މަސްތުވާތަކެއްޗަކީ ހުރިހާ ނުބައި ކަމެއްގެ އަސްލެވެ. މަސްތުވާތަކެއްޗާއި ގުޅިފައިވާ ކޮންމެ ހާދިސާއަކުން ފެންނަނީ މިހަޤީޤަތެވެ.

އެމެރިކާގެ ވާޖީނިއާގައި މިވަނީ އެންމެ ތިން އެމެރިކާ ޑޮލަރު (ދިވެހި ރުފިޔާ އިން ބަލާނަމަ 46.26 ރުފިޔާ) ގެ މައްސަލައެއްގައި މީހަކު މަރާލާފައެވެ.

އުމުރުން 21 އަހަރުގެ ޖޭގުއަލް މާލިކް އުމުރުން 32 އަހަރުގެ ޑޭވިޑް ވިލިއަމްސް މަރާލީ މަސްތުވާތަކެތި ގަތުމުގައި އުފެދުނު އަރައިރުމެއްގެ ސަބަބުންނެވެ. ދެމީހުންގެ ދެމެދުގައި ދެބަސްވުން އުފެދި ގަޔަށް އަތްލާ މާރާމާރީ ހިންގިއެވެ. އަދި އެންމެ ފަހުން މާލިކް ވަނީ ފިސްތޯލައަކުން ޑޭވިޑަށް ހަމަލާދީ އޭނާ މަރާލާފައެވެ.

މިމައްސަލައިގައި މާލިކް 63 އަހަރަށް ޖަލަށް ލުމަށް މިދިޔަ ހުކުރު ދުވަހު އެމެރިކާގެ ކޯޓަކުން ވަނީ ޙުކުމް ކޮށްފައެވެ.

މިހާދިސާ ހިނގިއިރު މާލިކް ކައިރީގައި އިތުރު މީހަކު ވެސް ހުއްޓެވެ. ސްމިތް ނަމަކަށް ކިޔާ އެމީހާ ވެސް ވަނީ ޑޭވިޑަށް ހަމަލާ ދިނުމުގައި ބައިވެރިވެފައެވެ. ސްމިޓްގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލާފައެވެ. އޭނާގެ ޝަރީޢަތް ފަށާނީ އަންނަ އޭޕްރިލް މަހު އެވެ.

ޕްރޮސެކިއުޓަރުން ވަނީ މާލިކްގެ މައްޗަށް ގިނަ ދައުވާތަކެއް އުފުލާފައެވެ. އޭގެތެރޭގައި ޤަވައިދާއި ހިލާފަށް ހަތިޔާރު ގެންގުޅުމާއި މީހަކު މަރާލުމާއި، މަސްތުވާތަކެތީގެ ވިޔަފާރި ކުރުން ވެސް ހިމެނެއެވެ.

މާލިކްގެ މައްޗަށް އިއްވި ޙުކުމް އިސްތިއުނާފް ކުރާނެ ކަމަށް އޭނާގެ ވަކީލް ބުނެއެވެ. ޙުކުމް އިސްތިއުނާފް ކުރަނީ ޖަލު ޙުކުމުގެ މުއްދަތު ކުރު ކުރެވޭތޯ ބެލުމަށެވެ.

ކިޔުންތެރިންގެ ހިޔާލު