އިންޑިއާގެ އުމުރުން 8 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ރޭޕް ކުރުމަށްފަހު، މަރާލައި ކުދިކޮށް ކޮށާލައިފިއެވެ.

ރިޕޯޓްތަކުން ބުނާ ގޮތުގައި އެކުއްޖާ ރޭޕްކޮށް އަނިޔާވެރި މަރަކުން މަރާލާފައިވަނީ 21 އަހަރުގެ ކަމްލެޝް ރަޖްޕުތް ނަމަކަށް ކިޔާ މީހެކެވެ. ފުލުހުން އޭނާ ހައްޔަރު ކޮށްފައިވަނީ އެކުއްޖާ ގެއްލިގެން ހޯދަމުން އަންނަނިކޮށް އޭނާ ދިރިއުޅެމުން ދިޔަ ގެއިން ލޭގެ އަސަރު ފެނިގެންނެވެ.

ލޭ ފެނުމާއި އެކީ، ތަހުގީގު އިތުރަށް ފުޅާކޮށް، ބެލި ބެލުމުން ކޮތަޅުތަކަކަށް ކުއްޖާގެ ގުނަވަންތައް އަޅާފައި ތިއްބާ ފެނުނު ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

މިހާދިސާއާއި ގުޅިގެން އޭނާ ހައްޔަރު ކޮށްފައިވާއިރު، އެކަން ކުރި ކަމަށް އޭނާ އެއްބަސްވެފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

އެގޮތުން އެކުއްޖާ ދަނޑުގައި ހުއްޓާ ރަހީނުކޮށް، އޭނާ ދިރިއުޅުނު ގެއަށް ގެންގޮސް ރޭޕް ކުރި ކަމަށާއި އަދި އޭގެ ފަހުން ކުއްޖާ ދަންޖައްސައި މަރާލުމަށްފަހު، ހަށިގަނޑު ނައްތާލުމަށް ކުދިކޮށް ކޮށައި ކޮތަޅުތަކަށް އެޅި ކަމަށް އޭނާ އެއްބަސްވެފައިވާ ކަމަށް ފުލުހުން ވަނީ މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައެވެ.

އިންޑިއާގެ ލޮޕްޑާ އަވަށުގައި ހިނގާދިޔަ މި ހާދިސާއާއި ގުޅިގެން އެއަވަށުގެ ގިނަ ބަޔަކު ވަނީ މުޒާހަރާއަށް ނުކުމެފައެވެ. އަދި އެކަމުގައި ހިމެނޭ މީހާއަށް މަރުގެ ހުކުމް އިއްވުމަށް އެތައް ބަޔަކު ވަނީ ގޮވާލާފައެވެ. އޭނާއަށް މަރުގެ ހުކުމް އިއްވުމަށްފަހު، އަންހެނުންނާއި ކުޑަކުދިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ވެސް ބައެއް ފަރާތްތަކުން ވަނީ ގޮވާލާފައެވެ.