ތަޢާރަފް

ފާނަ ބަސަނދު (Chicken pox) އަކީ ވައިރަސް އެއްގެ ސަބަބުން ޖެހޭ ވަރަށް ފަސޭހައިން ގައިންގަޔަށްއަރާ ބައްޔެކެވެ. މިއީ ހުންއައުމާއެކު ގައިން ބިހި ނަގައި ނުވަތަ ފޮޅު ނަގާ ބައްޔެކެވެ. މިއީ އޭގެ ޒާތުގައި ފަރުވާއެއް ނުކުރިނަމަވެސް ރަގަޅުވާ ބައްޔެކެވެ. އާންމުކޮށް ފާނަ ބަސަނދު ޖެހެނީ އުމުރުން 10-5 އަހަރާއި ދެމެދުގެ ކުދިންނަށެވެ. ދުނިޔޭގެ ހުރިހާ ހިސާބެއްގައި އުޅޭކަމަށް ފާހަގަކުރެވިފައިވާ މިބަލި ހޫނު ގައުމުތަކުގައި ފެތުރޭމިންވަރު އިތުރުކަން ފާހަގަ ކުރެވެއެވެ. ޚާއްޞަކޮށް ކޮންމެ އަހަރެއްގެ މާރޗު މަހުން ފެށިގެން މޭމަހުގެ ނިޔަލަށް ހޭދަވާ މުއްދަތުގައި ބަލި ފެތުރޭ މިންވަރު ގިނަކަން ފާހަގަ ކުރެވެއެވެ. ފާނަ ބަސަނދު ޖެހިއްޖެނަމަ އޭގެ ސަބަބުން މުޅިއުމުރަށް އެމީހެއްގެ ހަށިގަނޑުގައި ފާނަ ބަސަނދު އާއި ދެކޮޅަށް ދިފާޢީ ބާރު އުފައްދައެވެ.

ފާނަ ބަސަނދުން ރައްކާތެރިވުމަށް ޖަހަންޖެހޭ ވެކްސިން ނުޖަހައި ހުރިނަމަ، އެމީހަކަށް ޙަޔާތުގެ ކޮންމެ ވެސް ދުވަސްވަރެއްގައި ފާނަ ބަސަނދުގެ އުދަގޫތައް ތަހައްމަލުކުރަން ޖެހޭކަމަށް ދިރާސާތަކުން ދައްކަ އެވެ. ބައެއް ގައުމުތަކުގައި މިއީ ކުޑަކުދިންނަށް ޖެހޭ ބައްޔެއްކަމަށް ވިޔަސް އަނެއް ބައި ގައުމުތަކުގައި ޚާއްޞަކޮށް ހޫނު ހިސާބުގައި އޮންނަ ގައުމުތަކުގައި ، ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ވެސް އާންމުކޮށް މިބަލިޖެހޭކަން ފާހަގަ ކުރެވިފައި ވެއެވެ.

ފާނަ ބަސަނދުން ރައްކާތެރިވުމަށް ވެކްސިން ޖަހާފައިނުވުން، ނުވަތަ ކުރިން ފާނަ ބަސަނދު ޖެހިފައި ނުވުމަކީ އެމީހަކަށް ފާނަ ބަސަނދު ޖެހުމުގެ ފުރުޞަތު އޮންނާނެ ކަމެކެވެ. ހަމަ އެހެން މިފަދަ މީހަކު ފާނަ ބަސަނދު ޖެހިފައިވާ ބަޔަކު ނުވަތަ މީހަކާއެކު އުޅޭނަމަ، އެމީހަށް ވަކިން ފާނަ ބަސަނދު ޖެހުމުގެ ފުރުޞަތު ބޮޑެވެ. އެއް ފަހަރު ފާނަ ބަސަނދު ޖެހިއްޖެނަމަ ދެން ފާނަ ބަސަނދު ޖެހުމަކީ ވަރަށް ދުރު އަދި ނާދިރު ކަމެކެވެ. ފާނަ ބަސަނދު ޖެހޭ ހިސާބުން ފާނަ ބަސަނދުގެ ޖަރާސީމާއި ދެކޮޅަށް ހަށިގަނޑު ހަށިދަމަނަ އާލާވެ، ދިފާޢީބާރު އުފެދިގެން ދެއެވެ. އަދި ތިބާއިމެދު ބެލެވޭނީ ފާނަ ބަސަނދު އިން ހަށިގަނޑު ދިފާޢު ކުރުމުގެ ބާރު ލިބިފައިވާ މީހެއް ކަމުގައެވެ.

ސަބަބު

faana-basandhu-2

ވެރިސެލާ ޒޮސްޓަރ ވައިރަސް

ފާނަ ބަސަނދު ޖައްސަނީ ''ވެރިސެލާ ޒޮސްޓަރ ވައިރަސް''(Varicella zoster virus) ކިޔާ ވައިރަހެއްގެ ސަބަބުންނެވެ. މިއީ ހާރޕީޒް ވައިރަސް ގެ ވައްތަރެކެވެ. މިވައިރަސް އަށް "ހިޔުމަން ހާރޕީސް ވައިރަސް 3"(Human herpes virrus3) މިހެން ވެސް ކިޔައެވެ. އަދި "ޗިކަން ޕޮކްސް ވައިރަސް"(Chickenpox virus) މިހެން ވެސް ކިޔައެވެ. މިއީ އިންސާނުންނަށް ބަލިޖައްސާކަން އެނގިފައިވާ ހާރޕީޒް ވައިރަސްގެ 8 ވައިރަހުގެ ތެރެއިން އެއްވައްތަރެވެ. ފަސޭހައިން ގައިންގަޔަށްއަރާ މިބަލީގެ ވައިރަހަށް ހުށަހެޅޭ 90 އިންސައްތަ މީހުންގެ ހަށިގަނޑުގައި ވައިރަހުގެ ސަބަބުން ބަލި އާލާކުރުވައެވެ. މާނައަކީ ފާނަ ބަސަނދު ޖެހެއެވެ. ހަމަ މިވައިރަސް ގެ ސަބަބުން "ސިންގްލްސް" (Shingles) ކިޔާ ބައްޔެއް ވެސް ޖެހެއެވެ.

ފެތުރޭގޮތް ނުވަތަ ގައިންގަޔަށް އަރާގޮތް

ފާނަ ބަސަނދު ޖެހިފައިވާ ކެއްސައި ކިނބިިހިއެޅުމުގެ ތެރޭގައި، ވައިގެ ތެރެއަށް ވައިރަސްތައް ބޭރުވެގެން ދެއެވެ. އަދި ނޭވާލުމުގެ ޒަރީޢާއިން ސަލާމަތުން ހުރި މީހާގެ ހަށިގަނޑަށް އެވައިރަސް ވާޞިލްވެއްޖެނަމަ، އެމީހަކަށް ބަލިޖައްސުވަ އެވެ. ފާނަ ބަސަނދު ޖައްސާ ވައިރަސް އާއި އަތް ތަޣައްޔަރުވެފައި ހުއްޓައި، އެއަތް ނުދޮވެ، އަނގަ،ލޯ، އަދި ނޭފަތުގައި ޖައްސައިފިނަމަ ވެސް ފާނަ ބަސަނދު ޖެހިދާނެ އެވެ. މީގެ އިތުރުން ފާނަ ބަސަނދާއި ގުޅިގެން ނަގާފޮޅުތައް ފެޅި އެއިން ބޭރުވާ ދިޔައިގައި، ނުވަތަ ފެޅުމުން އުފެދޭ ފާރުކޮޅުގައި ބީހުމަކީ ވެސް ސަލާމަތުން ހުރި މީހާއަށް ފާނަ ބަސަނދު ޖައްސުވާނެ ކަމެކެވެ.

ފާނަ ބަސަނދު ފެތުރެނީ

(1) - ފާނަ ބަސަނދު ޖެހިފައިވާ މީހެއްގެ ގައިގައި އުފެދިފައިވާ ފޮޅުތަކުން ބޭރުވި ދިޔައިގައި ބީހުމުން، ނުވަތަ އަތްލެވުމުން، ސަލާމަތުން ހުރި މީހާގެ އަތް ބަލި ޖައްސާ ޖަރާސީމާއި ތަޣައްޔަރުވުމަށްފަހު، އެއަތް ނުދޮވެ، އަނގަ، ލޯ، ނޭފަތުގައި ޖައްސައި އަތްލައި ހަދައިފިނަމަ އެމީހަކަށް ފާނަ ބަސަނދު ޖެހިދާނެ އެވެ.

(2) - ކެއްސާ ކިނބިހި އެޅުމުގެ ތެރޭގައި ބޭރުވެގެންދާ ވައިރަސްތައް (ބަލިޖައްސާ) ވައިގެ ޒަރީޢާއިން ސަލާމަތުން ހުރިމީހާގެ ހަށިގަނޑަށް ވާޞިިލްވެއްޖެނަމަ އެމީހަކަށް ފާނަ ބަސަނދު ޖެހިދާނެ އެވެ.

(3) – މާބަނޑު ދުވަސްވަރު ފާނަ ބަސަނދު ޖެހިއްޖެނަމަ ބަނޑުގައި އޮންނަ ދަރިފުޅަށް ވެސް ފާނަ ބަސަނދު ޖެހިދާނެ އެވެ.

އަލާމާތްތައް

ބަލީގެ އުދަނގޫތައް ފެންނަން ހޭދަވާ މުއްދަތު (Incubation period): ބަލީގެ ޖަރާސާމް ހަށިގަނޑަށް ވަނުމަށްފަހު، ހަށިގަނޑުގައި ގިނަވެ، އިތުރުވެ، އޭގެ ސަބަބުން ބަލީގެ އުދަނގޫތައް ބަލިމީހާ އަށް ކުރިމަތިކުރުވުމަށް ވަކި މުއްދަތެއް ބޭނުން ވެއެވެ. އެގޮތުން ފާނަބަސަނދު ޖައްސާ ވައިރަސް ފުރަތަމަ ފަހަރަށް މީހާގެ ހަށިގަނޑަށް ވަނުމަށް ފަހު އޭގެ އަލާމާތްތައް ފެނުމަށް 16-12 ދުވަހާއި ދެމެދުގެ މުއްދަތެއް ނަގައެވެ. ބައެއް ފަހަރު 21-10 ދުވަހާއި ދެމެދުގެ މުއްދަތެއް ހޭދަވުމަކީ ވެސް ވެދާނެ ގޮތެކެވެ.މިއީ ބައްޔެއްގެޖަރާސީމު ހަށިގަނޑަށް ވަނުމަށްފަހު އެބަލިފެނުމަށް ހޭދަވާމުއްދަތު (Incubation period)އެވެ. މިމުއްދަތުގެ އެވްރެޖަކީ 14 ދުވަހެވެ. އާއިލާއެއްގެ ތެރޭގައި އެކަކު ރަގަޅުވާއިރު އަނެކެއްގެ ފުށުން ބަލީގެ އަލާމާތްތައް ފެންނަ ސަބަބަކީ މިއީ އެވެ.

ބަލިފަތުރާ މުއްދަތު (Infectious period): ފާނަ ބަސަނދު ގެ ވައިރަސް ހަށިގަނޑަށް ވާޞިލްވުމަށްފަހު އެއްވެސް އަލާމާތެއް ނުފެންނަ ހާލަތުގައި ވެސް އެހެން މީހުންނަށް ބަލި ފަތުރުވައެވެ. އަދި މިބަލި އެހެން މީހުންނަށް ފަތުރުވައި އެންމެ ބޮޑަށް ގައިން ގަޔަށް އަރަނީ، ބައްޔާއި ގުޅިގެން ނަގާ ފޮޅުތައް ނަގަން ފެށުމުގެ 3-2 ދުވަސް ކުރިން ފެށިގެން ގޮސް، ފޮޅުތައް ފެޅި އެފޮޅުތައް އެއްކޮށް ރަގަޅުވުމާއި ދެމެދު އޮންނަ މުއްދަތުގެ ތެރޭގައެވެ. ބައެއް ޑޮކްޓަރުން ވިދާޅުވާ ގޮތުގައި ފާނަ ބަސަނދު ޖެހިފައިވާ މީހާގެ ފުށުން ބަލި ފަތުރަނީ ބައްޔާއި ގުޅިގެން ނަގާ ބިއްސާއި ފޮޅުތައް ފެނުމުގެ 5 ދުވަސްކުރިން ފެށިގެން (އާންމުކޮށް 1-2 ކުރިން ފެށިގެން) ގޮސް، ފޮޅުތައް ނެގުމަށްފަހު އަންނަ 5 ދުވަހުގެ ނިޔަލަށް ހޭދަވާ މުއްދަތުގެ ތެރޭގައެވެ. އެހެން އިބާރާތަކުން ބުނާނަމަ ބަލިޖެހިފައިވާ މީހާގެ ފުށުން އެހެންމީހުންނަށް ބަލި ފަތުރަނީ ބައްޔާއި ގުޅިގެން ބިހިތައް ނުވަތަ ފޮޅުތައް ނެގުމުގެ ދެތިން ދުވަސްކުރިން ފެށިގެން ގޮސް، ހުރިހާ ފޮޅުތަކެއްގައި ކުރަމަގާލި ލަންދެނެވެ. ފެޅިފައިވާ ފޮޅުތައް ކުރަމަގާލި ލައި، ނެއްޓުމަށްފަހު، އެމީހެއްގެ ފުށުން އެހެންމީހުންނަށް ބައްޔެއް ނުފެތުރޭނެ އެވެ. އެހެންކަމުން ފާނަ ބަސަނދުގެ ބަލިފަތުރާ މުއްދަތު ނުވަތަ ގައިންގަޔަށްއަރާ މުއްދަތު (Infectious period) ގެ ގޮތުގައި ބެލެވޭނީ ގާތްގަނޑަކަށް 10-7 ދުވަހާއި ދެމެދުގެ މުއްދަތެކެވެ.

ފާނަބަސަނދުގެ އަލާމާތްތައް

faana-basandhu-3

ފާނަ ބަސަނދު ޖައްސާ ވައިރަސް އަށް ހުށެހެޅޭތާ ގާތްގަނޑަކަށް 14 ވަރަކަށް ދުވަސް ފަހުން ހުންއައުން، ކަރުތެރެ ފާރުވެ، ހަލާކުވުން،ކެއްސުން، ނޭފަތުން ފެންއައުން، ބޮލުގައި ރިހުން،ގައިގައިރިހުން، މޭނުބައިކުރުން، ހޮނޑުލެވުން، ބޯއެނބުރުން، ވަރުބަލިވުން، އަދި ކާހިތްނުވުން 2-1 ދުވަހުގެ މުއްދަތަކަށް މެދުވެރި ކުރުވައެވެ. ހުންއައުން އާންމު ގޮތެއްގައި ހުންނަނީ 38 ޑިގްރީ ސެލްޒިއަސް ހިސާބުގައެވެ. ކުޑަކުދިންނަށް މިއުދަގޫތައް އާދައިގެ މިންވަރަކަށް ކުރިމަތިވި ނަމަވެސް ޒުވާނުންނާއި ބޮޑެތި މީހުންނަށް މިއުދަނގޫތައް މަތީ ދަރަޖައަކަށް މެދުވެރި ކުރުވައެވެ. ބަލި ފަސޭހަވެ ރަގަޅުވަންދެން ވެސް ބައެއް ފަހަރު މިއުދަގޫތައް ހުރެދާނެ އެވެ.

މަތީގައި ބަޔާންކުރެވުނު އަލާމާތްތައް ފެންނަތާ 48-24 ގަޑިއިރުގެ ތެރޭގައި ހަށިގަނޑުގެ މެދުބައިން (ބުރަކަށި އަދި ބަނޑާއި މޭމަތި ހިމެނޭ ހިސާބު) ފާނަ ބަސަނދު އާއި ގުޅިގެން ނަގާ ޚާއްޞަ ބިހިތަކާއި، ފޮޅުތައް ނަގަން ފަށައެވެ. އެއަށްފަހު ޖެހިގެން އަންނަ 10-7 ދުވަހާއި ދެމެދުގެ މުއްދަތު ތެރޭގައި ފޮޅުތައް ބޮލާއި އަތްފަޔަށް ފެތުރިގެން ދެއެވެ. ފާނަ ބަސަނދު ޖެހުމާއި ގުޅިގެން އެންމެ ފާހަގަކުރެވޭ އެއްކަމަކީ ބައްޔާއި ގުޅިގެން ހަށިގަނޑުގައި ނަގާ ރަތްކުލައިގެ ބިހިތަކާއި، ފޮޅުތަކާއި އަދި ފެންފޮޅު ތަކެވެ. މިބިިހތަކާއި ފޮޅުތަކުގައި ވަރަށް ބޮޑަށް ކަހައި ހިރުވާނެ އެވެ.

ފާނަ ބަސަނދު އާއި ގުޅިގެން ފުރަތަމަ ހަންގަނޑުގެ ކުލަ ރަތްކުލައަކަށް ބަދަލުވެ، ރަތް ކުލައިގެ ބިހިތަކެއް ނަގައެވެ. ފެންނަ ފެނުމަށް ހީވާނީ އެއްޗެއް ހަފާފައި ހުންނަހެންނެވެ. މިބިހިތަކުގެ ބޮޑުމިނުގައި 4-2 މިލިމީޓަރު ހުރެއެވެ. އެއަށްފަހު ބިހީގެ އެތެރޭގައި ފެންހެދި، ފެންފޮޅަކަށް ބަދަލުވެދެއެވެ. އަދި އޭގެ ފަހުން 12-8 ގަޑިއިރާއި ދެމެދުގެ މުއްދަތެއްގެ ތެރޭގައި، ފެންފޮޅަށް ދޮސްއެރި (ފެންކޮޅު ފުސްވެ) ދޮސްފޮޅަކަށް ބަދަލުވެއެވެ. އެއަށްފަހު ދޮސްފޮޅު ފެޅި، އެތަން ހިކި، ތޮށިލައި ކުރަމަގާލިލައި ނެއްޓި ދެއެވެ. މިމަރުހަލާތައް ނުވަތަ ބިހިތަކަށް އަންނަ މިބަދަލުތަކުގެ ބުރު ފުރިހަމަވުމަށް 2-1 ދުވަސްވަރު ނަގައެވެ. އަދި އެމަރުހަލާތައް ކަނޑަތުވެ،(މާނައަކީ ކޮންމެ ދުވަހަކު އައު ބިހިތައް ނަގަނަގައި ހުރުން) 7-5 ދުވަހުގެ މުއްދަތަކަށް ދެމިހުރެއެވެ. މާނައަކީ ބަލިމީހާގެ ހަށިގަނޑުގައި އެކި މަރުހަލާގެ ބިހިތައް (ބިހި، ފެންފޮޅު، ދޮސްފޮޅު، ފެޅި ކުރަމަގާލި ލައިފައިވާ ފޮޅު) އެއްފަހަރާ ފެންނަން ހުރެއެވެ. އާންމު ގޮތެއްގައި ބަލީގެ އަލާމާތްތައް ގާތްގަނޑަކަށް 10 ދުވަހުގެ މުއްދަތައް ދެމިހުރެއެވެ. ފެންފޮޅު އަދި ދޮސްފޮޅުގެ ތެރޭގައި ހިމެނޭ ދިޔައިގައި ގިނައަދަދަކަށް ބަލި ޖައްސާ ވައިރަސް ހުރެއެވެ.

ފާނަ ބަސަނދު ޖެހުމުން ފުރަތަމަ ނަގާ ބިހިތައް، ފެންފޮޅު، ދޮސްފޮޅު، ފެޅިފައިވާ ދޮސްފޮޅުތައް، ކުރަމަގާލި ލައިފައިވާ ތަންތަން، މިހުރިހާ ކަމެއް އެއްފަހަރާ ބަލިމީހެއްގެ ކިބައިން ފެންނަން ހުރެދާނެ އެވެ. މާނައަކީ ފުރަތަމަ ނަގާ ފޮޅުތައް ފެޅި ކުރަމަގާލި ލާއިރު އަލަށް ބައްޔާއި ގުޅިގެންނަގާ ރަތްކުލައިގެ ބިހިތައް ފެންނަށްހުރުމަކީ އެކަށީގެންވާ ކަމެކެވެ. އެގޮތުން ބަލިޖެހިފައިވާ މީހެއްގެ ހަށިގަނޑުން ބަލީގެ އެންމެ ނުރައްކާތެރި ހިސާބުގައި (ބަލީގެ އަސަރު އެންމެ ބޮޑަށް ފެންނަން ހުންނަ ދުވަސްވަރު) އެއްފަހަރާ 100 - 300 އާއި ދެމެދުގެ އަދަދަކަށް ހަމުގެ ތަފާތު ލީޒަން (ބަލީގައި ނަގާ ފެންބިހި، ފޮޅު ފަދަ ތަކެތި) ފެންނަން ހުރުމަކީ ވެދާނެކަމެކެވެ. ހުރިހާ ފޮޅުތައް ފެޅި ކުރަމަގާލިލައި ނެއްޓި ދިއުމަށްފަހު އެމީހެއްެގެ ފުށުން އެހެން މީހުންނަށް ބައްޔެއް ނުފެތުރޭނެ އެވެ.

ފާނަ ބަސަނދުގެ އަސަރު އަނގައިންނާއި، ކުރިމަތި ފަރާތް ނުވަތަ ޖިންސީ ގުނަވަން ހިމެނޭ ހިސާބުން ފެނުމަކީ ވެދާނެ ގޮތެކެވެ. ބަލީގެ ސަބަބުން ނަގާފޮޅުތައް ފެޅި ކުރަމަގާލި ލައި ނެއްޓިގެންދާއިރު އެކަމުގެ ސަބަބުން ލަކުނު އުފެދޭނީ ހަމައެކަނި ބަލީގެ ސަބަބުން ހަމުގައި ސެކަންޑަރީ ބެކްޓީރިއަލް އިންފެކްޝަން އެއް ނުވަތަ ހަމުގައި ޖަރާސީމް އެޅުން ކުރިމަތިވިނަމަ އެވެ. މަދުން ނަމަވެސް ބިހި ނުނަގައި ފާނަ ބަސަނދުގެ އުދަނގޫތައް ކުރިމަތިވާކަން ފާހަގަކޮށްލަމެވެ.

ނުރައްކާތައް

ފާނަ ބަސަނދަކީ އޭގެ ޒާތުގައި ޖުމުލަކޮށް ބަލާއިރު ނުރައްކާތެރި ބައްޔެއް ނޫނެވެ. ބަލީގެ ނުރައްކާތެރިކަން ކުރިމަތިވާ މިންވަރު އެކިމީހުންނަށް ތަފާތެވެ. ފާނަ ބަސަނދުގެ އުދަނގޫތަކާއި އޭގެ ސަބަބުން ކުރިމަތިވާ ނުރައްކާތައް މެދުވެރިވުމުގެ ފުރުޞަތު އަންނަނިވި ފަރާތްތަކަށް އިތުރުކަން ފާހަގަކުރެވެއެވެ.

• މާބަނޑު މީހުން
• 15 އަހަރު ފުރިފައިވާ ކުދިން
• ބޮޑެތި މީހުން (18 އަހަރުން މަތީގެ)
• ދިފާޢީ ބާރު ދަށްވެފައިވާ މީހުން

އުމުރުން 5 އަހަރުން ދަށުގެ ކުޑަކުދިންނަށް މިބަލީގައި ދިމާވާ އެންމެ ނުރައްކާތެރި އުދަނގުލަކީ ހަންގަނޑުގައި ބެކްޓީރިއަލް އިންފެކްޝަން އަށަގަތުން ނުވަތަ ހަމުގައި ޖަރާސީމު އެޅުމެވެ. މިކަން ކުރިމަތިވަނީ ހަމުގައި ނަގާ ފޮޅުތައް ކެހުމުގެ ތެރޭގައި ނިޔަފަތީގެ ދަށް، ނުވަތަ ހަންގަނޑުގައި ހުންނަ ބެކްޓީރިޔާ ފަދަ ޖަރާސީމުތައް ފެންފޮޅު ތަކަށް ވާޞިލްވުމުންނެވެ. ބޮޑެތި މީހުންނަށް ދިމާވާ އެންމެ ނުރައްކާތެރި ކަމަކީ ނިއުމޯނިޔާ ޖެހުމެވެ.

އާންމު ގޮތެއްގައި ކުޑަކުދިންނަށް ބަލީގައި ނުރައްކާތަކާ ދިމާވުމުގެ ފުރުޞަތު ކުޑައެވެ. ބޮޑެތި މީހުންނާއި ކުޑަކުދިންނަށް ވެސް ފާނަ ބަސަނދުއާއި ގުޅިގެން ދިމާވާ ނުރައްކާތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

(ހ) - ހަމުގައި ޖަރާސީމް އެޅުން (Bacterial infection): މިއީ ފާނަ ބަސަނދު ޖެހުމާއި ގުޅިގެން ހަމުގައި ނަގާ ބިހިތަކާއި ފެންފޮޅު އަދި ދޮސްފޮޅު ތަކުގެ ސަބަބުން ހަމުގައި ބެކްޓީރިޔާ އަށަގަނެ، ޖަރާސީމް އެޅުމެވެ. ދޮސްފޮޅުތައް ކަހައި ހިރުވުމުގެ ސަބަބުން އެފޮޅުތައް ފާރުވެ، ރަގަޅުވާއިރު ބައެއް ފަހަރު ލަކުނު ލާފައި ހުރުމަކީ ވެދާނެ ގޮތެކެވެ. އާންމުގޮތެއްގައި މިފަދަ ޙާލަތުގައި ހަމުގައި ޖަރާސީމްއަޅަނީ ''ސްޓެފައިލޯކޮކަސް''(Staphylococcus) އަދި ''ސްޓްރެޕްޓޯކޮކަސް''(Streptococcus) ކިޔާ ބެކްޓީރިޔާ ތަކުގެ ސަބަބުންނެވެ. ވަރަށް މަދުފަހަރެއްގައި މިކަމުގެ ސަބަބުން ފުރާނައަށް ނުރައްކާވެދާނެ އެވެ. ފާނަ ބަސަނދާއި ގުޅިގެން ކުޑަކުދިންނަށް ދިމާވާ އެންމެ އާންމު ނުރައްކަލަކީ ވެސް މިއީ އެވެ.

(ށ) - ފުއްޕާމޭގައި ޖަރާސީމް އެޅުން(Pneumonia): މިއީ ވެސް ފާނަ ބަސަނދުއާއި ގުޅިގެން ވަރަށް މަދުން ނަމަވެސް ދިމާވާ ކަމެކެވެ. ޚާއްޞަކޮށް ބޮޑެތި މީހުންނަށް ދިމާވާ މިމައްސަލައަކީ ފާނަ ބަސަނދު އާއި ގުޅިގެން ހޮސްޕިޓަލްގައި އެދުމަތި ކުރަންޖެހޭ މައިގަނޑު ސަބަބު ވެސް މެއެވެ. އަދި ބަލީގައި މަރުވާ މީހުންގެ 30-10 އިންސައްތަ މީހުން މަރުވަނީ ވެސް ފާނަ ބަސަނދު އާއި ގުޅިގެން ފުއްޕާމޭގައި ޖަރާސީމް އެޅުމުން ނުވަތަ ނިއުމޯނިޔާ ޖެހިގެންނެވެ. ފާނަ ބަސަނދު ޖެހޭ މީހުންގެ ތެރެއިން ކޮންމެ 400 ން އެކަކަށް ނިއުމޯނިޔާ ޖެހޭކަން ފާހަގަ ކުރެވެއެވެ. ފާނަ ބަސަނދު ޖެހުމުން ނިއުމޯނިޔާ ކުރިމަތިވުމުގެ ފުރުޞަތު ބޮޑު ފަރާތްތަކުގެ ތެރޭގައި، އުމުރުން ދުވަސްވީމީހުން، ދިފާޢީބާރު ދަށްމީހުން، ދުންފަތުގެ އިސްތިއުމާލުކުރާ މީހުން، ދާއިމީ ސިފައެއްގައި ނޭވަޔަށް އުދަނގޫކުރާ ބަލި ހުންނަމީހުން، އަދި މާބަނޑު މީހުން ހިމެނެއެވެ.

(ނ) - ނާރުތަކަށް ލިބޭ ގެއްލުންތައް (Nerve injuries): ކުޑަކުދިންނަށް ފާނަ ބަސަނދު ޖެހުމާއި ގުޅިގެން ސިކުނޑީގައިވާ މަރުކަޒުތަކުގެ ތެރެއިން އިންސާނާގެ ހަމަހަމަކަން ހިފަހައްޓައިދޭ މަރުކަޒުގައި އިންފްލެމޭޝަން އުފެދި، ''ސެރެބިލާ އެޓެކްސިއާ''(Cerebella ataxia) ކިޔާ ހަމަހަމަކަން ގެއްލުމުގެ ޙާލަތެއް މެދުވެރި ކުރުވައެވެ. މިކަން މެދުވެރިވުމުން ހަށިގަނޑުގެ ހަމަހަމަކަން ހިފަހައްޓަން އުދަގޫވުމާއެކު، އަނބުރައި، ތުރުތުރުއަޅައި، ވާހަކަ ދައްކަން އުދަނގޫވެ، ލޮލުގެ ހަރަކާތް ރަގަޅަށް ނުކުރެވުން ފަދަ ކަންތައް ދިމާވެއެވެ. ފާނަ ބަސަނދުޖެހޭ ކޮންމެ 4 ހާސް ކުދިންގެ ތެރެއިން 1 ކުއްޖަކަށް ފާނަ ބަސަނދުއާއި ގުޅިގެން ހަމުގައި ފޮޅުތައް ނަގާތާ 1 ހަފްތާގެ ތެރޭގައި މިމައްސަލަ ދިމާވާކަން ފާހަގަ ކުރެވިފައި ވެއެވެ. ބޮޑެތިމީހުންނަށް ފާނަ ބަސަނދުއާއި ގުޅިގެން އެންމެ އާންމުކޮށް ދިމާވާ ނުރައްކަލަކީ ސިކުނޑި ދުޅަވުން އެވެ. ސިކުނޑި ދުޅަވެއްޖެނަމަ ވާނުވާނޭގުން، ބޮލުގައި ރިހުން، އަދި ފިޓްޖެހުން ފަދަ ކަންތައް މެދުވެރި ކުރުވައެވެ. މީގެ އިތުރުން ތަފާތު ނާރުތަކަށް ވަކިވަކިން އަނިޔާވެ، ގެއްލުންވުމަކީ ވެސް މެދުވެރިވެދާނެ ކަމެކެވެ.

(ރ) - ރޭޒް ސިންޑްރޯމް(Reyes syndrome): މިއީ ވަރަށް މަދުން ނަމަވެސް ކުޑަކުދިންނަށް ފާނަ ބަސަނދު އަދި އަރިދަފުސް ރޯގާ ޖެހުމުން ދިމާވާ ކަމެކެވެ. މީގެ އިތުރުން އެސްޕިރިން ބޭނުން ކުރުމުން ވެސް މިމައްސަލަ ދިމާވެދާނެ އެވެ. ރޭޒް ސިންޑްރޯމް ޖެހުމުން ފެންނަ އަލާމާތްތަކުގެ ތެރޭގައި މޭނުބައިކުރުން، ހޮނޑުލުން، ބޮލުގައި ރިހުން، ވާނުވާނޭގުން އަދި ބައެއް ފަހަރު ހޭނެތުން ފަދަ ކަންތައްތައް މެދުވެރިވެއެވެ. މިއީ ސިކުނޑިއާއި މޭގަނޑަށް ވެސް ގެއްލުން ލިބޭ ބައްޔެކެވެ.

(ބ) - ވަރަށް މަދުން ދިމާވާ މައްސަލަތައް: އޭގެތެރޭގައި މޭގަނޑު ދުޅަވުން، ގުރުދާގެ ބަލިތައް ޖެހުން، އޮށްދުޅަވުން، އަދި ގޮހޮރުގައި ފާރު އުފެދުން، ކަންފަތުގައި ޖަރާސީމް އެޅުން، ހިތުގެ މަސްގަނޑު ދުޅަވުން، އެޕެންޑިކްސް ދުޅަވުން، ޗިސްމޭ ދުޅަވުން، ހުޅުތައް ދުޅަވުން، އަދި ލޮލުގެ އެކި ބައިތައް ދުޅަވެ ޖަރާސީމް އަށަގަތުން، ފަދަ ކަންތައްތައް ހިމެނެއެވެ.

ފާނަ ބަސަނދު އަދި ޝިންގަލްސް

faana-basandhu-4

ފާނަ ބަސަނދު ޖެހުމަށްފަހު ބައްޔަށް ދެވަނަ ފަހަރު ހުށަހެޅުނަ ނުދިނުމަށްޓަކައި ހަށިގަނޑުގައި ބައްޔާއި ދެކޮޅަށް ހަށިދަމަނަ އުފެދި ދިފާޢީ ބާރު އުފެދިގެން ދިޔަސް، ދިފާޢީ ނިޒާމުން ހަށިގަނޑުގައި ހުރި ހުރިހާ ވައިރަސްތައް އެއްކޮށް ނައްތާ ނުލެވިއްޖެނަމަ، އެމީހާގެ ހަށިގަނޑުގެ ތެރޭގައި ފާނަ ބަސަނދުގެ ވައިރަސް ދެމިހުރެއެވެ. މިފަދަ ހާލަތުގައި މިވައިރަސްތައް ހުންނަނީ ހިމޭންކަމާއެކު، ހަރަކާތެއް ނެތިއެވެ. އަދި މިވައިރަސްތައް ހިމޭންކަންމަތީ ހަރަކާތެއްނެތި ދެމިހުންނަނީ "ޑޯރސަލް ރޫޓް ގެންގްލިއާ"(Dorsal root ganglia) އޭ ކިޔޭ ނާރު ސެލްތަކެއްގައެވެ. އަދި ދޭތެރެ ދޭތެރެއިން ހަރަކާތްތެރިވެ، ފާނަ ބަސަނދުގައި ނަގާ ކަހަލަ ފޮޅު ހަށިގަނޑުގެ ކޮންމެވެސް ހިސާބެއްގައި ނަގާގޮތް މެދުވެރި ވެއެވެ. އަދި އެމީހާގެ އުމުރުގެ ފަހު ދުވަސްވަރެއްގައި ހަށިގަނޑު ދިފާޢީ ބާރު ދަށްވާ ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، އެވައިރަސްތައް ހީވާގިވެ، "ޝިންގަލްސް"(Shingles) ކިޔާ ނުވަތަ "ވެރިސެލާ ޒޯސްޓަރ"(Varicella zoster) އޭ ނުވަތަ " ހާރޕީޒް ޒޮސްޓަރ" (Herpes zoster)އޭ ކިޔޭ ބަލީގެ ޙާލަތު މެދުވެރި ކުރުވައެވެ. އެހެންކަމުން މިއީ ފާނަ ބަސަނދު ޖެހުމަށްފަހު ދުވަސްތަކެއް ފަހުން މެދުވެރިވާ ނުރައްކަލެއްގެ ގޮތުގައި ވެސް ސިފަކުރެވެއެވެ.

ފާނަ ބަސަނދު ޖެހުމުން ވަނީ ކިހިނެއް؟

ފާނަ ބަސަނދު ޖެހުމުން އެންމެ ފުރަތަމަ ފެންނަ އަލާމާތްތަކަކީ ހުންއައުން، ބޮލުގައި ރިހުން، ބޯއެނބުރުން، ވަރުބަލިވުން، ކަރުުތެރެ ފާރުވެ، ހަލާކުވުން، އަދި ކާހިތްނުވުން ފަދަ އަލާމާތްތަކެވެ. ވައިރަސް ހަށިގަނޑަށް ވަނުމަށްފަހު މިއުދަނގޫތައް މެދުވެރިވުމަށް 16-12 ދުވަހާއި ދެމެދުގެ މުއްދަތެއް ހޭދަވެއެވެ.

- ބައެއް ކުޑަކުދިންނަށް ބަޔާންކުރެވުނު އުދަގޫތައް ފެނުމަކާއި ނުލައި، ހަށިގަނޑުން ބިހިތަކާއި ފޮޅުތައް ނަގަން ފަށަ އެވެ.

- އުމުރުން 6 މަހުން ދަށުގެ ކުޑަކުދިންގެ ހަށިގަނޑުގައި ފާނަ ބަސަނދުން ދިފާޢުވުމުގެ ބާރު ހުރެއެވެ. އެއީ ތުއްތު ދަރިފުޅު ބޮޑުވަމުން އަންނަ ދުވަސްވަރު މައިމީހާގެ ހަށިގަނޑުން ތުއްތު ދަރިފުޅުގެ ހަށިގަނޑަށް ބަލިން ދިފާޢުވުމަށް އެހީތެރިވެދޭ ހަށިދަމަނަތައް ވާޞިލްވާތީ އެވެ. އެހެންކަމުން މިއުމުރުގެ ކުއްޖަކަށް ފާނަ ބަސަނދު ޖެހުނަސް މާބޮޑު އުދަނގޫތަކެއް ކުރިމަތި ނުވެދާނެ އެވެ.

- ހަށިގަނޑުގެ ދިފާޢީ ނިޒާމްގެ ބާރުދެރަވެ، ދަށްވެފައިވާ މީހުންނަށް ފާނަ ބަސަނދުގެ އުދަގޫތައް އާންމުކޮށް އޮންނަ މުއްދަތަށްވުރެ ކުރިން ފެނުމަކީ ވެދާނެ ކަމެކެވެ.

- ފާނަ ބަސަނދާއި ގުޅިގެން ނަގާ ބިހި، އަދި ފޮޅުތައް އާންމުކޮށް ނަގަނީ ހަށިގަނޑުގެ މެދުބައި ނުވަތަ ބުރަކައްޓާއި މޭމަތި އަދި ބަނޑުމަތީގައެވެ. އަތްފައިގައި ބިއްސާއި ފޮޅު ނަގަނީ ވަރަށް މަދުންނެވެ. މިބިހިތަކާއި ފޮޅުތައް، ބޮލުގެ ހަންގަނޑާއި، މޫނު، ނޭފަތް، އަދި އަނގަތެރެއަށް ފެތުރިގެން ދިއުމަކީ ވެދާނެ ގޮތެކެވެ. މަދުން ނަމަވެސް ލޮލުގެ ހުދުކަޅީގެ މަތިން ލެވިފައިވާ ތުނި ދުލި (Conjunctiva)، ލޮލުގެ ހާމަ ދުލި (Cornea)، އަދި ޖިންސީ ގުނަވަން ހިމެނޭ ހިސާބަށް ފެތުރިގެން ދިއުމަކީ ވެދާނެ ގޮތެކެވެ.

ބައެއް މީހުންނަށް ބިހިތަކާއި ފެންފޮޅު ނަގާ މުއްދަތު އިތުރުވެފައި، ދެމިހުންނަ މުއްދަތު ދިގުކަން ފާހަގަ ކުރެވެއެވެެ. މިގޮތުން އަންނަނިވި މީހުންނަށް ބަލީގެ އުދަނގޫތައް ކުރިމަތިވުން އިތުރުވެފައި، އަދި ނުރައްކާތެރިކަން އިތުރުކަން ފާހަގަ ކުރެވެއެވެ.

(ހ) – މައިމީހާއަށް ބަލިޖެހި ރަގަޅުވި ތަނާހެން ލިބޭ ތުއްތުކުދިން
(ށ) – ދުވަސްނުފުރާ ވިހެއުމާއި، ވެރިސެލާ ނިއުމޯނިޔާ ޖެހުމުގެ ފުރުޞަތު އޮތް މާބަނޑު މީހުން
(ނ) – ޢުމުރުން 15 އަހަރުން މަތީގެ ކުދިންނާއި، މީހުން : ޚާއްޞަކޮށް ދުންފަތުގެ އިސްތިޢުމާލު ކުރާ މީހުންނާއި، ފުއްޕާމެޔަށް ދާއިމީ ދިގު ބައްޔެއް ޖެހިފައިވާ މީހުން
(ރ) – ހަށިގަނޑުގެ ދިފާއީ ބާރު ދެރަވެ، ދަށްވެފައިވާ މީހުން
(ބ) – ސިސްޓިކް ފައިބްރޯސިސް ކިޔާ އުފެދުމުގައި ހުންނަ ބައްޔެއް ޖެހިފައިވާ މީހުން
(ޅ) – ދިގުމުއްދަތަކަށް އެސްޕިރިންގެ ފަރުވާ ލިބިގަންނަ މީހުން

މާބަނޑު ދުވަސްވަރާއި ފާނަ ބަސަނދު

ފާނަ ބަސަނދު ޖެހިގެން މާބަނޑު މީހެއްގެ ފުރާނައަށް ގެއްލުންވިކަމަށް ފުރަތަމަ ރިޕޯޓްކޮށްފައިވަނީ 1947 ވަނަ އަހަރުގައެވެ. ތުއްތު ދަރިފުޅު އުފަންވާއިރު ފާނަ ބަސަނދު ޖެހިފައި އޮންނަނީ ނުވަތަ ފާނަ ބަސަނދު ޖެހެނީ މާބަނޑު ދުވަސްވަރު މައިމީހާއަށް ފާނަ ބަސަނދު ޖެހިއްޖެނަމަ އެވެ. އެކަމަކު މައިމީހާ އަކީ ފާނަ ބަސަނދުއަށް ވެކްސިން ޖަހާފައިވާ މީހެއްނަމަ އެމީހަކަށް މާބަނޑު ދުވަސްވަރު ފާނަ ބަސަނދު ޖެހުނަސް އެކަމުގެ އަސަރު ބަނޑުގައިވާ ތުއްތު ދަރިފުޅަކަށް ނުކުރާނެ އެވެ. ދިރާސާތަކުން ދައްކާގޮތުގައި މައިމީހާއަށް ފާނަ ބަސަނދު ޖެހުމުގެ ސަބަބުން ބަނޑުގައި އޮންނަ ތުއްތު ދަރިފުޅުގެ ހަށިގަނޑުގެ ޢައިބުވުމުގެ ފުރުޞަތު ވަރަށް ކުޑައެވެ.

މާބަނޑު މީހާއަށް ފާނަ ބަސަނދު ޖެހުނުތަނާ ދުވަސްކޮޅެއްގެ ފަހުން އުފަންވާ ތުއްތު ކުދިންނަށް ފާނަ ބަސަނދު ޖެހުމުގެ ފުރުޞަތު ބޮޑެވެ. ފުރަތަމަ 3 މަހުގެ ތެރޭގައި ނުވަތަ ދެވަނަ 3 މަހުގެ ކުރީކޮޅުގައި މާބަނޑު މީހާއަށް ފާނަ ބަސަނދު ޖެހިއްޖެނަމަ، ލިބޭ ތުއްތު ދަރިފުޅަށް "އުފެދުމުގައި ފާނަބަސަނދު ޖެހުން"(Congenital varicella syndrome) ކިޔާ ބައްޔެއް ފެންމަތިކުރުވައެވެ. މިބަލީގެ ސަބަބުން ތުއްތު ދަރިފުޅުގެ ހަމުގައި ލަކުނު ލުމާއި، ލޮލާއި، ސިކުނޑި، ނުވަތަ އަތްފައިގައި ޢައިބުތައް ހުރުމަކީ ވެދާނެ ކަމެކެވެ. މާބަނޑު ދުވަސްވަރު މައިމީހާއަށް ފާނަ ބަސަނދު ޖެހުމުން ބަނޑުގައި އޮންނަ ތުއްތު ދަރިފުޅަށް ކުރިމަތިވެދާނެ ކަމަށް ފާހަގަ ކުރެވިފައިވާ ކަންތައްތަކުގެ ތެރޭގައި:-

(1) ހަމުގައި ލައްތަކެއްހުރުން އަދި ހަންގަނޑު ކުރަކިވުން
(2) ހަމުގައި ލަކުނުލާފައި ހުރުން
(3) ލޮލުގެ މައްސަލަތައް ނުވަތަ ލޮލުގެ ފެނުން ދެރަވުން
(4) ސިކުނޑީގެ މައްސަލަތައް : ސިކުނޑީގައި އުނިކަމެއްހުރުން، ވިސްނުން ކޮށިވުން، މިސާލަކަށް އަދޮޅުވުން، ގަމާރުވުން
(5) ބޯކުޑަވުން
(6) ބީރުވުން ނުވަތަ ރަގަޅަށް އަޑުނީވުން
(7) އަތްފައި ޢައިބުވުން ނުވަތަ ރަގަޅަށް ނުއުފެދުން

ބަނޑަށް 5 މަސް ނުވަތަ 20 ހަފްތާ ވުމަށްފަހު ފާނަ ބަސަނދު ޖެހުނު ނަމަވެސް ބަނޑުގައި އޮންނަ ތުއްތު ދަރިފުޅުގެ ހަށިގަނޑުގައި ޢައިބު އުފެދުމުގެ ފުރުޞަތު ވަރަށް ކުޑަވާނެ އެވެ.މިދުވަސްވަރު މައިމީހާއަށް މިބަލި ޖެހިއްޖެ ނަމަ ބަނޑުގައިވާ ދަރިފުޅަށް މިބަލިޖެހިދާނެއެވެ. އެހެނަސް މިކަމުގެ ސަބަބުން ދަރިފުޅަށް ކުރާ އަސަރު ވަރަށް ކުޑަވާނެއެވެ. އެއީ މިދުވަސްވަރު ބަލި ޖެހުމުން މައިމީހާގެ ހަށިގަނޑުގައި މިބައްޔާއި ދެކޮޅަށް އުފައްދާ އެންޓިބޮޑިގެ ސަބަބުން ދަރިފުޅަށް ހިމާޔަތްކަން ހޯދައިދެއެވެ. ވުމާއިއެކު ދަރިފުޅަށް ބަލިޖެހުނަސް ވާގެއްލުން ކުޑައެވެ.ނަމަވެސް އެހާލަތުގައި ބަނޑުގައި އޮންނަ ކުއްޖާއަށް "ސިމްޓޮމެޓިކް ވެރިސެލާ އިންފެކްޝަން"(Symptomatic varicella infection) ކިޔާ ފާނަ ބަސަނދުގެ ވައްތަރެއް ޖެހެއެވެ.

މާބަނޑު ދުވަސްވަރު އެންމެ ފަހު 2 ހަފްތާގެ ތެރޭގައި ފާނަ ބަސަނދު ޖެހުމަކީ އެކަމުގެ ސަބަބުން ބަނޑުގައި އޮންނަ ތުއްތު ދަރިފުޅުގެ ފުރާނައަށް ވަރަށް ނުރައްކާވާނެ ކަމެކެވެ. އަދި އެންމެ ފަހު 5 ދުވަހުގެ ތެރޭގައި މައިމީހާއަށް ފާނަ ބަސަނދު ޖެހިއްޖެނަމަ، އެކަމުގެ ސަބަބުން ބަނޑުގައިވާ ތުއްތު ދަރިފުޅު ނުވަތަ ކުދިން މަރުވާ ނިސްބަތް %25 އިތުރުކަންވަނީ ފާހަގަ ކުރެވިފައެވެ. އެގޮތުން އެފަދަ ކުދިންނަށް ދިމާވެދާނެ ނުރައްކާތަކުގެ ތެރޭގައި ލޭވިހަވުން، އަދި ހަށިގަނޑުގެ ގިނަ ގުނަވަންތަކުގެ މަސައްކަތް ހުއްޓުން ފަދަ ކަންތައްތައް ހިމެނެއެވެ. އެފަދަ ޙާލަތުގައި ކުޑަ ދަރިފުޅަށް ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި މައިމީހާއަށް ''އެންޓި-ވެރިސެއްލާ ޒޯސްޓަރ ގާމާ ގްލޯބިއުލިން''(Anti-varicella zoster gamma globulin) ދެވިދާނެ އެވެ.

ކުރިން މިބަލި ޖެހިފައިވާނަމަ ނުވަތަ މިބައްޔަށް ވެކުސިން ޖަހައިފައިވާނަމަ މިބައްޔާއި މެދު ބިރުވެތިވާކަށް ނުޖެހެއެވެ. އެއީ މިފަދަ މީހުންނަށް މިބަލި ޖެހުމުގެ ފުރުޞަތު ވަރަށް ނާދިރުވާނެއެވެ. ކުރިން މިބަލި ޖެހިފައިވާ މީހުންގެ ތެރެއިން %95 މީހުންނަށް މިބަލި ދެވަނަ ފަހަރަކަށް ނުޖެހޭނެއެވެ. އަދި ވެކުސިން ޖަހައިފައިވާ މީހުންގެ ތެރެއިން %80 މީހުންނަށް މިބަލި ނުޖެހޭނެއެވެ.

ނަމަވެސް ކުރިން މިބަލި ޖެހިފައި ނުވާނަމ ނުވަތަ ވެކުސިްވެސް ޖަހައިފައި ނުވާނަމަ މާބަނޑު ދުވަސްވަރު މިބަލި ޖެހިފައިވާ މީހަކާއި ގައިގޯޅިވުން އަދި ކިއެއްތަ އެއްގޭބިސީއެއްގައި އުޅުމަކީވެސް ރައްކާތެރި ކަމެއް ނޫނެވެ. އެއީ މާބަނޑު ދުވަސްވަރު މިބަލި ޖެހުމަކީ ބަނޑުގައިވާ ދަރިފުޅަށް ގެއްލުންވާ ކަމެކެވެ.

ފާނަ ބަސަނދު ކުރިން އެއްގޮތަކަށް ވެސް ޖެހިފައިވާ ނުވާ މާބަނޑު އަންހެނާ ، މާބަނޑު ދުވަސްވަރު ފާނަ ބަސަނދު ޖެހިފައިވާ މީހަކާއި ގައިގޯޅިވެއްޖެނަމަ 10 ދުވަހުގެ މުއްދަތުގެ ތެރޭގައި ''އެންޓި-ވެރިސެލާ ޒޯސްޓަރ ގާމާ ގްލޯބިއުލިން''(Anti-varicella zoster gamma globulin) ޖަހަން ޖެހޭނެ އެވެ. މީގައި ފާނަ ބަސަނދު ޖައްސާ ވައިރަސް އާއި ދެކޮޅަށް މަސައްކަތްކުރާ ހަށިދަމަނަތައް ހުރެއެވެ. މިކަމުގެ ސަބަބުން ފާނަ ބަސަނދު ޖެހުނުނުދީ ހިފަހައްޓައިދޭނެ އެވެ.

މާބަނޑު ދުވަސްވަރު މިބައްޔަށް ވެކުސިން ޖެހުމަކީ ރައްކާތެރި ކަމެއް ނޫނެވެ. އަދި ބަލިވެއިނުމުގެ ކުރިން ވެކުސިން ޖެހިނަމަވެސް ވެކުސިން ޖެހުމަށްފަހު މަދުވެގެން އެއްމަސް ދުވަސް ވަންދެން ބަލިވެ ނުއިދެ މަޑުކުރަން ޖެހޭނެއެވެ. ބަލިވެ އިނުމުގެ ކުރިން ވެކުސިން ޖަހައިފައި ނުވާނަމަ ވިހެއުމަށްފަހު ވެކުސިން ޖެހުން ރަނގަޅުވާނެއެވެ.

ޑޮކްޓަރަށް ދައްކާނީ ކޮންއިރަކު؟

ފާނަ ބަސަނދު އަކީ ބައެއް ފަހަރު މާބޮޑު މައްސަލަތަކެއް މެދުވެރިނުވެ ރަގަޅުވާ ބައްޔެއް ނަމަވެސް ބައެއް ފަހަރު ލަސްނުކޮށް ޑޮކްޓަރަށް ދައްކަންޖެހޭ ޙާލަތްތަކެއް ވެއެވެ. އެގޮތުން އަންނަނިވި ކަންތައްތަކުގެ ތެރެއިން ކަމެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުން ބުއްދިވެރި އެވެ.

• ގަދަޔަށް ހުންއައުން (103 ޑިގްރީ ފެރެންހެއިޓްއަށްވުރެ މަތީގައި ހުންހުރުން)
• ލޮލުގައި ބިހި،އަދި ފޮޅުނެގުން: އެކަމުގެ ސަބަބުން ލޮލުގައި ރިހުމާއެކު، އަލިވުމުން ލޮލަށް އުދަގޫވުން
• ހަށިގަނޑުން ފެން ހުސްވުން: ހޮނޑުލުމާއެކު، ދިޔާތަކެތި ބޮވޭމިންވަރު މަދުވުން
• ހަމުގައި ޖަރާސީމް އެޅުން: ހަމުގައި ޖަރާސީމް އަޅާފައިވާނަމަ ފޮޅުތަކުން ބޭރުވާ ދިޔަ ހުންނާނީ ވަރަށް ބޯކޮށް، ފެހި ނުވަތަ ރީނދޫ ކުލައެއްގައެވެ. އަދި ފޮޅުގެ ވަށައިގެންވީ ހިސާބު ހުންނާނީ ރަތްވެފައި، އަދި ދުޅަވެފައެވެ. އަދި އެހިސާބުގައި ވަރަށް ރިއްސާނެ އެވެ. އަދި ފޮޅުން ފެށިގެން ވަށައިގެން ދުރަށްވާގޮތަށް ރަތް ރޮނގުތަކެއް ހަމުގައި ފެންނަން ހުރެދާނެ އެވެ.
• މީގެ އިތުރުން ނޭވާލާން އުދަގޫވުން، ވާނުވާނޭގުން، ފިޓްޖެހުން ފަދަ ކަމެއް ދިމާވެއްޖެނަމަ ވެސް ލަސްނުކޮށް ޑޮކްޓަރަށް ދެއްކުން މުހިއްމެވެ.

ދެނެގަތުން

ފާނަ ބަސަނދު ޖެހިފައި ހުންނަކަން ވަރަށް ފަސޭހައިން ދެނެގަނެވެއެވެ. ފާނަ ބަސަނދު ޖެހިފައިވާކަން ދެނެގަންނަނީ ބަލިމީހާގެ ފުށުން އަހައި އޮޅުންފިލުވައިގެން ލިބޭ މަޢުލޫމާތު ތަކުންނާއި، އަދި ހަށިގަނޑު ބަލައި ހަދާއިރު ފެންނަ ފެނުންނަތަކަށް ރިޢާޔަތްކޮށެވެ. ބައްޔާއި ގުޅިގެން ހަށިގަނޑުގައި ނަގާ ބިއްސާއި ފޮޅުތަކުން ފާނަ ބަސަނދު ވަރަށް ފަސޭހައިން ދެނެގެވޭނެ އެވެ. އެހެންކަމުން ޓެސްޓް ކުރުމަކާއި ނުލައި ހަށިގަނޑުން ފެންނަ މިފަދަ އަލާމާތްތަކުގެ ސަބަބުން ފާނަ ބަސަނދު ކަން ޔަގީންކަމާއެކު ބުނެދޭން އެނގެއެވެ.

ހަށިގަނޑުގައި ނަގާފައިވާ ފޮޅުތަކަކީ ފާނަ ބަސަނދުގެ ސަބަބުން ނަގާފައިވާ ފޮޅުތަކެއްތޯ ޔަގީން ކުރުމަށް ބައެއް ފަަހަރު ޓެސްޓް ހަދަން ޖެހިދާނެ އެވެ. މިގޮތުން ފޮޅުން ހަންކޮޅެއް ނައްޓައިގެން އެހަންކޮޅު ޓެސްޓް ކުރެވެއެވެ. އަދި ވައިރަސް މީޑިއަމް އެއްގައި ހައްދައި ދިރުވުމަށް ޓަކައި އެފޮޅުގައި ހިމެނޭ ފެންކޮޅު ނަގައިގެން އެވެސް ޓެސްޓް ހެދުމުގައި ބޭނުން ކުރެވެއެވެ.

ހަމުގައި ޖަރާސީމް އަޅާފައިވާނަމަ އެކަން ދެނެގަތުމަށް ބައެއް ފަހަރު ޓެސްޓް ހަދައެވެ. ފޮޅުތަކުގައި ޖަރާސީމް ހުރިނަމަ ކޮން ބެކްޓީރިޔާއެއްކަން ދެނެގަތުމަށް''ޖަރާސީމް ހައްދައިބޮޑުކުރުން''(Bacterial culture) ހެދިދާނެ އެވެ. މިއީ ބަލިމީހާއަށް ދޭނީ ކޮންކަހަލަ އެންޓިބަޔޮޓިކް އެއްތޯ ކަނޑައެޅުމަށް ކުރެވިދާނެ ކަމެކެވެ.

މާބަނޑު އަންހެނުންނަށް ބަލިވެ އިންނަތާ ކުރީކޮޅު ފާނަ ބަސަނދު ޖެހިއްޖެނަމަ، ސްކޭންކޮށްގެން ބަނޑުގައިވާ ތުއްތު ދަރިފުޅުގެ ހަށިގަނޑުގައި ޢައިބެއްހުރިތޯ ބަލަންޖެހެއެވެ. ފާނަ ބަސަނދު އާންމު ދުވަސްވަރެއް ނަމަ، ސުކޫލްތަކާއި، ހޮސްޕިޓަލްތައް، ޞިއްޙީ މަރުކަޒުތައް، އަދި ކްލިނިކް ތަކުގައި ދިރިއުޅޭ މީހުންގެ ހަށިގަނޑުގައި ފާނަ ބަސަނދު އިން ދިފާޢުވުމުގެ ގާބިލިއްޔަތު ހުރިތޯ ދެނެގަތުމަށް ޓެސްޓް ކުރަން ޖެހެއެވެ. އެއީ މިބުނި ތަންތަނަކީ ފަސޭހަ ކަމާއެކު ބަލި ފެތުރުމުގެ ފުރުޞަތު އޮތް ތަންތަނަށްވާތީ އެވެ.

ފަރުވާ

ފާނަ ބަސަނދަށް ދެވޭ ފަރުވާ ބިނާވެފައި އޮންނަނީ މީހާގެ ޢުމުރާއި، ޞިއްޙަތާއި، ބަލީގެ ނުރައްކާތެރިކަން ހުރި މިންވަރެއްގެ މައްޗަށެވެ. އެހެންކަމުން އެކި އުމުރުގެ މީހުންނަށް ފަރުވާ ދެވޭގޮތް ތަފާތުވުމަކީ ވެދާނެ ގޮތެކެވެ. ބައެއް މީހުން ހޮސްޕިޓަލްގައި އެދުމަތިކޮށްގެން ވެސް ފަރުވާ ދޭންޖެހުމަކީ ގާތް ކަމެކެވެ. ފާނަ ބަސަނދު ޖެހުމަށްފަހު، މުޅި ފަސޭހަކޮށްލެވޭނެ ބޭހެއް ނުހުރެއެވެ. ނަމަވެސް ބަލީގެ ކުރީކޮޅު (ފުރަތަމަ 48 ގަޑިއިރުގެ ތެރޭގައި) ބޭނުންކުރުމުން ބަލީގެ އުދަގޫ ކުޑަކޮށްދޭ ބޭސް ހުރެއެވެ.

- ދުޅަހެޔޮ ޞިއްހަތެއްގައި ހުރި ކުއްޖެއްނަމަ ބަލިޖެހުމުން ގޭގައި ވެސް ފަރުވާ ކުރެވިދާނެ އެވެ. މިގޮތުން ގޭގައި އަރާމު ކުރުމާއި، ހުމާއި ގައިކަހައި ހިރުވާތީ ދީފައި ހުންނަ ބޭސް ބޭނުންކުރެވިދާނެ އެވެ. ހަންގަނޑު ކަހައި ހިރުވުން ކުޑަ ކުރުމަށް ކެލަމިން ލޯޝަން ބޭނުން ކުރެވިދާނެ އެވެ. 20 އަހަރުން ދަށުގެ ކުދިންނަށް އެސްޕިރިން ދިނުން ރަގަޅެއް ނޫނެވެ.

- ޒުވާނުންނާއި ބޮޑެތި މީހުންނަށް ބަލީގެ އުދަގޫތައް މެދުވެރިވާ މިންވަރު މައްޗެވެ. ނަމަވެސް މިމީހުންނަށް ވެސް ކުރިން ބުނި ގޮތަށް ގޭގައި ފަރުވާ ދެވިދާނެ އެވެ. ބައެއް ފަހަރު ހޮސްޕިޓަލް ގައި އެދުމަތިކުރުމަކީ ވެދާނެ ގޮތެކެވެ.

- ބޮޑު ދާއިމީ ބައްޔެއްގެ ސަބަބުން ހަށިގަނޑުގެ ދިފާޢީ ބާރު ދަށްވެފައިވާ މީހެއްނަމަ ފަހަރުގައި އެންޓިވައިރަލް ބޭހެއް ބޭނުންކުރަން ޖެހިދާނެ އެވެ. އެއީ ބަލީގެ މުއްދަތާއި ނުރައްކާތެރިކަން ކުޑަކުރުމަށްޓަކައެވެ. އެގޮތުން ދެވޭ އެންޓި ވައިރަލް ބޭސް ތަކުގެ ތެރޭގައި އެސިކްލޯވިރް އަދި ފެމިސިކްލޯވިރް ހިމެނެއެވެ.

- ފާނަ ބަސަނދަށް ހުށަހެޅިއްޖެނަމަ ޗިކަންޕޮކްސް ވެކްސިން ދެވިދާނެ އެވެ. އަދި މިގޮތުން ވެކްސިން ދިނުން އެދެވިގެންވަނީ ބައްޔަށް ހުށަހެޅޭތާ 3 ދުވަސް ފަހުންނެވެ. ދިވެހިރާއްޖޭގެ ގައުމީ ވެކްސިން ޕްރޮގްރާމް ގައި އަދި މިވެކްސިން ހިމަނާފައެއް ނުވެއެވެ.

- ޗިކަންޕޮކްސް އެންޓިބޮޑީޒް ވެސް ފާނަ ބަސަނދަށް ހުށަހެޅުމުން ދެވެއެވެ. މިއީ ކުރު މުއްދަތަކަށް ފާނަ ބަސަނދުގެ އުދަނގުލުން މިންޖުމުވުމައި އެހީތެރިވެދޭ މާއްދާ އެކެވެ. މިހަށިދަމަނަ ދޭންވާނީ ބިހިތަކާއި ފޮޅުތައް ނަގަން ފެށުމުގެ ކުރިންނެވެ. އިންޖެކްޝަންގެ ގޮތުގައި ދެވޭ މިހަށިދަމަނަ ތަކުގެ ސަބަބުން ދާއިމީ ގޮތެއްގައި ފާނަ ބަސަނދުން ދިފާއުކޮށެއް ނުދެއެވެ.

- ފާނަ ބަސަނދާއި ގުޅިގެން ގައިގައި ނަގާ ފޮޅުތަކަކީ ހިރުވައި ކަހާގޮތް ހުންނަ ފޮޅުތަކެކެވެ. އަދި މިފޮޅުތައް ކަހައި ހެދުމުން ފޮޅުތައް ފެޅި ރަގަޅުވާއިރު، ލަކުނުލާގޮތް ވެއެވެ. އެހެންކަމުން ހިރުވައި ކެހުން ކުޑަކުރުމަށްޓަކައި، ކެލަމިން ލޯޝަން ފޮޅުތައް ހުރި ހިސާބުގައި އުގުޅިދާނެ އެވެ. އަދި ފިނި ފޮތިގަނޑެއް ފަދަ އެއްޗަކުން މަސާޖު ކުރެވިދާނެ އެވެ. މިގޮތުން އުފެދޭ ހިރުވުމާއި ކެހުން ކުޑަކުރުމަށް ސެޓްރިޒިން ފަދަ އެންޓިހިސްޓަމިނިކް ބޭސްތައް ދީއުޅެއެވެ.

- ދެދުވަހަށްވުރެ ދިގުމުއްދަތަކަށް ހުންއައުން ދިގުދެމިދާނަމަ، ޑޮކްޓަރެއްގެ އިރުޝާދު ހޯދާށެވެ. ހުންތިރިކުރުމަށް ޕެނަޑޯލް ފަދަ ބޭހެއް ބޭނުންކުރުމާއެކު ވީވަރަކުން ދިޔާތަކެތި ބޯށެވެ. ހުމަކީ ތަބީޢީ ގޮތެއްގައި ހަށިގަނޑުގައި ހުންނަ އިންފެކްޝަނަށް ހަށިގަނޑުދޭ އިޖާބަ ދިނުމެކެވެ. އެހެންކަމުން ކޮންމެހެން ނަގަން ޖެހިގެން މެނުވީ ހުމަށް ބޭހެއް ނުނެގިޔަސް ރަގަޅުވާނެއެވެ. އޭގެ ބަދަލުގައި ގިނަގިނައިން ދިޔާތަކެތި ދީގެން، އަދި ގައިގައި ފެންއުގުޅައިގެން ހުންތިރިކުރެވޭތޯ ބެލިދާނެ އެވެ.

- ދިވެހިންގެ ތެރޭގައި ، ފާނަ ބަސަނދު ޖެހުމުން ހިތިފަތް ގެނެސް ބަލިމީހާގެ ގައިދަށުގައި އަޅާފައި ބަހައްޓައެވެ. އަދި ހިތިފަތް ފެނުގައި ކެއްކުމަށްފަހު އެފެނުން ފެންވަރުވައި ހަދައެވެ. މިއީ ފޮޅުތައް އިތުރަށް ނެގުން މަދުކޮށް، އަވަހަށް ބަލި ފަސޭހަ ކުރުމަށް ހެދޭ ގޮތެކެވެ. މީގެ އިތުރުން އޯޓްމީލް ބާތު ދިނުމަކީ ވެސް ހިރުވައި ކެހުން ކުޑަކޮށްދޭނެ ކަމެކެވެ.

ގޭގައި ކުރެވިދާނެ ކަންތައްތައް

ފާނަ ބަސަނދު ޖެހުމަކީ ގިނަ ފަހަރު ގޭގައި ވެސް އެކަމަށް ފަރުވާ ކުރެވިދާނެ ކަމެކެވެ. ފާނަ ބަސަނދުއާއި ގުޅިގެން ހަމުގައި ނަގާ ބިހިތަކާއި ފޮޅުތަކުގައި ވަރަށް ބޮޑަށް ކަހައި ހިރުވާނެ އެވެ. މިކަންކަން ލުއިކުރުމަށްޓަކައި ގޭގައި ވަރަށް ގިނަ ކަންތައްތައް އަމިއްލައަށް ވެސް ކުރެވިދާނެ އެވެ.

- ފިނިފެނުން ފޮޅުތައް ބޮޑިތާންކުރުމަކީ ކެލަމިން ލޯޝަން އުގުޅުމުން ލިބޭފަދަ ލުއިކަމެއް ލިބޭނެ ކަމެކެވެ. ޑައިފެންހައިޑްރަމިން(ބެނަޑްރައިލް) އެކުލެވޭ ކެލަމިން ލޯޝަން ބޭނުންކުރުން އެދެވިގެނެއް ނުވެއެވެ.

- ކޮންމެ 4-3 ގަޑިއިރުން 1 ފަހަރު ފިނިފެނުން ފެންވަރުވާށެވެ. ފެނަށް ބޭކިން ސޮޑާ އަޅައިގެން ފެންވެރުވުމުން ހަމުގައި ހުންނަ ކެހުމާއި ހިރުވުމަށް ލުއިކަން ލިބޭނެ އެވެ.

- ތުއްތު ދަރިފުޅުގެ ނިޔަފަތި ކުރުކޮށް ކަނޑާފައި ބެހެއްޓުން: މިކަމުގެ ސަބަބުން އެކުއްޖާ އަމިއްލައަށް ފޮޅުތައް ތުއްވުން، ހަމުގައި ކަހައި ހިރުވުން ފަދަ ކަންތައްތައް ހުއްޓުވޭނެ އެވެ. އަދި ކަހައި ހިރުވުން ކުޑަކުރުމަށް ދަރިފުޅުގެ އަތަށް އަންގިއެއް ލެއްވިދާނެ އެވެ.

- ސެޓްރިޒިން އަދި ބެނަޑްރައިލް ފަދަ ބޭހެއް ދިނުމުން ހަމުގައި ހުންނަ ހިރުވުމާއި ކެހުމަށް ލުއިކަން ލިބޭނެއެވެ.

- ހުން އަންނަނަމަ ގޭގައި ޕެނަޑޯލް ނުވަތަ ބުރޫފަން ފަދަ ބޭހެއް ދެވިދާނެ އެވެ. އެސްޕިރިން ފަދަ ބޭސްތައް ކުޑަކުދިންނަށް ދިނުން އެދެވިގެނެއް ނުވެއެވެ.

- ބައެއް ފަހަރު ފާނަ ބަސަނދު ޖެހުމުން އަނގައިގައި ފޮޅު ނަގައިފާނެ އެވެ. އަދި އެކަމުގެ ސަބަބުން ކެއިންބުއިމަށް އުދަގޫވެދާނެ އެވެ. ނަމަވެސް ވީވަރަކުން ދިޔާތަކެތި ބުއިމަކީ މުހިއްމު ކަމެކެވެ. އެއީ ހަށިގަނޑުން ފެންހުސްވިޔަ ނުދިނުމަށްޓަކައެވެ. އަދި ފަސޭހައިން ކެވޭ ހަފަން ނުޖެހޭ ސާދާ ފިނި ތަކެތި ދެވިދާނެ އެވެ. އެގޮތުން އައިސްކްރީމް، މިލްކް ޝޭކް، އަދި ހިމުންކޮށް މުގުރާފައި ހުންނަ ކާނާ ދެވިދާނެ އެވެ. ކުޅި، ހޫނު އަދި ހުތް ތަކެތި ދިނުން ރަގަޅެއް ނޫނެވެ.

ބޭހުގެ ފަރުވާ

- ހުންއަންނަނަމަ ޕެނަޑޯލް، ލިޔެދޭނެ އެވެ. ބުރޫފަން އަދި އެސްޕިރިން ފަދަ ބޭސްތައް ދިނުން ރަގަޅެއް ނޫނެވެ. ގައިކަހައި ހިރުވާނަމަ އެކަން ކުޑަކުރުމަށް ބޭސް ދޭނެ އެވެ. މީގެ އިތުރުން ހަންގަނޑުގައި ހިރުވައި ކަހާނަމަ، ކެލަމިން ލޯޝަން ބޭނުން ކުރެވިދާނެ އެވެ.

- ހަށިގަނޑުން ފެން ހުސްވެފައިވާނަމަ އައިވީ ގުޅައިފާނެ އެވެ.
- ހަމުގައި ޖަރާސީމް އަޅާފައިވާނަމަ އެންޓިބަޔޮޓިކް ލިޔެދޭނެ އެވެ.
- ވަރަށް ބޮޑަށް ފޮޅުތައް ނަގާފައިވާނަމަ ވައިރަސް އާއި ދެކޮޅަށް މަސައްކަތްކުރާ ބޭހެއް ކަމުގައިވާ އެސިކްލޯވިރް(Acyclovir) ނަގަންޖެހެއެވެ. ގުޅަބޭސް އަދި އިންޖެކްޝަންގެ ސިފައިގައި ވެސް ޒޮވިރެކްސް ބޭނުންކުރެވިދާނެ އެވެ. މިއީ ބަލީގެ މުއްދަތު ކުރުކޮށްދީ، ބަލީގެ އުދަގޫތައް ކުޑަކޮށްދޭނެ ކަމެކެވެ. އެސިކްލޯވިރް ގެ ފައިދާ ބޮޑަށް ކުރަނީ ބިހިތައް ނަގާތާ 2-1 ދުވަހުގެ ތެރޭގައި ބޭސް ބޭނުންކުރެވިއްޖެ ނަމަ އެވެ. އިންޖެކްޝަންގެ ސިފައިގައި އެސިކްލޯވިރް ދެވެނީ ދިފާޢީ ބާރު ދެރަވެފައިވާ މީހުންނަށެވެ. އަދި އުމުރުން ފުރަތަމަ 2 ހަފްތާގެ ތެރޭގައި ފާނަ ބަސަނދު ޖެހޭ ތުއްތު ކުދިންނަށް ވެސް ލެޔަށްޖަހާ އިންޖެކްޝަންގެ ސިފައިގައި އެސިކްލޯވިރް ދެވިދާނެ އެވެ.

- ބަނޑުގައިވާ ތުއްތު ދަރިފުޅަށް ބަލި ޖެހިއްޖެނަމަ އެންޓި ވެރިސެލާ ގާމާ ގްލޯބިއުލިން(Anti-varicella Gamma globulin) މައިމީހާއަށްދެވެއެވެ.

ރައްކާތެރިވުން

ފާނަ ބަސަނދުން ރައްކާތެރިކޮށްދޭ ވެކްސިން

ފާނަ ބަސަނދުން ރައްކާތެރިކޮށްދޭ ވެކްސިން(Chickenpox vaccine) އެއް އުފައްދާފައި ވެއެވެ. މިވެކްސިން ތަޢާރަފްކޮށް ފުރަތަމަ ފަހަރަށް ބޭނުންކޮށްފައިވަނީ 1990 ވަނަ އަހަރުގެ ތެރޭގައެވެ. މިއީ އުމުރުން އެއް އަހަރުންގެ މަތީ ކުދިންނާއި މީހުންނަށް ދެވިދާނެ ވެކްސިނެކެވެ. މިވެކްސިން ދެނީ 2 ޑޯޒެއްގެ މަތީންނެވެ. ދެވަނަ ޑޯޒް ދެވެނީ ފުރަތަމަ ޑޯޒް ދިނުމަށްފަހު ގާތްގަނޑަކަށް 6 ހަފްތާ ފަހުން ނުވަތަ 8-4 ހަފްތާގެ މުއްދަތެއް ހޭދަވުމަށްފަހު ގައެވެ. މިވެކްސިން ދިވެހިރާއްޖޭގެ ގައުމީ ވެކްސިން ޕްރޮގްރާމް ގައި އަދި ހިމަނާފައެއް ނުވެއެވެ.

ބައެއް ގައުމުތަކުގައި ފާނަ ބަސަނދު ވެކްސިން ގެ ފުރަތަމަ ޑޯޒް ދެވެނީ ތުއްތު ދަރިފުޅުގެ އުމުރުން 18-12 މަހާއި ދެމެދުގެ މުއްދަތުގެ ތެރޭގައެވެ. ދެވަނަ ޑޯޒް ދެވެނީ އުމުރުން 6-4 އަހަރާއި ދެމެދުގައެވެ. ނަމަވެސް ފުރަތަމަ ޑޯޒް ދޭތާ 3 މަސް ވުމަށްފަހު، އުމުރުން 4 އަހަރުވުމުގެ ކުރިން ވެސް ކޮންމެ ދުވަސްވަރެއްގައި ވެސް 2 ވަނަ ޑޯޒް ދެވިދާނެ އެވެ.

ޒުވާނުންނާއި ބޮޑެތިމީހުންގެ ތެރެއިން ފާނަ ބަސަނދު ނުޖެހި ތިބޭ މީހުންނަށް ވެސް މިވެކްސިން ދެވެއެވެ. އުމުރުން 13 އަހަރުން މަތީގެ ކުދިންގެ ތެރެއިން ވެކްސިން ކުރިން ނުދީ ތިބޭ ކުދިންނަށް މިވެކްސިންގެ 2 ޑޯޒް ދޭން ޖެހެއެވެ. އެގޮތުން ފުރަތަމަ ޑޯޒް ދިނުމަށްފަހު ދެވަނަ ޑޯޒް ދިނުމާއި ދެމެދު 8-4 ހަފްތާ އާއި ދެމެދުގެ މުއްދަތެއް ދޫކޮށްލުން މުހިއްމެވެ. އޮސްޓްރޭލިޔާގައި އުމުރުން 14-10 އަހަރާއި ދެމެދުގެ ކުދިންގެ ތެރެއިން ފާނަ ބަސަނދު ނުޖެހި ތިބޭކުދިންނަށް މިވެކްސިން ދީއުޅެއެވެ. އުމުރުްނ 13 އަހަރުވުމަށްފަހު ފުރަތަމަ ޑޯޒް ދީފައި، ދެވަނަ ޑޯޒު ދިނުމުގެ ކުރިން ފާނަ ބަސަނދު ޖެހިއްޖެނަމަ، ދެވަނަ ޑޯޒް ދޭކަށް ނުޖެހޭނެ އެވެ.

ވެކްސިން ދިނުން އެދެވިގެންވާ ފަރާތްތައް

އާންމު ގޮތެއްގައި ފާނަ ބަސަނދުން ރައްކާތެރިކޮށްދޭ ވެކްސިން ދެވެނީ އަންނަނިވި ފަރާތް ތަކަށެވެ.

- އުމުރުން 18-12 މަހާއި ދެމެދުގެ ކުޑަކުދިން
- ވެކްސިން ޕްރޮގްރާމް ފުރިހަމަ ކުރުމަށްފަހު ފާނަ ބަސަނދު ނުޖެހިތިބޭ ކުޑަކުދިން
- ފާނަ ބަސަނދު ނުޖެހި ތިބޭ ޒުވާނުންނާއި ބޮޑެތި މީހުން
- ކުރިން ފާނަ ބަސަނދު ޖެހިފައިވާކަން ނުވަތަ ނޫންކަން ޔަގީންނުވާ މީހުން
- ކުރިން ވެކްސިން ނުޖަހައި، އަދި ބަލި ވެސް ނުޖެހި ވަނިކޮށް ފާނަ ބަސަނދު ޖެހިފައިވާ މީހަކާއި ގައިގޯޅިވެ އުޅޭމީހުން
- ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން ފާނަ ބަސަނދު ނުޖެހިތިބިމީހުން

ފާނަ ބަސަނދު އެއް ފަހަރު ޖެހިފައި ހުރި މީހަކަށް ނުވަތަ ކުރިން ވެކްސިން ޖަހާފައި ހުރި މީކަހަށް ވެސް ބައެއް ފަހަރު ފާނަ ބަސަނދު ޖެހިދާނެ އެވެ. މިގޮތަށް ފާނަ ބަސަނދު ޖެހުމަށް ކިޔަނީ "ބްރޭކްތްރޫ އިންފެކްޝަން" އެވެ. މިހާލަތުގައި ބަލީގެ އުދަނގޫތައް މާނުރައްކާތެރި އެއް ނުވާނެ އެވެ. ހަމައެކަނި ފޮޅުތައް އުފެދުމަށްފަހު ރަގަޅުވެދެއެވެ. އަދި ފޮޅުތައް ނެގުމާއި ބަލީގެ އުދަނގޫތައް މެދުވެރިވާލެން ކުޑަ އެވެ. ފާނަ ބަސަނދުން ރައްކާތެރިވުމަށް ދެވޭ ވެކްސިން ދިނުމަށްފަހު، ބައެއް ކުދިންނަށް އިންޖެކްޝަން ޖެހި ހިސާބު ރަތްވެ، ފާރުވާގޮތް ވުމަކީ ވެދާނެ ކަމެކެވެ.

ވެކްސިން ދިނުން އެދެވިގެންނުވާ ނުވަތަ ދިނުން ފަސްކޮށްލަންޖެހޭ ފަރާތްތައް

- މާބަނޑުމީހުން : މާބަނޑު މީހުންނަށް މިވެކްސިން ޖެހުމަކީ ރަަގަޅުކަމެއް ނޫނެވެ. އަދި މީގެ އިތުރުން ބަލިވެ އިނުމަށް ވިސްނަމުންދާ މީހަކު ވެސް، ވެކްސިން ޖެހުމަށްފަހު 1 މަހުގެ މުއްދަތެއް ހޭދަކޮށްފައި މެނުވީ ބަލިވެ އިނުމަކީ ރަގަޅު ކަމެއް ނޫނެވެ.

- ހަށިގަނޑު ދިފާޢީ ބާރު ދެރަވެފައިވާ ފަރާތްތައް : އޭޑްސް، ކެންސަރު، ގުނަވަން ބަދަލުކުރުން ފަދަ ކަމެއްގެ ސަބަބުން ހަށިގަނޑުގެ ދިފާޢީ ބާރު ދަށްވެފައިވާ ފަރާތްތައް މިވެކްސިން ޖެހުމަކީ ރަގަޅުކަމެއް ނޫނެވެ.

- އެންޓިބަޔޮޓިކް "ނިއޯމައިސިން"(Neomycin) އަށް އަދި ޖިލެޓިން އަށް ނުގުޅޭމީހުން

- އެއްވެސް ބައްޔަކަށް "ސްޓީރޮއިޑް"(Steroids) ބޭނުންކުރަމުންދާ މީހުން

- ވަރަށް ފަހުން ލޭއަޅާފައިވާ މީހުން

- އެއްވެސް ބައްޔަކަށް އެސްޕިރިން ބޭނުންކުރަމުންދާ މީހުން

ރައްކާތެރިވުމަށް އެޅިދާނެ އެހެނިހެން ފިޔަވަޅުތައް

ފާނަ ބަސަނދުން ރައްކާތެރިވެ ހުރުމަށް އެޅޭނެ އަނެއް ފިޔަވަޅަކީ ފާނަ ބަސަނދު ޖެހިފައިވާ މީހުންނާއި ގައިގޯޅިނުވެ، ބަލައިގެން އުޅުމެވެ. ޚާއްޞަކޮށް ތިމާއަކީ ދިފާޢީ ބާރު ދަށްކޮށްލާ ފަދަ ޙާލަތެއްގައިވާ މީހެއް ނަމަ މިކަމަށް ސަމާލުވާން ޖެހޭނެ އެވެ. އެހެންކަމުން ފާނަ ބަސަނދު މީހަކަށް ޖެހިއްޖެނަމަ އެމީހަކު އެހެން މީހުންނާއި ވަކިން ގެންގުޅުމަކީ ބަލި އެހެން މީހުންގެ ގަޔަށް ފެތުރި ވާޞިލްވެގެން ދިއުމަށް އެޅޭ ހުރަހަކަށް ވާނެ އެވެ.

(ހ) - ކެއްސައި ކިނބިހި އަޅާއިރު އަނގަޔާއި ނޭފަތް ނިވާކުރުން : އެގޮތުން ރުމާލަކުން ނުވަތަ ޓިޝޫ އަކުން އަނގަޔާއި ނޭފަތް ރަގަޅަށް ނިވާކުރެވިދާނެއެވެ. މިއީ ބަލި ކައިރީގައި ތިބޭމީހުންގެ ހަށިގަނޑަށް ފެތުރުން ކުޑަކުރެވޭނެ ގޮތެކެވެ. އަނގަޔާއި ނޭފަތް ނިވާކުރުމަށް ފޮތި ރުމާލަށްވުރެ ރުބޮޑަށް ބޭނުންކުރަން ރަގަޅީ ޓިޝޫ ފަދަ އެއްޗެކެވެ. އެއީ ބޭނުންކޮށް ނިމުމުން ފަސޭހައިން ނައްތާލެވޭނެތީއެވެ.އަދި އެފަދަ އެއްޗެއް ބޭނުންކުރާނީ އެންމެ ފަހަރަކު ކަމަށްވާތީ އެވެ. ރުމާލެއް ޓިޝޫ އެއް އެއްޗެއް ނެތްނަމަ އަތް އަޅައިގެން ނަމަވެސް އަނގަޔާއި ނޭފަތް ނިވާކުރުމަކީ މުހިއްމު ކަމެކެވެ. އަދި އެފަދަ ޙާލަތުގައި ވަގުތުން އަތްދޮވެ ސާފުކުރަން ޖެހޭނެއެވެ.

ކެއްސާ ކިނބިހިއަޅާއިރު ބަލީގެ ވައިރަސްތައް ބޭރުވެ ފެތުރިދާތީ ބަލިމީހާ ގޭގައި ބޭއްވުން ރަގަޅުވާނީ ސަލާމަތުން ތިބޭ މީހުންނާއި ވަކިން އަދި ފަސޭހައި ވައިބަދަލުވާނޭ (ވައިލިބޭނޭ) ފަދަ ތަނެއްގައެވެ. ބަލިމީހާ އޮންނަ ތަނުގެ ދޮރުތައް ހުންނަންޖެހޭނީ ހުޅުވާލެވިފައެވެ.

(ށ) - ބަލިޖެހިފައިވާ މީހުންނާއި މާބޮޑަށް ގައިގޯޅިވެ ނޫޅުން : ބަލިޖެހިފައިވާ މީހުން ކެއްސާ ކިނބިހި އަޅާއިރު ބޭރުވާ ޖަރާސީމް ވަރަށް ފަސޭހައިން ކައިރީގައި ތިބޭ މީހުންގެ ހަށިގަނޑަށް ވާޞިލްވާގޮތް ވެއެވެ. އެގޮތުން އެފަދަ މީހުންނާއި ސަލާމް ކުރުމާއި، މާގިނައިރު އެކުގައި ވާހަކަ ދައްކަން ހޭދަކުރުމަކީ ވެސް ބަލި ސަލާމަތުން ހުރި މީހާގެ ގަޔަށް ނަގުލުވެދާނެ ކަމެކެވެ. ގައިގޯޅިވެއުޅުން ނުވަތަ ބަލިމީހާގެ ކައިރީގައި އުޅުން ކަމުގައި ބެލެވެނީ ބަލިމީހާ އާއި 6 ފޫޓްގެ ކައިރި އިމެއްގެ ތެރޭގައި ހޭދަކުރާނަމަ އެވެ. އަދި ގައިގޯޅިވެ އުޅުމަކީ ބައްޔާއި ގުޅިގެން ހަމުގައި ނަގާފައިވާ ފޮޅުތަކުން ބޭރުވާ ދިޔައިގައި ބީހުމަށް ބާރު ލިބޭނެ ކަމެކެވެ.

(ނ) - ބަލިވެއްޖެނަމަ ގޭގައި މަޑުކުރުން: ބަލިވެއްޖެނަމަ ދެންތިބި މީހުންގެ ޞިއްޙަތަށް ރައްކާތެރިވުމުގެ ގޮތުން އާންމުން އެއްވެއުޅޭތަންތަނަށް ނުދިއުން ބުއްދިވެރިއެވެ. މިސާލަކަށް މަސައްކަތްކުރަން އޮފީހަށް ދިއުން، ސުކޫލަށްދިއުން، ފަދަ ކަންތައްތައް ދެތިން ދުވަސްވަންދެން ހުއްޓާލެވިދާނެއެވެ. އެހެން ކަމުން މަޖުބޫރު ޙާލަތެއްގައި ނޫނީ ބޭރަށް ނުދާށެވެ. ބަލިވެއްޖެނަމަ މަދުވެގެން 10-7 ދުވަހުގެ މުއްދަތެއް ވަންދެން ގޭގައި މަޑުކުރުން ބުއްދިވެރިއެވެ. ސަބަބަކީ މިރޯގާ ގައިން ގަޔަށް އަރަނީ ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހިމެނޭ ބިހތައް ނަގަން ފެށުމުގެ 2-1 (ގިނަވެގެން 5ދުވަސް) ކުރިން ފެށިގެން ބިހިތައް ފެނުމަށްފަހު އަންނަ 5 ދުވަހުގެ ތެރޭގައި (ފޮޅުތައް ފެޅި ތޮށިލަން ނަގާ މުއްދަތުގެ ތެރޭގައި) ކަމަށްވާތީ އެވެ.

(ރ) – ބަލިމީހާ އެހެން މީހުންނާއި ވަކިން ގެންގުޅުމާއި، ބަލިމީހާ ބޭނުންކުރާ ތަކެތީގައި ވީވަރަކުން އަތްނުލުމާއި އެތަކެތި ކޮންމެ ދުވަހަކު ދޮވެ ސާފުކުރުން : ބަލިޖެހިފައިވާ މީހުން، އެހެންމީހުންނާއި ވަކި ކޮޓަރި އެއްގައި ބޭތިއްބުމަކީ މުހިއްމު ކަމެކެވެ. އަދި ކެއިން ބުއިމަށް ބޭނުންކުރާ ތަކެތި ވެސް ވަކިން ގެންގުޅުން މުހިއްމެވެ. ބަލިމީހާ ބޭނުންކުރާ ރުމާ، ސޮނިފޮތި، ތުވާލި، ބެޑްޝީޓް، ރަޖާ ، ފަދަ ތަކެތި ކޮންމެ ދުވަހަކު ދޮވެ ސާފުކުރުމާއި، އަދި އެހެންމީހުން ބަލިމީހުން ބޭނުންކުރާ މިފަދަ ތަކެތި ބޭނުންނުކުރުން މުހިއްމެވެ. ބޮޑަށް ރަގަޅުވާނީ ނޭފަތް ފޮޅުން ފަދަ ކަންކަމަށް ޓިޝޫ ބޭނުންކުރުމަށްފަހު ނައްތައިލުމެވެ.

މަސްދަރު: ހަވާސާ