1980 ގެ އަހަރުތަކުގައި ބޮލީވުޑްގައި ރަސްކަން ކުރި އިންޑިއާގެ އެކްޓަރު ކާދަރު ހާން ސިކުނޑީގެ ބައްޔެއްކަމަށްވާ ޕްރޮގުރެސިވް ސުޕްރަނިއުކުލިއާ ޕަލްސީ އަށް ފަރުވާ ހޯދަމުން ދަނިކޮށް މިއަދު މަރުވެއްޖެއެވެ.

ކާދަރުގެ އާއިލާ އާއި ހާލާދީ އިންޑިއާގެ ނޫސްތަކުގައި ވަނީ އޭނާ ކެނެޑާގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދަނިކޮށް މަރުވެފައިވާ ކަން ކަށަވަރުކޮށްދީފައެވެ.

300 އަށް ވުރެ ގިނަ ފިލްމު ކުޅެދީފައިވާ އުމުރުން 81 އަހަރުގެ ކާދަރު ހާން އަކީ މީގެ ކުރިންވެސް ސިއްހީ މައްސަލަތަކުގައި ހޮސްޕިޓަލުގައި އެޑްމިޓް ކުރެވިފައިވާ ތަރިއެކެވެ. ނިއުމޯނިއާ އާއި ކަކުލުގެ މައްސަލައެއްގެ ސަބަބުންވެސް މީގެ ކުރިން އޭނާ ވަނީ އެޑްމިޓްކުރެވި ފަރުވާ ދީފައެވެ.

ހެއްވާ މަޖާ އެތަކެއް ފިލްމެއް ކުޅެދީ ގިނަ ބައެއްހެއްވާލައިފައިވާ ކާދަރު އިއްޔެގެ ވަގުތެއްގައި މަރުވެއްޖެ ކަމަށް ވެސް ހަބަރުތައް ފެތުރުނެވެ. ނަމަވެސް އިންޑިއާގެ ނޫހަކަށް މައުލޫމާތު ދެމުން ކާދަރުގެ ފިރިހެން ދަރިފުޅު ސަރްފަރާޒު ބުނީ އޭއީ ދޮގު ކަމަށާއި އޭނާ ބައްޕަ އޮތީ ހޮސްޕިޓަލުގައި ކަމަށެވެ.

"ކޫލީ ނަންބަރު 1" އަދި "ހަމް" ފަދަ ފަނޑުވުމެއް ނެތް އެތަކެއް ފިލްމެއް ކުޅެދީފައިވާ ކާދަރުގެ މޮޅު އެކްޓިން އަކީ ހަނދާން ނެތިގެން ދާނެ ކަމެއް ނޫންކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. ފިލްމުކުޅުމުގެ އިތުރުން އޭނާއަކީ މޮޅު ވާހަކިޔުންތެރިއެއް ވެސް މެއެވެ. އަދި އެފަދަ ދެވަނައެއްނެތް ޑައިރެކްޓަރެއް ވެސް މެއެވެ. އޭގެ އިތުރުން ކަދަރަކީ ފާހަގަކޮށްލެވޭ ސްކްރީން ރައިޓަރެކެވެ.

ކާދަރު ހާން މިއަދު މަރުވިއިރު ފިލްމީ ދާއިރާ އާއި ދުރަށް ޖެހުމަށް ފަހު ކާދަރު ދިރިއުޅެމުން ދިރިއުޅެމުން ދިޔައީ ދަރިފުޅާ އެކު ކެނެޑާގައެވެ.