ޗައިނާގެ ބެއިންޖިންގައި މިއަހަރުގެ އޭޕްރީލް ގައި ބޭއްވުމަށް ހަމަޖެހިފައިވާ ބެއިޖިން އިންޓަރނޭޝަނަލް ފިލްމު ފެސްޓިވަލްގައި ރާއްޖެއިން ބައިވެރިވުމަށް ދައުވަތު އަރުވާފައި ވާތީ ފެސްޓިވަލްގައި ބައިވެރިވުމުގެ ފުރުސަތު ދިވެހިންނަށް ހުޅުވާލައިފިއެވެ.

ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް އިން ކޮށްފައިވާ އިއުލާނެއްގައި ވިދާޅުވީ މި ފެސްޓިވަލްގެ ހަތަރު ސެކްޝަނެއްގައި ފިލްމު ބައިވެރި ކުރުމަށްވަނީ ހުޅުވާލާފައެވެ. މީގެތެރެއިން ޓީއާންޓަން އެވޯޑް ކޮމްޕެޓިޝަން ސެކްޝަންގެ 10 ކެޓަގަރީގައި ވާދަކުރެވޭނެއެވެ.

ވާދަކުރެވޭ ކެޓަގަރީތަކުގެ ތަފްޞީލް މަޢުލޫމާތު ކަރުދާހެއް ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސްގެ އިއުލާނުގައި ހިމަނާފައި ވެއެވެ.

ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް އިން ވިދާޅުވީ ފިލްމު ޕެނޮރާމާ އައުޓް އޮފް ކޮމްޕެޓިޝަން ސެކްޝަންގައި ބައިވެރިކުރާ މޮޅު ފިލްމުތައް ފެސްޓިވަލް ތެރޭގައި ބެއިޖިން ތިއޭޓަރގައި ދެއްކޭނެއެވެ. އަދި އައު ފިލްމު އުފެއްދުންތެރިންގެ ހުނަރު ދައްކާލުމަށް ފޯވާޑް ފިއުޗަރ ސެކްޝަންގައި ފިލްމު ބައިވެރި ކުރެވޭނެއެވެ. މި ސެކްޝަންގެ ތިން ކެޓަގަރީއެއްގައި ވާދަކުރެވޭނެއެވެ. މީގެ އިތުރުން 60 މިނެޓްއަށްވުރެ ކުރުނޫން ޑޮކިއުމެންޓްރީ ފިލްމުތައް ޑޮކިއުމެންޓްރީ ސެކްޝަންގައި ބައިވެރި ކުރެވޭނެއެވެ.

މިފެސްޓިވަލްގައި ފިލްމުތައް ބައިވެރިކުރުމަށްއެދޭ ފަރާތްތަކުން 31 ޖެނުއަރީ 2019 ވާ ބުރާސްފަތި ދުވަހުގެ ކުރިން އޮންލައިން ރެޖިސްޓްރޭޝަން ފުރިހަމަ ކުރެއްވުމަށް ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް އިން އެދެއެވެ.

އޮންލައިން ރެޖިސްޓްރޭޝަންގެ އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ، އެޕްލިކޭޝަން ފޯމް ފުރުމަށްފަހު 29 ޖެނުއަރީ 2019 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް އަށް ފޮނުއްވައި ދެއްވުމަށް އެސެންޓެރުން އެދެއެވެ.

އަދި މި ފެސްޓިވަލްއާ ބެހޭ އިތުރު މަޢުލޫމާތު އިޢުލާންއާއެކު ހިމަނާފައިވާނެ ވާހަކަ ދެންނެވީމެވެ.