މޯލްޑިވިއަން އައިޑޮލްގެ ފުރަތަމަ ސީޒަން އިން ވިދާލި ޒުވާން ކުޅަދާނަ ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހީމްގެ ހާއްސަ މިއުޒިކް ޝޯ އެއް މާދަމާ ރޭ ބަރިސްތާގައި އޮންނާނެކަމަށް ޝަލަބީގެ ބޭންޑުން ބުނެފިއެވެ.

މާދަމާރޭ ބާއްވާ ޝޯ ހާއްސަ ކޮށްފައި ވަނީ އެތައް ބަޔަކު އެ އަޑުތަކެއްގެ އަވައިގައި ޖެހުނު ކުރީގެ މަޝްހޫރު ތިން ލަވަ ކިޔުންތެރިން ކަމަށްވާ ޖޭމް ދޮންކަމަނައާއި ހޯރަފުށީ ފަރީދާ އަދި ޖަމީލާ ހަސަންގެ ހިތްގައިމު ލަވަ ތަކަށެވެ.

މި ޝޯ އޮންނާނީ މާދަމާ ރޭ ނުވައެއް ޖަހާއިރު "ބަރިސްތާ މޯލްޑިވްސް" ކެފޭ ގައެވެ.

ހަމައެއާއެކު، މާދަމާ ރޭގެ ޝޯގައި އެ ތިން ލަވަކިޔުންތެރިންގެ ފޯރިގަދަ ރީތި ލަވަތަކެއް ޝަލަބީގެ އަޑުން އިއްވާ ލުމަށް ހަމަޖެހިފައިވާ އިރު، ކުރީގެ ހަނދާންތައް އާވެގެން ދާނެއެވެ.

ތިން ފަންނާނުންގެ ލަވަތަކުގެ ކަވާ ލަވަތަކެއް މާދަމާރޭ އިވިގެންދާނެއެވެ. އަދި ގިނަ ބަޔަކު ޝޯ ބަލާލާ، ހިތް އުފާކޮށްލަން އައުމަށް ޝަލަބީ އެދެއެވެ. އަދި މާދަމާ ރޭގެ ޝޯގައިވެސް ގެސްޓް ޖަޖެއް ބައިވެރިވާނެއެވެ.

ޝަލަބީ ވަނީ ވަރަށް ފަހުން މަޝްހޫރު ނައިފަރު ދޮހޮއްކޮ އަށް ހާއްސަ ކޮށްގެން ވެސް ޝޯއެއް ދީފައެވެ. އެ ޝޯ އަށް ބޮޑު ތަރުހީބެއް ބެލުންތެރިންގެ ފަރާތުން ލިބިފައިވާތީ އަނެއްކާވެސް މި ކަހަލަ ދެވަނަ ޝޯ އެއް ޝަލަބީ ދޭ ގޮތައް ނިންމި ކަމަށް މައުލުމާތު ލިބިއެވެ.

ޖޭމް ދޮންކަމަނަ އަދި ހޯރަފުށީ ފަރީދާގެ އިތުރުން ޖަމީލާ ހަސަން އަކީ ކުރީގައި އެބައެއްގެ ލަވަ ތަކުގައި ނިކަން ރަނގަޅަށް ވެސް އެހުންތެރިން ޖައްސައި، ލޯބި ހޯދާފައިވާ ކުޅަދާނަ ބައެކެވެ.