ޔޫއޭއީގައި މީހަކާއި ދިމާލަށް މަޖަލަކަށް ނަމަވެސް ހަޑި ހުތުރުބަހުން ވާހަކަދައްކައި، އެ މީހާހަކާއި ދިމާލަށް "މޮޔަ" އަށް ގޮވައިފިނަމަ ޖަލަށް ލާފާނެވެ. ނުވަތަ ޖޫރިމަނާވެސްކޮށްފާނެއެވެ. މީގެ ކުރިން ދެ ފަހަރެއްގެ މަތިން އެފަދަ ކަމެއް ވަނީ ވެފައެވެ.

އެ ގައުމުގައި މީހުންނާއި ދިމާލަށް އެއްޗެހި ކިޔުމަކީ ކުށެކެެވެ.

އެގޮތުން މިދިޔަ އޮކްޓޯބަރު މަސް ތެރޭގައި ފިރިހެނަކު އޭނާ އެންޖޭޖްވުމަށް މަސައްކަތް ކުރި އަންހެނަކާ ދިމާލަށް ވަޓްސްއެޕް މެދުވެރިކޮށް "މޮޔަ"އެއްކަމަށް ގޮވުމުން ވަނީ ޖޫރިމަނާކޮށްފައެވެ. އަދި އޭގެ ފަހުން ފުޓްބޯޅަ މެޗެއްގެ ތެރެއިން މީހަކު އޭނާގެ ރައްޓެއްސަކާއި ދިމާލަށް އެތައް ފަހަރަކު މޮޔައަށް ގޮވި މައްސަލަ އަދިވެސް ކޯޓުގައި ދަނީ ހިނގަމުންނެވެ.

އެއްބަޔަކަށް މިއީ ބޮޑު ޖޯކަކަށް ވެދާނެއެވެ. އެހެން ނަމަވެސް އެ ގައުމުގެ ގާނޫނުގައި އޮންނަނީ އެގޮތަށެވެ. މީހަކާއި ދިމާލަށް އެއްޗެހި ކިޔައިފިނަމަ އެއީ ކުށެއް ކަމަށެވެ. އަދި އެ އެއްޗެހި ކިޔާފައި ވަނީ މީސް މީޑިއާގައި ކަމުގައިވިޔަސް އެއީ ކުށެއް ކަަމަށް ބަލާނެއެވެ.

އަދި މީހެއްގެ ގަރަރާއި އިއްޒަތައް ހުތުރުވާފަދަ ގޮތަކަށް ވާހަކަދައްކައިފިނަމަ އެއް އަހަރުގެ ޖަލު ހުކުމަކާއެކު ޖޫރިމަނާއެއްވެސް އިންނައިރު، އެކަމުގެ ސަބަބުން އެހެން ބަޔަކަށް ގެއްލުންވާނަމަ ލިބޭ އަދަބު މާބޮޑެވެ.

އެހެންކަމުން މީހުންނާއި ވާހަކަދެއްކުމުގައި ވަރަށް ބޮޑަށް ސަމާލުވާން ޖެހޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ވ ވ ވ ރަނގަޅު ކަމެއް