ވައްކަން ކުރުންފަދަ ކަންކަމަކީ އެކަމުގައި އެއްވެސް ހެޔޮކަމެއް އެކުލެވިގެންވާނޭ ކަމަކަށް ނުވާއިރު، އެފަދަ ކަންކަމުގައި އުޅެނިކޮށް ލިބޭ ލަނޑުތައްވެސް ގިނަވެފައި ބޮޑުވާނެއެވެ. ވަކީން ޚާއްޞަކޮށް ޓެކްނޮލޮޖީ ގޮތުން ކުރިއަރާފައިވާ މިފަދަ ޒަމާނެއްގައި މިކަންކަން ނޭނގޭ ވަގުންނަށް އެތައް ލަނޑެއް ދަނީ ލިބެމުންނެވެ.

އެގޮތުން، ތައިލެންޑުގައި ހުންނަ ރަނުގެ އުފެއްދުންތައް ވިއްކާ ފިހާރައަކުން ވައްކަން ކޮށްގެން ދިޔަ މި މީހާއަށްވެސް ލިބިފައިވަނީ އެފަދަ ލަނޑެކެވެ.

ތައިލެންޑުގެ ފުލުހުން ހާމަކޮށްފައިވާ ވީޑިޔޯ އަކުން ފެންނަ ގޮތުގައި، އެޤައުމުގެ ޗޯންބުރީގައި ހުންނަ ރަނުގެ އުފެއްދުންތައް ވިއްކާ ފިހާރައަކަށް ވަނީ ވަގަކު ވަދެފައެވެ. ފިހާރައިގެ ތެރޭގައި އޮތް ރަން ހާރެއް ވަގަށް ނަގައިގެން، އަވަސް އަވަހަށް އެތަނުނުން ނިކުންނަށް އުޅެނިކޮށް އޭނާއަށް ލިބުނީ ބޮޑު ލަނޑެކެވެ.

ވައްކަން ކުރަން ވަތް މީހާ

ފިހާރައިގެ ތެރެއިން ނިކުންނަން މަސައްކަތް ކުރަން، އެތަނުގެ ދޮރު ހުޅުވާ ހުޅުވާވެސް އެކަން ކުރެވޭ ގޮތެއް ނުވިއެވެ. ވައްކަން ކޮށްގެން ހުރި މި ވަގު ކަލޭގެއަށް އެތަނުން ނިކުމެވޭނެ ހުރިހާ ދޮރުތަކެއް ބަންދުވީއެވެ. މި ފިހާރައިގެ ދޮރު ބަންދުކޮށްފައިވަނީ ފަންނިއްޔާތު ނުވަތަ ޓެކްނޮލޮޖީގެ ވަސީލަތެއް ބޭނުންކޮށްގެން، އެތަނުގެ ވެރިޔާއެވެ. މި ތަނުގައި ހަރުކޮށްފައި ހުރި ދޮރަކީ ރިމޯޓުން ތަޅުލެވޭ އެއްޗެކެވެ.

27 އަހަރުގެ މި ވަގު ކަލޭގެ ވަނީ ފިހާރައިގެ ތެރޭގައި ހުއްޓާ ހައްޔަރުކޮށްގެން ގެންގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު