މިދިޔަ ހުކުރު ދުވަހުގެ ރޭ ސަން ޖުއަން އިން ފްލޮރިޑާގެ ފޯޓް ލައުޑެރްޑޭލްއަށް ދަތުރު ކުރަމުންދިޔަ މަތިންދާ ބޯޓެއްގެ ތެރެއަށް އަންހެނަކު ވިހައިފިއެވެ.

އޭނާ ވިހާފައި ވަނީ، ތިންގަޑިއިރުގެ ފްލައިޓެއްގެ ތެރެއަށެވެ. އޭނާ ވިހާފައި ވަނީ ފިރިހެން ކުއްޖެކެވެ.

ޖެޓް ބްލޫ ފްލައިޓެއްގެ ތެރެއަށް އެ އަންހެން މީހާ ވިހާފައިވާއިރު، އެ ވަގުތު މަތިންދާބޯޓު ތެރޭގައި ތިބި މެޑިކަލް އޮފިޝަލުން ވަނީ ވަގުތުން އެ އަންހެން މީހާއަށް އެހީވެދީފައެވެ.

ދެމައިންގެ ހާލުވެސް ރަނގަޅެވެ. ޖެޓް ބްލޫ މަތިންދާބޯޓުގެ ފަރާތުން ނެރުނު ބަޔާނެއްގައި، ވަނީ މާބަނޑު މީހާ ވިއްސުވުމުގައި ހަރަކާތްތެރިވި އެންމެންނަށް ޝުކުރު އަދާކޮށްފައެވެ. އަދި މަންމައަކަށް ވި އަންހެން މީހާ އަށާއި ދަރިފުޅަށް މަރުހަބާ ވަނީ ކިޔާފައެވެ.

އެ ހާދިސާއާ ގުޅިގެން އެ މަތިންދާބޯޓުގެ ނަންވެސް ވަނީ ބަދަލުކުރުމަށް ވަނީ ނިންމާފައެވެ. "ބޯން ޓުބީ ބްލޫ"ގެ ނަމުގައި އެ މަތިންދާ ބޯޓުގެ ނަން ބަދަލުކުރުމަށް ނިންމާފައި ވަނީ، އެ އަންހެން މީހާގެ ގާތުން ހުއްދަ ހޯދާފައެވެ.

އަދި އެދެމައިންނަށް ވަރަށް އަވަހަށް ހަދިޔާ އެއްޗެހިވެސް ފޮނުވާނެ ކަމަށް އެ އެއާލައިނުން ބުންޏެވެ. އެ ކުއްޖާއަކީ އެއާލައިނުން ދަތުރު ކުރި އެންމެ ކުޑަ ކުއްޖާއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ މަތިންދާބޯޓު ޖައްސަން ލަފާކުރެވުނު ގަޑިއަށްވުރެ 11 މިނިޓް ކުރިން ވަނީ ފްލޮރިޑާއަށް ޖައްސާފައެވެ.

ކިޔުންތެރިންގެ ހިޔާލު