ދުނިޔެމަތީގައި ތަފާތު ކުރުން ވަރަށް ބޮޑެވެ. އެ ތަފާތު ކުރުންތައް މި އޮންނަނީ ދެރަމީހާގެ ދަރި ދެރަކޮށްލާ ބީދައިން، ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި މެދުވެސް ކަންތައް ކުރަނީ އެގޮތަށެވެ. އެހެން ނަމަވެސް އެ ތަފާތު ކުރުންތަކަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އެއީ ކޮށްގެންވާނެ ކަމެއްވެސްނޫނެވެ.

އެފަދަ ތަފާތު ކުރުންތައް ބޮޑުވެފައިވާ ދުވަސްކޮޅެއްގައި އިންގްލޭންޑްގެ ކައިވެނީގެ އެއްޗެހި ވިއްކާ ފިހާރައަކުން މިވަނީ ތަފާތު ކަމެއްކޮށްފައެވެ. ކައިވެނީގެ ހެދުން އަޅުވާފައި އިން ބުދެއް ބަހައްޓާފައި ވަނީ ފުރޮޅުލީ ގޮޑީގައެވެ. އެއީ ޑިސްޕްލޭގައި އާއްމުކޮށް އެ ސަރަހައްދުގެ ބޭރުންދާ އެންމެންނަށް ފެންނާނެހެންނެވެ.

އެކަން އާއްމުންގެ ސަމާލުކަމަށް ގެނެސްފައި ވަނީ، މިގޮތަށް ފުރޮޅުލީ ގޮޑީގައި އިންނަ އާޓިސްޓެއްކަމުގައިވާ 38 އަހަރުގެ ވިލްސަންއެވެ. އޭނާ ބުނީ، އެފަދަ ގޮތަކަށް ކައިވެނީގެ ހެދުމުގައި ފުރޮޅުލީ ގޮޑިއެއްގައި އިން ބުދެއް ޑިސްޕްލޭކޮށްފައި އާއްމުންނަށް ފެންނާނެހެން ބަހައްޓާފައިވާ މަންޒަރު ފެނުނީ އަލަށް ކަމަށެވެ.

އެ ފިހާރައިގެ ވެރިފަރާތުން ޓްވިޓާ މެދުވެރިކޮށް އެ ޑިސްޕްލޭގައި ބަހައްޓާފައިވާ ބުދާއި ބެހޭގޮތުން ވާހަކަދެއްކިއެވެ. އެ ޑިސްޕްލޭގައި ބެހެއްޓުމުން މާބޮޑު އެއްޗެއް އެއިރު ހިތައްް ނާރާ ކަމަށެވެ. އެހެން ނަމަވެސް އާއްމުންގެ ފަރާތުން ވަރަށް ރަނގަޅު ތަރުހީބެއް ލިބެމުން އަންނާތީ ވަރަށް އުފާވާކަމަށް ވަނީ ބުނެފައެވެ. އަދި މިއީ އެފަދަ ގޮތަަކަށް ޑިސްޕްލޭ ކުރެވުނު ފުރަތަމަ ބުދު ކަމަށް ގަބޫލުނުކުރެވޭ ކަން ފާހަގަކުރަމުން އެލެން ބުނީ، އޭނާ އުއްމީދުކުރަނީ އެހެން ބަޔަކުވެސް އެ ގޮތަށް ކަންތައްކުރާނެ ކަމަށެވެ.

އިތުރަށް ވިލްސަން ބުނީ، އޭނާ އަދި ކައިވެނީގެ ހެދުމެއް ބޭނުން ނުވާ ކަމަށާއި، އޭނާ ބޭނުންވެއްޖެ ހާލަތެއްގައި ދާނީ އޭނާއަށް މަރުހަބާ ކިޔާނެ ވަރުގެ އެފަދަ ފިހާރައަކަށް ކަމަށެވެ. އަދި އޭނާ ވަނީ އެހެން ފިހާރަތަކުންވެސް ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހާއްސަ ކަމެއް ބަހައްޓާނެ ކަމަށް އުއްމީދު ކުރާ ކަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު