އިންޑިއާގެ އުއްތަރް ޕްރަދޭޝްގައި ގްރޫޕްއަކުން ރޭޕްކޮށްލި 12 އަހަރުގެ އަންހެން ކުއްޖަކު މަރުވެއްޖެއެވެ.

ފުލުހުން ބުނީ އެ ސްޓޭޓްގައި އުމުރުން 12 އަހަރުގެ އެ އަންހެން ކުއްޖާ ރޭޕްކޮށްލާފައި ވަނީ ތިން ފިރިހެނަކުވެގެން ކަަމަށެވެ. އަދި އެ މީހުން އެ ކުއްޖާ ރޭޕްކުރުމުން މަރުވެފައިވާ ކަަމަށް ވަނީ ބުނެފައެވެ.

މި ހާދިސާ ހިނގާފައި ވަނީ ގައުރު ސަރަހައްދުގައެވެ.

މިކަން ހިނގީ މިދިޔަ ހޯމަ ދުވަހު އެ އަންހެން ކުއްޖާ ތަރުކާރީ ގަންނަން ގޮސް އުޅެނިކޮށެވެ. މިގޮތުން މޮނޫ ސަހަނީ، ރާޖަން ނިޝާދު އަދި ކުންދަން ސިންގް ނަމަކަށް ކިޔާ ތިން މީހަކު ވެގެން އެ ކުއްޖާ މީހުން ނޫޅޭ ތަނަށް ތަނަކަށް ގެންގޮސް ރޭޕް ކޮށްލީއެވެ.

މިކަން އާއިލާއަށް އެނގިގެން ދިޔައީ އެ ކުއްޖާ އަނބުރާ ގެއަށް ނައުމުގެ އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ. އެ ކުއްޖާ ރޭޕް ކުރި މީހުންގެ ތެރޭގައި ހިމެނޭ ސަހަނީ ވަނީ އެ އާއިލާއަށް އެ ކުއްޖާ ސިންގގެ ގެ ކައިރީގައި އެއްވެސް ހަރަކާތެއް ނެތި އޮއްވާ ފެނިފައިވާ ކަމަށް ބުނެފައެވެ.

އަދި ވަގުތުން އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރު، އޭނާ މަރުވެފައި ވަނީ ހަމަ އެ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ކަމަަށް ފުލުހުން ބުނެފައި ވެއެވެ.

ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ގޯޕާލް ކްރިޝްނާ ޗައުދަރީ ވިދާޅުވީ، މި މައްސަލައިގެ ތުހުމަތު ކުރެވޭ މީހުންގެ ތެރޭގައި ހިމެނޭ ސަހަނީ އަށް އެ އަންހެން ކުއްޖާ އެނގޭ ކަަމަށެވެ. އަދި އެ ކުއްޖާ އެ ތަނަށް ގެންދިޔައީ ސަހަނީ ކަމަށްވާއިރު، އެ ކުއްޖާ ރޭޕް ކުރުމުގައި އޭނާއާ އެކު އިތުރު ދެ މީހަކު ވެސް ބައިވެރިވި ކަމަށް އޭނާ ވިދާޅުވިއެވެ.

މި މައްސަލައިގައި ތިން މީހުން ވަނީ ހައްޔަރު ކޮށްފައެވެ.