އެމޭޒަން ކުންފުނީގެ މުއްސަނދި ވެރިޔާ ޖެފް ބެޒޯސްއާއި އޭނާގެ ލޯބިވެރިޔާ ކަމުގައިވާ ކުރީގެ ނޫސްވެރިޔާ އަދި މިހާރުގައި ދަރުމަވެރި ހަރަކާތްތައް ހިންގާ ލޯރެން ސާންޗޭޒް އެންގޭޖްވެއްޖެއެވެ.

ބައެއް ރިޕޯތްތައް ބުނާގޮތުގައި ބެޒޯސް އޭނާގެ ލޯބިވެރިޔާއަށް ކައިވެނި ހުށަހަޅާފައިވަނީ އޭނާގެ ޔޮޓުގައެވެ. މި ދެމީހުން އެންގޭޖްވީކަން އިތުބާރު ހުރި މަސްދަރަކުން ސީއެންއެންއަށް ރިޕޯޓް ކުރި ނަމަވެސް، އެ ދެ މީހުން ކައިވެނިކުރަން ހަމަޖެހިފައިވާ ދުވަހެއް އަދި އިއުލާންކޮށްފައި ނުވެއެވެ.

ބެޒޯސްއާއި ސާންޗޭޒް އެ ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ވާހަކަ އެންމެ ފުރަތަމަ ހާމަކޮށްފައިވަނީ 2019 ވަނަ އަހަރުގައެވެ.

މަހުޖަނު ބެޒޯސްއާއި ދިމާވި ފަހުން ސާންޗޭޒް ވަނީ ދަރުމަވެރި ހަރަކާތްތައް ހިންގުމުގެ މަސައްކަތުގައި ބެޒޯސްއާއި ބައިވެރިވެފައެވެ. އަދި 2022 ވަނަ އަހަރުގައި މި ޖޯޑުން ދިން އިންޓަވިއުއެއްްގައި ވަނީ ބެޒޯސްގެ މިލްކުގައިވާ ފައިސާ އަދި މުދާތައް ބޭނުންތެރި ފަރާތްތަކަށް ހަދިޔާ ކުރާނެ ކަމަށް އިއުލާންކޮށްފައެވެ. ސާންޗޭޒް ބުނެފައިވާ ގޮތުގައި ދަރުމަވެރި ހަރަކާތްތައް ހިންގުމުގައި އެ ދެ މީހުންނަކީ ވަރަށް ގުޅޭ ޓީމެއް ކަމަށެވެ.

އެމީ އެވޯޑް ހާސިލުކޮށްފައިވާ ކުރީގެ ނޫސްވެރިޔާ ސާންޗޭޒްއާއި ބެހޭގޮތުން ބެޒޯސް ބުނެފައިވާގޮތުގައި ބެޒޯސްއަކީ އޭނާއާ ދިމާވި މީހުންގެ ތެރެއިން "އެންމެ ދީލަތި، ހިތްހެޔޮ މީހާ" އަށް ވުމުގެ އިތުރުން ނަމޫނާ މީހާއެވެ.