާދިސާ ހިނގިއިރު، އެ މާމަ އެހީތެރިކަމަށް އެދި ގޮވުމުން އާއިލާ މީހުން ބެލިއިރު، 20 އަހަރުގެ ޒުވާނާ އޮތީ އެނދުދަށުގައި ފިލައެވެ. އަދި އޭގެ ކުޑައިރުކޮޅެއް ފަހުން އެ ޒުވާނާ ވަނީ ހައްޔަރުކޮށްފައެވެ.

އެ އަންހެން މީހާއަށް މާމަ ކިޔާ ކުއްޖަކު މީޑިއާތަކަށް މައުލޫމާތުދެމުން ބުނީ، ފުރަތަމަ ގޭތެރެއިން އަޑުއިވެން ފެށި ފާޑެއްގެ އަޑެއް ކަމަށެވެ.

"ދެން އަހަރެން ކުޑަދޮރުން ބެލީ ގޭތެރޭގައި ކަމެއް ވެގެން އުޅޭތޯ. އަދި އެ މަންޒަރު ފެނުމުން އެހެން މީހުންގެ އެހީތެރިކަމަށް އެދި ގޮވިން". އޭނާ ބުންޏެވެ.

އެ މާމަ ރޭޕްކުރި މީހާ ކޯޓުގެ ބޭރުގައި ބުނީ، އޭނާއަށް އެކަން ކުރެވުނީ މަސްތުހާލުގައި ހުރެގެން ކަމަށެވެ.

ފުލުހުންނާއި ހަވާލާދީ ރިޕޯޓްތައް ބުނާގޮތުގައި، އެ މާމަ ރޭޕްކޮށްފައި ވަނީ އެކަނި ކޮޓަރީގައި ނިދަން އޮއްވާ ކަމަށެވެ. އަދި އެވަގުތު ގެ ހުރީ ތަޅުނުލާކަމަށްވެސް ވެއެވެ. އަދި އާއިލައަށް އެކަން އެނގިގެން ދިޔައީ، އެ މާމަ ރޯ އަޑަށް ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

އެ ހާދިސާއަށްފަހު އެ މާމައަށް ހޮސްޕިޓަލްގައި ވަނީ ފަރުވާދީފައެވެ. އަދި އެ ޒުވާނާއަށް ހައްޔަރުކޮށްފައިވާއިރު، އޭނާގެ މައްސަލަ ކޯޓުގައި ދަނީ ކުރިއަށެވެ.