ކައިވެނި ޕާޓީއަކީ ކައިވެނީގެ ފެށުމެވެ. އެހެންކަމުން ކައިވެނި ޕާޓީ ވީހާވެސް ފުރިހަމައަށް ގެންދަން ކޮންމެ މީހަކު ވެސް ބޭނުން ވާނެއެވެ. ނަމަވެސް މިހާރު މީސް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯ އަކުން ފެންނަ ފިރިހެނަކީ އެހެން މީހުންނާއި ވިސްނުން އެއްގޮތް މީހެއް ނޫނެވެ.

މެދުތެރޭ އޭޝިއާގެ ގައުމަކަށް ނިސްބަތްވާ މިދެމަފިރިންގެ ނަމެއް އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ. އާއްމު ވެފައިވާ ވީޑިއޯ އިން ފެންނަނީ އަނބިމީހާ، އޭނާގެ ފިރިމީހާގެ އަނގައަށް ކޭކް ކޮޅެއް ލަވަން އުޅެފައި ދުރުކޮށްލާ މަންޒަރެވެ. އެއާއި އެކު ފިރިމީހާގެ ހަމަލާ އަރަނީ އަންހެން މީހާގެ މޫނު މައްޗަށެވެ.

ފިރިމީހާ އޭނާގެ އަނބިމީހާ އަށް ހަމަލާ ދިނުމުން ކައިރީގައި ތިބި މީހުންގެ މޫނުމަތިން ވެސް ނުތަނަވަސް ކަން ފެނިގެން ދިޔައެވެ. ނަމަވެސް އެއްވެސް މީހަކު ފިރިމީހާ ދެކެ ރުޅި އައިސްގެން އެއްޗެއް ބުނި މަންޒަރެއް ނުފެނެއެވެ،

ފިރިމީހާ ހަމަލާ ދިނުމުން ދެން ދެމަފިރިންގެ ގުޅުމަށް ވީގޮތެއް މީޑިއާތަކުން ރިޕޯޓް ކޮށްފައެއް ނުވެއެވެ.

ވީޑިއޯ މީސް މީޑިއާގައި އާއްމުވުމުން ގިނަ ބަޔަކު ގެންދަނީ ފިރިމީހާ އަކީ އެއްވެސް އިންސާނިއްޔަތުކަމެއް ނެތް ވަރަށް ބޮޑު އަނިޔާވެރިއެއް ކަމަށް ބުނަމުންނެވެ. އޭނާގެ މައްސަލަ ބަލާ ފިޔަވަޅު އަޅަން ގިނަ ބަޔަކު ގެންދަނީ ގޮވާލަމުންނެވެ.

ބައެއް މީހުން ދަނީ ކައިވެނި ރޫޅާލުމަށް އަންހެން މީހާ އަށް ގޮވާލަމުންނެވެ. އަދި އެއީ މަޖުބޫރުން ކުރެވިފައިވާ ކައިވެންޏެެއް ކަމަށާއި އެހެންކަމުން އަނިޔާވެރިޔާގެ ކިބައިން އަނބިމީހާ ސަލާމަތް ކުރުމަށް ވެސް ބައެއް ފަރާތަކުން ގެންދަނީ ގޮވާލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު