އަރާމު ނިންޖެއް ހޯދުމަށްޓަކައި ކުރެވެން އޮތް އެންމެ ފަސޭހަ އެއް ކަމަކީ އިސްޓާކީނު ލައިގެން ނިދުންކަމަށް ނެދަލޭންޑްސްގެ އިންސްޓިޓިއުޓް ފޯރ ނިއުރޯސައިންސް އިން 2007 ވަނަ އަހަރު ޝާއިއުކުރި ދިރާސާއަކުން ވަނީ ދައްކުވައިދީފައެވެ.

މި ދިރާސާގެ ކުރިންވެސް އެތައް ބަޔަކު ދިޔައީ މިގޮތަށް އަމަލުކުރަމުންނެވެ. އެހެންނަމަވެސް ގިނަ ފަހަރަށް މިގޮތަށް މީހުން އަމަލުކުރަމުންދިޔައީ އިސްޓާކީނު ލައިގެން ނިދާ ނިދުން އިތުރަށް އަރާމު ވަނީ ކީއްވެގެންކަން ނޭނގި ތިބެއެވެ.

އިސްޓާކީނަކީ ގިނަ ފަހަރަށް ބޫޓު ފަދަ ތަކެތީގެ އެތެރެ ހަރުވުމުގެ ސަބަބުން ފަޔަށް ފަސޭހަކަން ގެނުވުމަށް ލެވޭ އެއްޗެކެވެ. އެހެންނަމަވެސް ހުޅަނގުގެ ބައެއް ގައުމުތަކާއި ފިނި މާހައުލު ތަހައްމަލުކުރަންޖެހޭ ގައުމުތަކުގެ ރައްޔިތުންގެ މެދުގައި އިސްޓާކީނުގެ އެހެން ބޭނުންތަކެއް އޮންނަތާވެސް އެތައް އަހަރުތަކެއް ފާއިތުވެއްޖެއެވެ. މިގޮތުން އިސްޓާކީނު ލައިގެން ނިދުމަކީ ހުޅަނގުގެ ގައުމުތަކުގައި އެތައް އަހަރުތަކެއްވަންދެން އާންމުވެފައި އޮތް ކަމެކެވެ.

ނެދަލޭންޑްސްގެ އެ އިންސްޓިޓިއުޓްއިން ކުރިއަށްގެންދިޔަ ދިރާސާއިން ވަނީ އިސްޓާކީނު ލައިގެން ނިދުމުގެ ސަބަބުން ހަށިގަނޑުގެ ލޭ ފިނިކޮށްދީ ވާސޯޑައިލޭޝަން ނަމަކަށްކިޔާ ޕްރޮސެސްއެއް ހަށިގަނޑުގައި ފެށިގެންދާކަމަށް ދައްކުވައިދީފައެވެ. އުމުރުން ދުވަސްވީ މީހުންނަށް އިސްޓާކީނު ލައިގެން ނިދުމަކީ ފަސޭހަކަމާއިއެކު އަވަހަށް ނިދަން ބޭނުންކުރެވިދާނެ އުކުޅެއްކަމުގައި އެ އިންސްޓިޓިއުޓްގެ ދިރާސާއިން ދައްކުވައިދިން އިރު އެއީ އިންސޮމްނިއާ ފަދަ މައްސަލަތަކަށް ހުރި ހައްލެއް ނޫންކަމަށްވެސް ވަނީ ދައްކުވައިދީފައެވެ.

ދެން ފަހަރަކުން ވެސް ނިދަން އުނދަގޫވެ ނުވަތަ އަރާމު ނިންޖެއް ނުލިބޭކަމަށް ހީވަންޏާމުން އިސްޓާކީނު ލައިގެން ނިދުމަށް މަސައްކަތްކޮށްލާށެވެ.