އެމެރިކާގެ އާއިލާއެއްގެ ހުރިހާ މެންބަރުން މެކްސިކޯގައި މަރުވެފައި ތިއްބާ ފެނިއްޖެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ކެވިން ޝާޕް ކިޔާ އުމުރުން 41 އަހަރުގެ މީހަކާއި އޭނާގެ އަނބިމީހާ އުމުރުން 38 އަހަރުގެ އަމީ މޭރީ އާއި އެމީހުންގެ ދަރިފުޅުގެ 12 އަހަރުގެ ސްޓާލިން އާއި ހަތް އަހަރުގެ އެޑްރިއާނާ މަރުވެފައި ތިއްބާ ފެނުނީ މެކްސިކޯގެ ޓުލުމް އެވެ.

އެމީހުންނާއި އާއިލީ ގުޅުން އޮންނަ މީހަކާއި ހަވާލާދީ އެމެރިކާގެ "އޭބީސީ" ނޫސް އެޖެންސީ އިން ބުނީ އާއިލާގެ ހަތަރު މެންބަރުން މަރުވެފައި ތިއްބާ ފެނުނީ ރޭގަނޑު ނިދާފައި ނުހޭލުމުން ބެލިއިރުއެވެ.

ހަތަރު މީހުންގެ އޮޓޮޕްސީ މިހާރު ވަނީ ހަދާފައެވެ. ނަމަވެސް އަދި އޮޓޮޕްސީ ރިޕޯޓެއް ނުލިބެއެވެ.

އާއިލާގެ ހަތަރު މެންބަރުންގެ މަރާއި ގުޅޭ ގޮތުން މެކްސިކޯ ފުލުހުން އަދި އެއްވެސް މައުލޫމާތެއް ހާމަކޮށްފައި ނުވާކަމަށް އެމެރިކާގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މިއާއިލާ މެކްސިކޯ އަށް ދިޔައީ މިމަހުގެ 15 ވަނަ ދުވަހު ކުރު ޗުއްޓީ އަކަށެވެ. އެމީހުން އެނބުރި އެމެރިކާ އަށް ދިއުމަށް ރާވާފައި އޮތީ އަންނަ ބުދަ ދުވަހުއެވެ. މިއީ މިއާއިލާ މެކްސިކޯ އަށް ދިޔަ ދެވަނަ ފަހަރެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނީ އެމެރިކާގެ ހަތަރު ރައްޔިތުން މެކްސިކޯގައި މަރުވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެމައްސަލައިގެ ތަޙްޤީޤުގެ މައުލޫމާތު އެމެރިކާ ސަރުކާރުން ސާފު ކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު