އިންޑިއާގެ ހައިދަރްއާބާދުގެ ބޭންކަކުން ވައްކަން ކުރުމަށް އެތަނަށް ވަން މީހަކު އެތަނުގެ މުވައްޒަފުންނަށް ބިރު ދައްކަން ބޭނުންކޮށްފައި ވަނީ ކުޅޭކުޅޭ ބަޑިއެއްކަމަށް އޭނާ ބުނެފިއެވެ.

ކުރިން އިންޖީނިއަރެއްގެ ގޮތުގައި، މަސައްކަތްކޮށްފައިވާ އުމުރުން 45 އަހަރުގެ އެ މީހާ މިހާރު ވަނީ ހައްޔަރުކޮށްފައެވެ.

މަނިކޮންޑާގައި ހުންނަ ބޭންކަކަށް މޫނު ފޮރުވައިގެން އޭނާ ވަދެފައި ވަނީ މެންދުރު ފަހު 3:30 ހާއިރުއެވެ. އަދި ބޭންކްގެ ކޭޝިއަރު ކައިރިއަށް ގޮސް އޭނާ ނެގީ ކުޅޭކުޅޭ ބަޑިއެވެ. އަދި އެވަގުތު އެތަނުގައި އިން މުވައްޒަފު ފައިސާ ނުދީފިނަމަ އޭނާ މަރާލާނެކަމުގެ އިންޒާރުވެސް އޭނާ ދިނެވެ.

އަދި ގަދަކަމުން ކޭޝިއަރު އަތުން ފައިސާތައް ފޭރިގަތުމަށްފަހު، އޭނާ ވަނީ ބޭންކުން ނުކުމެފައެވެ. ނަމަވެސް އޭނާ ބޭންކުން ނުކުތުމުން ކުރިމަތިލާން ޖެހުނީ އުނދަގޫ ކަންތައްތަކަކާއެވެ. މަގުމަތީގައި ތިބި އާއްމުންގެ ބަޔަކު އޭނާގެ ގަޔަށް ގާ އުކަން ފެށިއެވެ. އޭރުވެސް އޭނާ ގޮވަމުން ދިޔައީ އޭނާގެ އަތުގައި ބޮމެއް އޮތް ކަމަށެވެ.

އެކަމާއި އެއްވެސް ވަރަަކަށް ބިރު ނުގަނެ، އާއްމުން ދިޔައީ އޭނާއަށް ހަމަލާދެމުންނެވެ. އަދި އެންމެ ފަހުން އޭނާ ކާރެއްގެ ފަހަތުގައި ފިލައިގެން އޮއްވާ އާއްމުން ވަނީ އޭނާ ފުލުހުންނާއި ހަވާލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު