އެމޭޒަން އިން އިންޑިއާގައި އިތުރު 15 ބިލިއަން ޑޮލަރު އިންވެސްޓް ކުރަން ނިންމައިފިއެވެ.

މިއާއެކު، އެމޭޒަން އިން އިންޑިއާގައި އިންވެސްޓް ކުރާ އަދަދު 26 ބިލިއަން ޑޮލަރަށް އަރާނެއެވެ. އެމޭޒަން އިން މިގޮތަށް ނިންމާފައި ވަނީ އިންޑިއާގެ ބޮޑުވަޒީރު ނެރެންދުރަ މޯދީއާ މަޝްވަރާ ކުރުމަށް ފަހުއެވެ. މޯދީ ވަނީ އެމޭޒަންގެ ސީއީއޯ އޭންޑީ ޖެސީއާ އެކުގައި އެމެރިކާގައި ބައްދަލު ކުރައްވައިފައެވެ.

އެމޭޒަންގެ ސީއީއޯ އޭންޑީ ޖެސީ ވިދާޅުވީ އެ ކުންފުނިން އިންޑިއާގައި މިހާތަނަށް އައިއިރު 11 ބިލިއަން ޑޮލަރު އިންވެސްޓްކޮށްފައިވާ ކަމަށެވެ. އަދި އިންޑިއާގެ ބޮޑުވަޒީރާ އެކުގައި ބޭއްވި މަޝްވަރާތަކަކީ ވަރަށް ރަނގަޅު އަދި ބޭނުންތެރި މަޝްވަރާތަކެއް ކަމަށް ވެސް އެމޭޒަންގެ ސީއީއޯ ވިދާޅުވިއެވެ.

"އަހަރެންނަށް ހީވަނީ އަހަރުމެން އައީ އަމާޒުތަކަކާ އެކުގައި ހެން. އެމޭޒަންއަކީ އެންމެ ބޮޑު އެއް އިންވެސްޓަރު އިންޑިއާގައި. އަހަރުމެން ވާނީ 11 ބިލިއަން ޑޮލަރު މީގެކުރިން އިންވެސްޓްކޮށްފައި. އަދި އިތުރު 15 ބިލިއަން ޑޮލަރު އިންވެސްޓް ކުރަން ވަނީ ނިންމާފައި،" އެމޭޒަންގެ ސީއީއޯ ވިދާޅުވިއެވެ.

"މިއާ އެކު، އިންވެސްޓް ކުރާ އަދަދު 26 ބިލިއަން ޑޮލަރަށް އަރާނެ. އަހަރުމެން މުސްތަގުބަލުގައި ވެސް ގުޅިގެން މަސައްކަތް ކުރުމަށް،" އެމޭޒަންގެ ސީއީއޯ ޖެސީ ހުކުރު ދުވަހު ވިދާޅުވިއެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ކުރި ޓުވީޓެއްގައި ވަނީ އިންޑިއާގެ ބޮޑުވަޒީރާއި އެމޭޒަންގެ ސީއީއޯއާ އެކުގައި ވަރަށް އުފެއްދުންތެރި ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ.

މި ބައްދަލުވުމުގައި އީ ކޮމާސް އާއި ލޮޖިސްޓިކްސް ދާއިރާ އިން ގުޅުން ބަދަހި ކުރަން ދެ ބޭފުޅުން ވެސް މަޝްވަރާ ކުރެއްވި ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.