މަންމަ އަކު މޫޑް ގޯސްވެފައި ހުރުމުން އަމިއްލަ އަށް މަރުވުމުގެ ބޭނުމުގައި ތުއްތު ދަރިފުޅާއި އެކު އެމީހުން ދިރިއުޅޭ އެޕާޓްމަންޓް މަތިން ބިން މައްޗަށް ފުއްމާލި ނަމަވެސް އާދަޔާއި ހިލާފު ގޮތަކަށް ތުއްތު ކުއްޖާ އާއި މަންމަގެ ފުރާނަ ވެސް ސަލާމަތް ވެއްޖެއެވެ.

ރަޝިއާގެ އެޕާޓްމަންޓް ބިލްޑިންގެއްގެ ނުވަވަނަ ބުރިން ދަރިފުޅާއި އެކު ފުއްމާލީ އޭނާގެ 21 އަހަރުގެ މަންމަ އެވެ. މަންމަގެ އުރުގައި އޮތް ދަރިފުޅުގެ އުމުރަކީ ދެއަހަރު ކަމަށް ރިޕޯޓްތައް ބުނެއެވެ. ދެމައިން ކުރެ އެއްވެސް މީހެއްގެ ނަމެއް މީޑިއާ އަށް ހާމަކޮށްފައެއް ނުވެއެވެ.

އަންހެން މީހާ އާއި އޭނާގެ ދަރިފުޅުގެ ފުރާނަ ސަލާމަތްވީ އެމީހުން ފުއްމާލުމުން ވެއްޓި ސްނޯ ތަނެއްގެ މަތީގައި ޖެހުމުން ކަމަށް ރަޝިއާގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ. ވަރަށް ބޯކޮށް ސްނޯ ފައިބާފައި އޮތް ސަރަހައްދަކަށް ވުމުން އެމީހުންގެ ހަށިގަނޑަށް ގެއްލުމެއް ނުލިބުނެވެ.

އަންހެން މީހާ ފުލުހުންގެ ތަޙްޤީޤުގައި ބުނެފައި ވަނީ އަމިއްލަ އަށް މަރުވާން މަސައްކަތް ކުރީ "މޫޑް ގޯސްވެފައި ހުރުމުންނެވެ."

މިމައްސަލައިގައި އަންހެން މީހާގެ މައްޗަށް ވަނީ އަމިއްލައަށް މަރުވާން އުޅުމުގެ ދައުވާ އުފުލާފައެވެ. އޭނާގެ މައްޗަށް ފަސް އަހަރުގެ ޖަލު ޙުކުމެއް އައުން އެކަށީގެންވާކަމަށް ވަކީލުންނާއި ހަވާލާދީ މީޑިއާތަކުން ބުނެއެވެ.

ދެމައިން އިމާރާތުން ފުއްމާލި މަންޒަރު ފެނުނު މީހުން ވަނީ ވަގުތުން އެމީހުން ހޮސްޕިޓަލަށް ގެންގޮސްފައެވެ. ހޮސްޕިޓަލުން ބުނީ ދެމައިންނަށް ވެސް ހޮސްޕިޓަލްގައި ފަރުވާ ދީފައިވާ ކަމަށާއި އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވާވަރުގެ ކަމެއް ދިމާވެފައި ނެތް ކަމަށެވެ.

ދަރިފުޅާއި އެކު އިމާރަތުން ފުއްމާލި އަންހެން މީހާ އުޅެނީ ކައިވެނި ކޮށްގެންނެވެ. ނަމަވެސް މިހާދިސާ އަށް ފަހު ފިރިމީހާ ވަނީ ކައިވެނި ރޫޅާލަން ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު