އިނގިރޭސިވިލާތުގެ ލެސްޓާގައި ފުލުހުން އާއްމު އުސޫލުން ރޫޓިން ޗެކްއެއްގައި ވެހިކަލެއް މަޑުކޮށް ފާސްކުރިއިރު އެވެހިކަލްގެ ތެރެއިން 46500 ޕައުންޑް (ދިވެހި ރުފިޔާ އިން ބަލާނަމަ 9.4 މިލިއަން ރުފިޔާ) ފެނިއްޖެއެވެ.

ލެސްޓާގެ ފުލުހުން ބުނީ ވެހިކަލް ޗެކް ކުރީ އެއްވެސް ކުށަކަށް ތުހުމަތު ކުރެވިގެން ނޫންކަމަށާއި އެއީ އާއްމުކޮށް ވަކި އަދަދެއްގެ ވެހިކަލް ޗެކް ކުރަން ކުރިއަށް ގެންދާ އޮޕަރޭޝަނެއްގެ ދަށުން ޗެކް ކުރި ވެހިކަލެއް ކަމަށެވެ.

ވެހިކަލްގެ ޑްރައިވަރު މިހާރު ވަނީ ހައްޔަރު ކޮށްފައި ކަމަށް ވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެއީ ކިހިނެއް އޭނާ ހޯދާފައިވާ ފައިސާ ކަން ވަރަށް ރަނގަޅަށް ސާބިތުކޮށްދޭން ޖެހޭނެ ކަމަށެވެ.

މިމައްސަލައިގައި ހައްޔަރު ކޮށްފައިވާ މީހާގެ އެއްވެސް މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެއެވެ. އަދި އޭނާގެ މައްޗަށް ދައުވާއެއް އުފުލުމާއި މެދު ގޮތެއް ނިންމާފައެއް ނުވެއެވެ.

އިނގިރޭސިވިލާތުގެ ޤާނޫނުތައް ބުނާ ގޮތުން ކޮންމެ މީހަކަށް ވެސް ލިބޭ ފައިސާ އަކީ ކިހިނެއް ލިބުނު ފައިސާކަން ދައުލަތުގެ އެއްވެސް އިދާރާއަކުން ސާފުކޮށްދޭން އެދިއްޖެނަމަ އެކަން ކުރަން ޖެހޭނެއެވެ. ފައިސާ ލިބުނު ގޮތެއް ބުނެ ނުދެވިއްޖެނަމަ ހުރިހާ ފައިސާއެއް ދައުލަތައް ނެގުމުގެ އިހްތިޔާރު ޤާނޫނުތަކުން އިނގިރޭސިވިލާތުގެ ސަރުކާރަށް ލިބިފައި އޮވެއެވެ.

ޔޫރަޕްގެ ގިނަ ގައުމުތަކުގައި ނުޙައްޤު މުއައްސަނދިކަން ހުއްޓުވަންށާއި މަނީ ލޯންޑްރިން ހުއްޓުވަން ހަރުކަށި ފިޔަވަޅުތައް އަޅާފައި ހުރެއެވެ. އެފިޔަވަޅުތަކުން ސަލާމަތްވުމަށް އެންމެ ފަސޭހަގޮތަކީ ބޭންކަށް ފައިސާ ޖަމާކުރުން ނަމަވެސް ބޭންކަށް ފައިސާ ޖަމާކުރަނަމަ އިންކަމް ޓެކްސް ޤަވައިދުން ދައްކަން ޖެހޭތީ ބައެއް މީހުން ގިނަ އަދަދެއްގެ ފައިސާ އަތުގައި ގެންގުޅެއެވެ.

ކިޔުންތެރިންގެ ހިޔާލު