ދެކުނު އެމެރިކާގައި މާސިންގާ ކޯރަކާއި އެކުގައި އޮންނަ އެމޭޒަން ޖަންގައްޔަކީ ކުރިން ހޯދިފައިނުވާ އެތައް ހަޤީޤަތެއް އެތަނެއްގައިވާ، ދުނިޔޭގެ އެންމެ ބިޔަ ޖަންގައްޔެވެ.

މި ޖަންގަލީގެ ހުރިހައި ހަޤީޤަތެއް މިއަދާއި ހަމައަށްވެސް ޔަޤީން ކަމާއިއެކު ހޯދިފައިނުވާއިރު، އެތަނުގައި އިންސާނުން މީގެ ކުރިން ނުދެކޭ އެތައް ވައްތަރެއްގެ ޖަނަވާރުތަކާއި އެނޫންވެސް ދިރުންތަކުގެ އިތުރުން، ތާރީޚީ އެތައް ކަމެއް ފޮރުވިފައިވާނޭ ކަމަށް ތަޖުރިބާކާރުން ބުނެއެވެ. މިސަބަބަށްޓަކައި ހޯދުންތައް ހޯދާ ފަރާތްތަކުން މި ޖަންގަލި ތެރޭގެ ދިރާސާތައް ކޮޅުންނުލައި ކުރިއަށްގެންދާތާ އެތައް ޒަމާނެއް ވަނީ ވެފައެވެ.

އެމޭޒަން ޖަންގަލި ތެރޭގެ ހޯދުންތައް ހޯދުމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ތަޖުރިބާކާރުން ޙަރަކާތްތެރިވަމުންދާއިރު، ދާދިފަހުން އެމެރިކާގެ އާކިއޮލިޖިސްޓުން ވަނީ އެ ޖަންގަލި ތެރެއިން، މީގެ އެތައް ޒަމާނެއް ކުރިން މީހުން ދިރިއުޅުނު 81 އަވަށް ހޯދާފައެވެ. މި އަވަށްތައް ހޯދާފައި ވަނީ، އެމޭޒަން ޖަންގަލި ޙިއްސާކުރާ ބްރެޒިލްއާއި ޕެރޫ އަދި އިކުއެޑޯ ހިމެނޭ ބޯޑަރު ސަރަޙައްދުގެ 2.1 މިލިއަން ސްކުއަރ މައިލްގެ ސަރަޙައްދަކުން ކަމަށް ވެއެވެ.

ތަޖުރިބާކާރުން ބުނާގޮތުގައި، އެމޭޒަން ޖަންގަލި ތެރެއިން މީގެ ކުރިން މިފަދަ ބޮޑު ހޯދުމެއް ހޯދިފައި ނުވާއިރު، ކުރީގައި މީހުން ބޭނުންކޮށް އުޅުނު މަގުތަކާއި ދަނޑުތަކުގެ އިތުރުން ގެދޮރު ވަނީ ފެނިފައެވެ. އެފަރާތްތަކުން އަންދާޒާކުރާ ގޮތުގައި، މިއީ 1400 އާއި 1500 ގެ ކުރީކޮޅުގެ އަހަރުތަކުގައި މިލިއަނަކާއި ގާތްކުރާ ޢަދަދަކަށް މީހުން އާބާދުވެ އުޅުނު ސަރަޙައްދެކެވެ.

އެމެރިކާގެ އާކިއޮލިޖިސްޓުން ބުނެފައިވާގޮތުގައި، އެމޭޒަން ޖަންގަލިތެރެއިން ދާދިފަހުން ހޯދި މި 81 އަވަށުގެ އިތުރުންވެސް އެތައް ސަތޭކަ އަވަށް އެ ޖަންގަލީގެ އެކި ހިސާބުތަކުގައި ފޮރުވިފައިވާނެއެވެ. އަދި އެންމެ ފަހުން ފެނުނު އަވަށްތަތަކީ ނިސްބަތުން އެ ޖަންގަލީގެ ކުޑަ ސަރަޙައްދެއް ހޯދައި ދިރާސާކޮށްގެން ފެނުނު އަވަށްތަކަށް ވާއިރު، ތާރީޚީ ގިނަ ކަންކަން އެތަނުގައި ވާނެ ކަމަށް އެފަރާތްތަކުން ޤަބޫލުކުރެއެވެ.

ދުނިޔޭގައި އެއްތަނެއްގައި އެންމެ ގިނަ ޢަދަދަކަށް ގަސް ހުރި އެމޭޒަން ޖަންގަލީން، އިންސާނުންގެ ބޭނުންތަކަށް އެތައް ލައްކަ ގަހެއް ކޮންމެ އަހަރަކު ކަނޑަމުންދާއިރު މީގެ ކުރިންވެސް ގޮތްނޭގޭ ތަންތަނާއި ތަކެތި ފެނިފައިވެއެވެ. ނަމަވެސް އެ މަސައްކަތްތައް ކުރާ ފަރާތްތަކުން އެތަކެއްޗަށް މާބޮޑު އަހަންމިއްޔަތުކަމެއް ނުދިނުމުން ތާރީޚުން އެތަކެއްޗާއި ތަންތަން ވަނީ ފޮހެވިގެން ގޮސްފައެވެ.

ގަސް ކެނޑުމުގެ ސަބަބުން ތިމާވެއްޓަށް ލިބެމުންދާ ގެއްލުމާއި އެކު ތާރީޚީ މުޙިންމު ތަރިކަތަކާއި ތަންތަން ގެއްލި ދާދިއުމާއި ގުޅިގެން، ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ކަމާއި ބެހޭ ފަރާތްތަކުން ދަނީ އެމޭޒަން ޖަންގަލީން ގަސްކެނޑުން ހުއްޓުވައި އެތަނުގައިވާ އަޖައިބު ކުރުވަނިވި ކަންކަމާއި ތާރީޚީ ތަރިކަ ޙިމާޔަތްކުރުމަށް ގޮވާލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކޮސް

    ބަލަ ތިޔަ ތަނުގައި ހުރިއްޔާ ހުރިހާ ބާވަތެއްގެ ދިރޭ ތަކެއްޗެއްގެ ވާހަކަ އެއޮތީނު އަހަރެމެންނަށް މީގެ 2ހާސް އަހަރު ކުރިން އަންގަވާފަ.

    11