އޮސްޓްރޭލިއާގެ މެލްބަންގައި ތިން ކުދިންނާއި އެކު ދިރިއުޅެމުން އައި އެކަނިވެރި މައެއްގެ ދިރިއުޅުން މުޅިން ވިއްސިވިހާލިވެއްޖެއެވެ.

ނާޑިއާ މެކީ ނަމަކަށް ކިޔާ އަންހެން މީހާ އަކީ ތިން ކުދިން ބަލަހައްޓަމުން އެކަނި ދިރިއުޅެމުން އައި އަންހެނެކެވެ. ފުރަމެއަށް ޖެހިފައިވާ ނުރައްކާތެރި ބައްޔެއްގެ ސަބަބުން ސިއްހީ ގޮތުން ވެސް ބަލިކަށި ހާލަތެއްގައި ހުރި މެކީއަށް މިހާރު ދިމާވެފައި ވަނީ އަރައިގަންނަން ދަތި ހާލަތާއި އެވެ.

މިދިޔަ ހަފްތާގައި އެމީހުންގެ ގޭގައި އަލިފާން ރޯވެ މުޅި ގެއާއި، ގޭގައި ގެންގުޅޭ ހުރިހާ އެއްޗެއް ވަނީ އަނދައިގެން ގޮސްފައެވެ. ސަލާމަތްވީ ހަތަރު މައިންނާއި އެމީހުންގެ ކުއްތާ އެކަންޏެވެ.

ގޭގެ ބަދިގޭގައި ރޯވި އަލިފާން މުޅި ގެއަށް ފެތުރިގެން ދިޔައީ ބަދިގޭގައި ހުރި ފަޔާ އެލާމް މަސައްކަތް ނުކުރުމުންނެވެ. މިހާރު ބެލެވޭ ގޮތުގައި ފަޔާ އެލާމް ހުރީ ހަލާކު ވެފައެވެ. އަލިފާން ރޯވެފައި ހުރިކަން ގޭގެ މީހުންނަށް އެނގުނު އިރު ހުރީ ފަސޭހައިން ނިއްވާލެވޭ ވަރަށް ވުރެ ބޮޑަށް ރޯވެފައެވެ.

ސަރަހައްދީ ސަރުކާރުން މިހާރު އާއިލާ އަށް ވަނީ ވަގުތީ ބޯހިޔާވަހިކަން ދީފައެވެ. އަދި ހެޔޮ އެދޭ ބައެއް ފަރާތްތަކުން ގެންދަނީ އެހީތެރިކަން ވެސް ފޯރުކޮށްދެމުންނެވެ.

ނަމަވެސް މެކީގެ އެންމެ ބޮޑު ކަންބޮޑު ވުމަކީ އޭނާ އަށް ދުނިޔޭގައި ހުރެވޭނެ އެންމެ ފަހު ދުވަސްތައް ވަރަށް އަވަހަށް އޭނާ އާއި ބައްދަލު ކުރާނެ ކަން ޔަގީން ވާއިރު ދަރިންނަށް ރަނގަޅު ދިރިއުޅުމެއް ހޯދައި ދެވިފައި ނުވުމެވެ.

މެއި ބަދަލު ނުކުރެވިއްޖެނަމަ އޭނާ އަށް މާގިނަ ދުވަހު ދުނިޔޭގައި ނުހުރެވޭނެ ކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު