ވިހޭއިރު އައިފޯނަކަށްވުރެ ކުޑަ ދެ ކުދިން ހޮސްޕިޓަލްގައި ދެ މަހަށްވުރެ ގިނަ ދުވަސް ހޭދަކުރުމަށްފަހު ގެއަށް ދޫކޮށްލައިފިއެވެ.

މިދިޔަ އޮކްޓޯބަރު މަސް ތެރޭގައި ޖޭޑަން އާއި ޖީނީ ވިހާފައި ވަނީ ބަނޑަށް ހަ މަހުގައެވެ. ދުވަސް ނުފުރާ އެ ދެ ކުދިން ވިހެއުމުގެ ސަބަބުން ސިއްހީ ގޮތުން އެ ކުދިން މައްސަލަތަކެއް ހުއްޓެވެ. އެގޮތުން ދެ ކުދިންގެވެސް ފުރަމޭ ރަނގަޅަށް އުފެދިފައި ނުވުމުން ނޭވާލުމުގައި ދަތިތަކެއް ހުއްޓެވެ. އަދި ޖީނީގެ ހިތުގެ މައްސަލައަކާއި، ސިކުނޑިއިއަށް ލޭ އެޅުނު މައްސަލައެއް ދިމާވިއެވެ.

އުމުރުން 31 އަހަރު ލީސާ ވިހެއި ޖޭޑަން އާއި ޖީނީ މިހާރު ހޮސްޕިޓަލުން ގެއަށްދޫކޮށްލާފައިވާއިރު، ލީސާ ބުނީ، އެ ކުދިން ގެއަށް ގެންނަވަރުވުމުން ވަރަށް އުފާވާ ކަމަށެވެ. އަދި އެ ކުދިންނަކީ ވަރަށް ހިތްވަރުގަދަ ދެ ކުދިންކަންެވެސް އޭނާ ފާހަގަކުރިއެވެ.

"އެ ކުދިން ވިހޭއިރު، ސައިޒަކީ އައިފޯނެއް ވަރެ.ނަމަވެސް މިހާރު އެ ކުދިންނަކީ އެހެން ކުދިންނެކޭ އެއްފަދައިން އާދައިގެ ދިރިއުޅުމެއް އުޅެވިދާނެ ކުދިން". ލީސާ ބުންޏެވެ.

ދުވަސް ނުފުރާ އެދެ ކުދިން ވިހަން ޖެހުނު ވާހަކަ ކިޔާދެމުން ލީސާ ބުނީ، އެއްރޭ އޭނާ ދަންވަރުގަނޑީ ހޭލެވުނީ ބަނޑުގައި ރިއްސައިގެން ކަމަށެވެ. އެހެންވެ ވަގުތުން އޭނާ ވަނީ ޕްރިންސް ރޯޔަލް ހޮސްޕިޓަލަށް ގޮސްފައެވެ. އެތަނުން އޭނާގެ ސްކޭން ހެދިއިރު، އޭނާގެ ބަނޑުގެ ފެންދޫލަ ވަނީ ފަޅައިގެން ގޮސްފައެވެ.

ވަގުތުން އެ ކުދިން އޮޕަރޭޝަންކޮށްގެން ނަގަން ޖެހޭ ވަރު ވަނީ ވެފައެވެ. އެ ހޮސްޕިޓަލުން އެކަން ކުރެވޭނެ ވަސީލަތެއް ނެތުމުން އެންމެ ފަހުން ލަންޑަންގައި ހުންނަ އެސްޓީ މޭރީސް ހޮސްޕިޓަލަށް އޭނާ ގެންދިޔައެވެ.

އަދި ސިޒޭރިއަން ހެދުމަށްފަހު އޮކްޓޯބަރު ދެ ވަނަ ދުވަހު ޖޭޑަން އާއި ޖީނީ ނެގިއެވެ. އެ ކުދިންނަށް ފަރުވަދެމުން ދިޔައީ އައިސީޔޫގައެވެ.

ލީސާ ބުނީ، އެ ކުދިންގެ ހާލު ފެނުމުން ފުރަތަމަ ވަރަށް ދެރަވި ކަމަށެވެ. އެއީ އެ ކުދިން ކުޑަކަމުންނާއި އެ ކުދިންގެ ހަންގަނޑުން ރީއްޗަށް އެތެރެ ފެންނަން ހުރުމުން ކަމަށްވެސް ބުންޏެވެ.

ނަމަވެސް މިއަދު އެ ކުދިން ގެއަށް ވަނީ ގެންދެވިފައެވެ.ފިރިމިހާގެ ސަޕޯޓާއި، އާއިލާ އާއި ރަހުމަތްތެރިންގެ ސަޕޯޓް ވަރަށް ބޮޑަށް ލިބުނެވެ. އަދި އެ ކުދިންނަށް އާއްމުންގެ އެހީވެސް ވަރަށް ބޮޑަށް ލިބުނެވެ.