2020 ވަނަ އަހަރު ނެރުމަށް ހަމަޖެހިފައިވާ ބާގީ 3 ގައި ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޓައިގާ ޝްރޮފް ލީޑު ބަތަލެއްގެ ގޮތުގައި ފެނިގެންދާ އިރު ލީޑު ބަތަލާގެ ރޯލުން ފެނިގެންދާނީ ބާގީގެ އެއް ވަނަ ބައިން ވެސް ފެނިގެން ދިޔަ ޝްރައްދާ ކަޕޫރެވެ.

މި ފިލްމުގައި ޝްރައްދާ ލީޑު ބަތަލާގެ ރޯލުން ފެނިގެންދާނެ ކަން ހާމަ ކޮށްފާ ވާއިރު އޭނާ ބުނީ ބާގީގެ އާއިލާއަށް ދެވަނަ ފަހަރަށް އަންނަން ލިބުމުން ވަރަށް އުފާވާ ކަމަށެވެ. އެގޮތުން ބާގީ ގެ ފުރަތަމަ ބައިގެ ތެރެއިން ގިނަ ހަނދާންތައް ވާ ކަމަށް ވެސް ޝްރައްދާ ވަނީ ބުނެފައެވެ.

ޝްރައްދާއަށް ބާގީ ތިނެއްގެ ސްކްރިޕްޓް ވަނީ ވަރަށް ކަމުގޮސްފައެވެ. މި ފިލްމުގެ ޕްރޮޑިއުސަރު ސާޖިދު ނަޑިއަޑްވާލާ ބުނިގޮތުގައި ޝްރައްދާ އެނބުރި ބާގީ ޓީމާ ގުޅުމަކީ ބޮޑު އުފަލެކެވެ. އަދި ޓައިގާ އާއި ޝަރައްދާގެ ޖޯޑު ބާގީ ގައި ވަރަށް ގުޅޭ ކަމަށާއި ޝަރައްދާ އައުމުން ސަޕޯޓަރުން ވެސް ވަރަށް އުފާވާނެ ކަމަށް ސާޖިދު ވަނީ ބުނެފައެވެ.

އިންޑިޔާގެ މީޑިޔާ ރިޕޯޓުތައް ބުނާގޮތުގައި ޝްރައްދާ މިފިލްމު ސޫޓިން ފަށާނީ މެއި މަހުގެ ފަހުކޮޅުއެވެ. އެއީ އޭނާގެ ކުރިއަށް އޮތް ތިން ފިލްމު ކަމަށްވާ "ސާހޯ" އާއި "ސްޓްރީޓް ޑާންސާ" އަދި "ޗިޗޯރް" ގެ މަސައްކަތް ނިންމާލުމަށް ފަހުގައެވެ. ބާގީ ތިނެއް ނެރުމަށް ހަމަޖެހިފައިވަނީ 2020 ވަނަ އަހަރު މާޗް މަހުގެ ހަވަނަ ދުވަހުއެވެ.

2016 ވަނަ އަހަރު ބާގީ ފުރަތަމަ ފަހަރަށް ނެރުނުއިރު އެފިލްމަށް ވަނީ ބޮޑު ކާމިޔާބެއް ލިބިފައެވެ. އަދި މިދިޔަ އަހަރުގެ ކުރީކޮޅު ބާގީ ދޭއް ނެރެފައިވާއިރު އެފިލްމަށް ވެސް ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފައެވެ. އެފިލްމުގެ ލީޑުން ޓައިގާއާއެކު ފެނިފައިވަނީ އޭނާގެ ލޯބިވެރިޔާ ދިޝާ ޕަޓާނީއެވެ.

ކިޔުންތެރިންގެ ހިޔާލު