ދެކުނު އެފްރިކާގެ ކޭޕްޓައުންގައި ދިރިއުޅެމުން އަންނަ އުމުރުން 34 އަހަރުގެ ޝައުން ވޭން އަށް މަގުމަތިން ދެމީހަކު ހަމަލާދީ އޭނާގެ ބޮލަށް ވަޅިއެއް ޖެހިއެވެ. ނަމަވެސް ޝައުންގެ ނަސީބު ރަނގަޅު ކަމުން ފުރާނަ އަށް ނުރައްކާ ވާވަރުގެ ގެއްލުމެއް ނުލިބި އޭނާ މިވަނީ ސަލާމަތް ވެފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ޝައުންގެ ބޮލަށް ޖެހި ވަޅި އާއި އެކު އޭނާ ހޮސްޕިޓަލަށް ގޮސް "އަހަރެންނަށް ފަރުވާދޭނެ ޑޮކްޓަރަކު އެބަހުރިތޯ؟" އެހުމުން ހޮސްޕިޓަލްގެ މުވައްޒަފުންނަށް ވެސް ލިބުނީ ބޮޑު ހައިރާން ކަމެކެވެ. އެއީ އެހާލަތުގައި ހުރި މީހަކު ހިނގާފައި ހޮސްޕިޓަލަށް އައިސް ހަމަޖެހިލައިގެން ހުރެ ޑޮކްޓަރުންނާއި ވާހަކަ ދެއްކުމުންނެވެ.

ތިލައިގައި ހައިންޗި ހުރި ވަޅި ޝައުންގެ ބޮލަށް ހަރާލުމަށް ފަހު ދެމީހުން ވަނީ ޝައުން އަށް އިތުރަށް ވެސް ހަމަލާ ދޭން މަސައްކަތް ކޮށްފައި ކަމަށް އޭނާ ބުނެއެވެ. ނަމަވެސް ޝަައުން ރައްދުގައި ހަމަލާ ދިނުމުން އެދެމީހުން ވަނީ ޝައުން ދޫކޮށްލުމަށް ފަހު ގޮސްފައެވެ.

ޝައުންގެ ބޮލަށް ހަރާލާފައި ހުރި އޮޕަރޭޝަން ކުރި ޑޮކްޓަރު މީޑިއާ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޝައުންގެ ނަސީބު ވަރަށް ރަނގަޅު ކަމަށާއި އޭނާ ސަލާމަތްވުމުގައި އެންމެ މުހިންމު ރޯލެއް އަދާކުރީ ނަސީބު ކަމަށެވެ.

"އޭނާގެ ނަސީބު ވަރަށް ރަނގަޅު. ވަޅި ހަރާލާފައި އިން ދިމާލުގެ ސަބަބުން އޭނާގެ ފުރާނަ ސަލާމަތްވީ. ވަޅި ހަރަލާފައި އިން ދިމާ ސެންޓިމީޓަރެއް ވަރު އެހެންތަނަކަށް ޖެހިލާފައި އިން ނަމަވެސް އޭނާގެ ފުރާނަ ސަލާމަތްވުން އެއީ ނާދިރު ކަމެއް" ޑޮކްޓަރު ވިދާޅުވިއެވެ.

ޝައުން އަށް ފަރުވާ ދެމުންދާ ހޮސްޕިޓަލުން ބުނީ އޭނާގެ އޮޕަރޭޝަން ކާމިޔާބު ކަމަށާއި ހާލަތު ވެސް ސްޓޭބަލް ކަމަށެވެ.

ޝައުން އަށް ހަމަލާ ދިން މީހުން އަދި ހައްޔަރު ނުކުރެވޭ ކަމަށް ފުލުހުން ބުނެއެވެ. އެމީހުން ހޯދުމުގެ މަސައްކަތް ފުލުހުން ގެންދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އިމް

    އަލްހަމްދު ލިﷲ