އިންޑިއާގެ ފިލްމްތަކުގެ ރާނީއެކެވެ. އުމުރުގެ އެންމެ ހަގު ދުވަސްވަރު ފިލްމީ ދާއިރާއަށް ނުކުތެވެ. އެތައް ބައެއްގެ ހިތްތަކުން ޖާގަ ހޯދިއެވެ. ނަމަވެސް މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުގެ ރޭ މުޅި ދުނިޔެ ރޮއްވާލީ ސްރީ ދޭވީގެ ކުއްލި މަރުގެ ހަބަރުންނެވެ.

ސްރީދޭވީގެ އަމިއްލަ ދިރިއުޅުން

1972 ވަނަ އަހަރުން ފެށިގެން 1992 ވަނަ އަހަރު ތަކުގައި ސްރީ ދޭވީ ފިލްމް ސެޓްތަކަށް ދަނީ މަންމަ އާއި ދައްތައެވެ. ސްރީ ދޭވީ ފެނިގެންދިޔަ ފިލްމް ލަމްހޭގެ ޝޫޓް ކުރަމުން ދަނިކޮށް، 1991 ވަނަ އަހަރު ސްރީދޭވީގެ ބައްޕަ މަރުވިއެވެ. އަދި 1996 ވަނަ އަހަރު ސްރީދޭވީގެ މަންމަ މަރުވީ، ކުރި ސިކުނޑީގެ ނުބައި އޮޕަރެޝަނަކަށްފަހު ދިމާވި އުނދަގޫތަކެއްގެ ސަބަބުންނެވެ.

ސްރީދޭވީ އޭނާގެ އަމިއްލަ ހަޔާތުގެ ވާހަކަތައް ވަރަށް ނުދައްކައެެވެ. އެންމެ ފުރަތަމަ ސްރީ ދޭވީ ކައިވެނިކޮށްފައި ވަނީ 1980 ވަނަ އަހަރުއެވެ. މިތުންނާ އޭނާ ކައިވެނިކޮށްގެން އުޅުމަށްފަހު، 1996 ވަނަ އަހަރު އޭނާ ވަނީ ބޮނޭ ކަޕޫރް އާއި ކައިވެނިކޮށްފައެވެ. އަދި ބޮނޭ އާއި ސްރީ ދޭވީގެ ދެ ކުދިން އެބަތިއްބެވެ. އެއީ ޖަންވީ ކަޕޫރް އާއި ޚުޝީއެވެ.

ސްރީ ދޭވީ އާއިލާއެކު

ސްރީ ދޭވީގެ ފިލްމީ ހަޔާތް ކުރުކޮށް

1970 އިން 1990 އާއި ހަމައަށް ސްރީ ދޭވީގެ އަޑު އިންޑިއާގެ ފިލްމް އިންޑަސްޓްރީގައި ވަރަށް ގަދައެވެ. އޭނާ ފިލްމް ކުޅުނެވެ. ޑްރާމާ ކުޅުނެވެ. އެތައް ލަވައަކުން ފެނިގެން ދިޔައެވެ. އަދި އެންމެ ފަހުން ފިލްމް ޕްރޮޑިއުސްވެސް ކުރިއެވެ. އަދި ޝޯވތަކުގެ ޖަޖެއްގެ ގޮތުގައިވެސް އޭނާ ވަނީ މަގުބޫލުކަމުގެ އެންމެ އުހަށް އަރާފައެވެ.

ސްރީ ދޭވީ ވެގެން ގޮސްފައި ވަނީ އެންމެ ވިދަމުންދިޔަ އެއް ތަރީގެ ގޮތުގައެެވެ. އޭނާ ވަނީ 300 ފިލްމް ކުޅެފައެވެ. އެކި ބަސް ބަހުގެ ފިލްމްތަކެވެ. އެންމެ ފަހުން ސްރީދޭވީ ފެނިގެން ދިޔައީ އޭނާގެ 300 ވަނަ ފިލްމް "މަމް" އިންނެވެ. އޭނާއަށް އެ ފިލްމް ކުޅެގެން އެވޯޑްވެސް ލިބުނެވެ. އަދި އޭގެ ކުރިންވެސް އޭނާއަށް ދާއިރާއާ ގުޅުން ހުރި އެތައް އެވޯޑެއް ލިބުނެވެ.

ސްރީ ދޭވީ

1967 ވަނަ އަހަރު ސްރީ ދޭވީ ފެނިގެން ދިޔަ ފުރަތަމަ ފިލްމް، ބެލުންތެރިންނާއި ހަމައަށް އައެވެ. އުމުރުން ހަތަރު އަހަރުގައި އޭނާގެ ފުރަތަމަ ފިލްމް ކުޅުނު އިރު، އޭގެ ފަހުން އެތައް އެތައް ފިލްމެއްގެ ލީޑް ރޯލުން އޭނާ ޖާގަހޯދިއެވެ.

އެތަކެއް ދުވަހަކަށްފަހު ސްރީ ދޭވީ ކޮންމެވެސް ވަރަަކަށް ފިލްމީ ދާއިރާއަށް ދުރަށް ދިޔައެވެ. އަށް ވަރަަކަށް އަަހަރުވަންދެން ފިލްމީ ދާއިރާއާ ދުރުގައި ހުރެފައި އައިސް އޭނާ ކުޅުނީ ހިންދީ ފިލްމް "އިންގްލިޝްވިންގްލިޝް" އެވެ.

ސްރީ ދޭވީ މަރުވިއިރު، އެއްވެސް ފިލްމެއްގެ މަސައްކަތެއް ކުރިއަށް ނުގެންދެއެވެ. ނަމަވެސް ބައެއް ޕްރޮޖެކްޓްތައް ކުރިއަށްގެންދިއުމަށް ސޮއިކުރިއެވެ. އެގޮތުން މި އަހަރު ނެރުމަށް ހަމަޖެހިފައިވާ ކަރަން ޖޯހަރްގެ ކަލްނަކް ކުޅުމަށް ސްރީދެވީ ސޮއިކުރިއެވެ. ނަމަވެސް އޭނާ މަރުވުމުން، އެ ފިލްމް ކުޅުވުމަށް ނެގީ މާދުރީ އެވެ. އަދި މަލިޔަލަމް ފިލްމެއް ކުޅުމަށްވެސް ސްރީ ދޭވީ ސޮއިކުރިއެވެ.

އޭގެ އިތުރުން ސްރީ ދޭވީއަކީ ފެޝަންއަށް ވަރަށް ލޯބިކުރާ މީހެކެވެ. އޭނާއަކީ ކުރެހުމުގައިވެސް އުޅުނު މީހެކެވެ.

ސްރީ ދޭވީ މަރުވުން

މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހު ސްރީ ދޭވީ އާއި އޭނާގެ ހަގު ދަރިފުޅު ޖަންވީ ދިޔައީ، ދުބާއިގައި އޮތް އާއިލާ މީހެއްގެ ކައިވެނީގެ ހަފްލާއަކަށެވެ. އެ ކައިވެނީގެ ހަފްލާއަށްފަހު ދުވަސްކޮޅެއް ވެންދެން އޭނާ ދުބާއީގައި މަޑުކުރަން ބޭނުންވީ ދޮށީ ދަރިފުޅަށް އަންނައުނު ގަތުމަށެެވެ. އެ ކައިވެނީގެ ހަފްލާއަށް ސްރީދޭވީގެ ފިރިމީހާ ގޮސްފައެއް ނުވެއެވެ. ސަބަބެއް ކަމަށް ވަނީ އެ ދުވަހު އޭނާ ލަކްނައުގައި އޮތް ބައްދަލުވުމަކަށް ދާން ޖެހުމެވެ.

ނަމަވެސް އޭނާ ވަނީ ސްރިދޭވީއަށް ސަޕްރައިޒެއް ދިނުމަށް ނިންމާފައެވެ. އޭނާ ދުބާއީއަށް ދާން އޮތް ދުވަހުގެ ހެނދުނު ސްރީ ދޭވީއާއި ވާހަކަދެއްކިއެެވެ. އެ ދުވަހު ސްރީ ދެވީ، ބޮނޭ މަތިން ހަނދާންވި ކަމަށްވެސް ބުނިކަމަށް ބޮނޭ ވަނީ ބުނެފައެވެ.

ސްރީ ދެވީގެ ހަނދާންތައް ފަނޑުވުމެއް ނެތް

އެ ދުވަހުގެ މެންދުރު ފަހު 15:30 ގައި އޮތް ފްލައިޓުން ބޮނޭ ދުބާއިއަށް ދިޔައެވެ. އޭނާއަށް ދެވުނު އިރު ދުބާއި ގޮސް ސްރީ ދެވީ އުޅޭ ޖުމާރާ އެމިރޭޓްސް ޓަަވަރ ހޮޓަލަށް ދެވުނުއިރު، ގަޑިން 18:20 ވެދާނެއެވެ. ގޮސް ސްރީ ދޭވީ ހުރި ކޮޓަރި 2201 ގައި ދެ މީހުން ވާހަކަދައްކަން ތިއްބެއެވެ. ގާތްގަނޑަކަށް ބައިގަޑިއެއްހާ އިރަށް ވާހަކަދައްކަން ދެ މީހުން ތިބިއިރު، ދެ މީހުން ނިންމީ އެރޭ ކާން ބޭރަށް ދިޔުމަށެވެ.

ކާން ދާން ތައްޔާރުވުމަށް ސްރީ ދޭވީ ދިޔައީ ފެންވަރާށެވެ. ބޮނޭ އެ ވަގުތު ހުރީ ސިޓިންގ ރޫމްގައެވެ. އޭގެ 15-20 ވަރަކަށް މިނިޓްފަހުން ބޮނޭ، ސްރީ ދޭވީއަށް ގޮވިކަމަށް ވެއެވެ. ކާން ދާން ލަސްވާކަމަށް ބުނެއެވެ. އެއަށް ޖަވާބެއް ނުލުބުމުން ފާހަނަ ދޮރުގައި ޓަކި ތެޅިއެވެ. އެ ދޮރުގައި އެވަގުތު ހުރީތަޅުވެސް ނުލައެވެ. ބޮނޭ ބުނިގޮތުގައި، އޭނާއަށް ގޯހެއް އުޅޭހެން ހީވެގެން ގޮސް ބެލި އިރު، ސްރީ ދޭވީ އޮތީ އޮރިޔާން ހާލުގައި ބިލިގާ ތެރޭގައެވެ. އެހެން ނަމަވެސް ބޮނޭއަށް ސްރީ ދޭވީ ފެނުނުއިރު، ނޭވާ ލާ ކަމެއް ނުވަަތަ ނޫން ކަމެއް ޔަގީނެއް ނޫނެވެ.

ސްރީ ދޭވީ

އެ މަންޒަރު ފެނުމުން ބޮނޭ އޭނާގެ ރަހުމަތްތެރިންނަށް ގޮވިކަމަށް ވެއެވެ. ސްރީ ދޭވީ މަރުވެފައި އޮތްވާ ފެނުމުން އެންމެންވެސް ތިބީ ބޮޑު ޝޮކެއް ޖެހިފައިކަމަށް ވެއެވެ.

ސްރީ ދޭވީ މަރުވިކަމަށް އެ ރޭ ނިންމާ، އެކަން އިއުލާނު ކުރީ ސަންޖޭ ކަޕޫރްއެވެ. އިންޑިއާ މީޑިއާތަކަށް މައުލޫމާތު ދީީފައިވާގޮތުގައި، ސްރީ ދޭވީ މަރުވީ ކުއްލިއަކަށް ހިތް ހުއްޓިގެންނެވެ. އަދި އޭގެ އަނެއް ދުވަހު ސްރީ ދޭވީ މަރުވީ ކީއްވެތޯ ބެލުމަށް ތަހުގީގު ފެެށިއެވެ. ދުބާއި ފުލުހުންނާއި، ފޮރެންސުކް އެވިޑެންސް ޓީމުން ހިންގި ތަހުގީގަށް އެނގުނުގޮތުގައި، ސްރީދޭވީ މަރުވީ ގެނބިގެންނެވެ. އަދި ރިޕޯޓްތައް ބުނާގޮތުގައި، ސްރީ ދޭވީގެ ހަށިގަނޑުގައި މަސްތުގެ އަސަރު ހުއްޓެވެ. އަދި ފުއްޕާމޭ ތެރޭގައި ފެންވެސް ހުރިކަމަށް ވެއެވެ.

ސްރީ ދޭވީގެ ހަށިގަނޑު އިންޑިއާއަށް

ސްރީ ދޭވީ މަރުވުމުން، ފެބްރުއީ މަހުގެ 27 ވަނަ ދުވަހާއި ހަމައަށް އެ މަރުގެ ތަހުގީގުތައް ކުރިއަށްގެންދިޔައެވެ. އަދި އެ ދުވަހު އެ މައްސަލަ ނިންމާ ކޭސްވެސް ކްލޯސްކޮށްލިއެވެ. އަދި އެ ދުވަހުގެ ރޭ ސްރީ ދޭވީގެ ހަށިގަނޑު އިންޑިއާއަށް ގެންދިޔައެވެ. އޭނާގެ ހަށިގަނޑު އިންޑިއާއަށް ގެންގޮސްފައި ވަނީ ޕްރައިވެޓް ޖެޓެއްގައެވެ. އަދި ފެބްރުއަރީ 28 ވަނަ ދުވަހު ސްރީ ދޭވީގެ ހަށިގަނޑު އަންދާލިއެވެ.

ސްރީ ދޭވީ މަރުވިއިރު، އުމުރަކީ 54 އަހަރެވެ.

އަދިވެސް އެ ހަނދާންތައް ފަނޑުވުމެއް ނެތް

ސްރީ ދޭވީގެ މަރަށް އަހަރެއްވިއިރު، އޭނާގެ ހަނދާންތަކުން އަދިވެސް އެތައް ބަޔަކު އަރައިނުގަނެވެއެވެ. ފިލްމީ ދާއިރާއަށް ނިސްބަތްވާ ގިނަ ބަޔަކު އުޅެމުންދަނީ އެ ހިތާމާގައެވެ. ސްރީ ދޭވީގެ ދެ ދަރިންވެސް އެކަމާއި، ހިތާމަ ކުރަމުން ދެއެވެ. އަދި މީސް މީޑިއާ މެދުވެރިކޮށް މަންމަ މަތިން ވަރަށް ބޮޑަށް ހަނދާންވާކަމަށް އެ މީހުން ދަނީ އަބަދުވެސް ބުނަމުންނެވެ.

އަދި ބައެއް ތަރިންވެސް މިއަދު މީސް މީޑިއާ މެދުވެރިކޮށް ސްރީ ދޭވީގެ ހަނދާންތައް އާ ކުރަމުން ދެއެވެ.