އިންޑިއާގެ ކްލިނިކެއްގައި ނަރުހަކު ރޭޕް ކުރި ޑޮކްޓަރަކު ހައްޔަރު ކޮށްފިއެވެ.

ރިޕޯޓްތަކުން ބުނާ ގޮތުގައި އެހާދިސާ ހިނގާފައިވަނީ އެގައުމުގެ ދިއްލީގެ އިރުއުތުރުން އޮންނަ ނަންގަރި ސަރަހައްދުގައި ހިންގަމުން އަންނަ ކްލިނިކެއްގައެވެ.

އެގައުމުގެ ފުލުހުންނާއި ހަވާލާދީ މީޑިއާ ރިޕޯޓްތަކުން ބުނާ ރޭޕް ކޮށްފައިވަނީ އެތަނުގައި މަސައްކަތް ކުރާ 34 އަހަރުގެ ނަރުހެއް ކަމަށާއި ހާދިސާ ހިނގާފައިވަނީ 2021 ވަނަ އަހަރުގެ ތެރޭގައި ކަމަށެވެ.

ރިޕޯޓްތަކުން ބުނާ ގޮތުގައި އެހާދިސާއާއި ގުޅިގެން އެ ޑޮކްޓަރު ހައްޔަރު ކޮށްފައިވަނީ މިއަދުގެ ވަގުތެއްގައެވެ. އެ ނަރުސް މީހާ ވަނީ އެ ފިރިހެން މީހާ އޭނާ ރޭޕްކޮށް، ބަރަހަނާ ހާލުގައި ވީޑިއޯ ނެގި ކަމަށް ވެސް ބުނެފައެވެ. އަދި އޭނާގެ އަތުން 7 ލައްކަ ރުޕީސް ވެސް އަތުލައިގެންފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

މިހާދިސާއާއި ގުޅިގެން ކްލިނިކް ވެސް ބަންދުކޮށް މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އިންޑިއާގައި ޑޮކްޓަރަކު ނަރުހަކު ރޭޕް ކޮށްލާފައިވާއިރު، އެގައުމުގައި ކޮންމެ ދުވަހަކު ގޮތަކަށް އަންހެނުންނަށް ކުރާ އެކި ކަހަލަ އަނިޔާގެ ވާހަކަ މީޑިއާތަގައި ތިލަވެއެވެ. އެގޮތުން ރޭޕް ކުރުމާއި ޖިންސީ ފުރައްސާރަ ކުރުން ފަދަ އަމަލުތައް ހިމެނެއެވެ.

އެފަދަ ހާދިސާތައް ހިނގައި، އެކަން ކުރާ މީހުން ފުލުހުން ހައްޔަރު ކުރި ނަމަވެސް އެމީހުންނާއި މެދު އެކަށީގެންވާ ފިޔަވަޅެއް ނޭޅޭތީ ގިނަ ބަޔަކު އަންނަނީ އެކަމާއި ނުރުހުން ފާޅު ކުރަމުންނެވެ.