އިރާޤު އަންހެނަކަށް އެއްމާބަނޑު ހަތް ކުދިން ލިބިއްޖެއެވެ. އިރާޤުގެ 25 އަހަރުގެ އަންހެނަކަށް ލިބުނު ހަތް ކުދިންނާއި މައިމީހާގެ ހާލު ވެސް ރަނގަޅެވެ.

ކުދިންގެ މަންމަގެ ނަމެއް މީޑިއާތަކުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ކުދިންގެ ބައްޕަގެ ނަން މީޑިއާތަކުން ހާމަކޮށްފައި ވެއެވެ. ކުދިންގެ ބައްޕަ އަކީ ޔޫސުފް ފަދުލް ނަމަކަށް ކިޔާ މީހެކެވެ.

ބައިނަލްއަޤުވާމީ މީޑިއާތަކުން ބުނާ ގޮތުގައި މިއީ މެދުއިރުމަތީގެ ގައުމެއްގައި އުފަންވި ފުރަތަމަ އެއްމާބަނޑު ހަތް ކުދިންނެވެ.

އިރާޤުގެ ދެމަފިރިންނަށް ލިބުނު އެއްމާބަނޑު ހަތް ކުދިންގެ ތެރޭގައި ހިމެނެނީ ހަ އަންހެން ކުދިންނާއި ފިރިހެން ކުއްޖެކެވެ. ސަރަހައްދީ ސިއްހަތާއި ބެހޭ ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ބުނީ ހުރިހާ ކުދިންނާއި މައިމީހާގެ ހާލު ވެސް ރަނގަޅު ކަމަށެވެ.

ހަތް ކުދިންގެ ބައްޕަ މީޑިއާ އަށް މައުލޫމާތު ދެމުން ބުނީ މާބޮޑު އާއިލާއެއް ހޯދުން އެއީ އެމީހުން ކުރިން ވިސްނާފައި އޮތް ކަމެއް ނޫނެވެ.

ތާރީޚަށް ބަލާއިރު ސިއްހަތު ސަލާމަތުން އެއްމާބަނޑު ހަތް ކުދިން ދުނިޔޭގައި ފުރަތަމަ އުފަންވީ 1997 ވަނަ އަހަރު އެވެ. އެ ހަތް ކުދިން ލިބުނީ އެމެރިކާގެ ދެމަފިރިއަކަށެވެ. އޭރު އެމެރިކާގެ ރައީސް ބިލް ކްލިންޓަން ވަނީ ހަތް ކުދިން ލިބުނު ދެމަފިރިންނަށް ފޯނުން ގުޅުއްވާ މަރުޙަބާ ވިދާޅުވެފައެވެ. އެދެމަފިރިންނަށް ގެއަކާއި ވަރަށް ގިނަ ހަދިޔާތައް ވެސް ލިބުނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މީ

    މާޝާﷲ