އިންޑިއާގެ އުއްތަރު ޕްރަދޭޝްގައި އުމުރުން 5 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ރޭޕް ކުރަން އުޅުނު ކަމުގެ ތުހުމަތުގައި 17 އަހަރުގެ ފިރިހެން ކުއްޖަކު ހައްޔަރު ކޮށްފިއެވެ.

އެގައުމުގެ ފުލުހުންގެ އިސް ފަރާތަކާއި ހަވާލާދީ މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި އުމުރުން 17 އަހަރުގެ އެ ފިރިހެން ކުއްޖާ އަންހެން ކުއްޖާ ރޭޕް ކުރުމަށް މަސައްކަތް ކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

އެގޮތުން އެކުއްޖާ ދިރިއުޅޭ ގޭގައި ކުޅެން ހުއްޓާ އެގެއަށް ވަދެ އެކުއްޖާ ރޭޕް ކުރުމަށް މަސައްކަތް ކުރި ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ. މި ހާދިސާ ހިނގި ވަގުތު ކުއްޖާގެ އާއިލީ ބޭފުޅުން ތިބޭ ގެއިން ބޭރުގައި މަސައްކަތެއްގައެވެ.

ރިޕޯޓްތަކުން ބުނާ ގޮތުގައި އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ އަންހެން ކުއްޖާގެ މަންމައެވެ. އަދި ރިޕޯޓް ލިބުމާއި އެކީ 17 އަހަރުގެ ކުއްޖާ ހައްޔަރު ކޮށްފައިވާ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

އަދި މިވަގުތު ހެކި ހޯދުމަށް ކުއްޖާގެ މެޑިކަލް ރިޕޯޓް ވެސް ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

އިންޑިއާގައި ރޭޕްގެ ޝިކާރައަކަށްވެފައި ތިބި މީހުން ވަރަށް ގިނައެވެ. ކޮންމެ ދުވަހަކު ގޮތަކަށް ރޭޕްގެ މައްސަލައެއް އެގައުމުން ފެންމަތިވާއިރު، އެކަމުގެ ޝިކާރައަކަށްވާ މީހުންނަށާއި އަންހެނުންގެ ހިތުގައި އެންމެ ބޮޑު ބިރުވެރިކަމެއް އުފެދިފައި އޮތީ އެކަމުގައި ތުހުމަތު ކުރެވޭ ފަރާތްތަކަށް ހައްގު އަދަބު ނުލިބި މުޖުތަމައުއަށް ދޫވާ މައްސަލައިގައެވެ.

ރޭޕްގެ މައްސަލަ ތަކުގައި ހައްޔަރު ކުރެވޭ މީހުންނަށް ހައްގު އަދަބު ނުދޭތީ އެގައުމުގެ އެކި ސަރަހައްދުތަކުގައި ވަރަށް ގިނައިން މުޒާހަރާތައް ވެސް ކުރެއެވެ.