މީގެ ދެ ދުވަސް ކުރިން އިންޑިއާގެ ބުޒަރް ސަދަރް ހޮސްޕިޓަލްގައި ބާއްވާފައި އޮތް މީހެއްގެ ބުރިވެފައި އޮތް ފައި ހިފައިގެން ކުއްތާއެއް ދިޔަ ޚަބަރާއި އެކު ގިނަ ބަޔަކަސް ސިހުން ލިބުނެވެ. އަނެއްކާވެސް މި ވަނީ އެފަދަ ހާދިސާއެއް ދިމާވެފައެވެ. މިފަހަރު ފެނިފައި ވަނީ އޫރެއް ހޮސްޕިޓަލުގެ ގޯތި ތެރޭގައި ތުއްތު ކުއްޖެގެ ހަށިގަނޑުގައި އަނގަ ޖަހައިގެން ގޮވައިގެން ދާ މަންޒަރެވެ.

ރިޕޯޓްތައް ބުނާގޮތުގައި، މި ހާދިސާގައި ނަގައިގެން ގޮސްފައިވަނީ މަރުވެފައި އޮތް ކުއްޖެކެވެ. އަދި އެ ކުއްޖާ ގެންގޮސްފައި ވަނީ، ބަނޑުހައިވެފައި ހުރި އޫރެއްކަމަށް ބެލެވޭކަމަށް އޮފިޝަލުންނާއި ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.

އެ މަންޒަރު ފެނުނު ބައެއް މީހުން ބުނިގޮތުގައި، އެ އޫރު ސަހަރްސާ ސަދަރް ހޮސްޕިޓަލް ތެރެއަށް އެ ކުއްޖާއާއެކު ވަން މަންޒަރު ފެނުމުން އެސޮރު ކައިރިން އެ ކުއްޖާ ސަލާމަތް ކުުރުމަށް ގިނަ ބަޔަކު އުޅުނު ކަމަށެވެ. އެހެން ނަމަވެސް އެ އޫރު ވަރަށް ބާރަށް ދުވެފައި އެ ކުއްޖާގެ ހަށިގަނޑާއެކު ވަނީ ވަލު ތެރެއަށްކަމަށް އެފަރާތްތަކުން ބުންޏެވެ.

އެ ކުއްޖާއަކީ އެ ހޮސްޕިޓަލް ތެރެއިން އެ އޫރު ގެންދިޔަ ކުއްޖެއްކަމަށް ގިނަބަޔަކު ބުނި ނަމަވެސް އެކަން ހޮސްޕިޓަލުން ދޮގު ކުރެއެވެ. އެ ހޮސްޕިޓަލްގެ އިސްވެރިއަކު މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ، އުމުރުން އެންމެ ދެ ދުވަހުގެ އެ ތުއްތު ކުއްޖާއަކީ ހޮސްޕިޓަލުން ބޭރުގައި އޮތް ކުއްޖެއް ކަމަށެވެ.

އަދި އެ އޫރުއާއެކު އެ ކުއްޖާ ފެނިފައި ވަނީ ހޮސްޕިޓަލުގެ ބޭރުން ކަމަށާއި، އެ ހާދިސާ ހިނގި ދުވަސްވަރުގައި އެ ހޮސްޕިޓަލް ތެރޭގައި ކުޑަކުއްޖަކު މަރުވެފައިނުވާ ކަމަށްވެސް އޭނާ ބުންޏެވެ. ބައެއް ރިޕޯޓްތައް ބުނާގޮތުގައި، އެ އޫރު ފަހުން ވަނީ އެ ކުއްޖާގެ ހަށިގަނޑު ސްކޫލެއް ކައިރިއަށް އެއްލާލައި އެ ހަށިގަނޑުގެ މައްޗަށް ފަސް އަޅާފައެވެ.

މި ހާދިސާ ހިނގާދިޔަ ގޮތް ފުލުހުންވެސް ދަނީ ބަލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު