މި މަހުގެ ފަސް ވަނަ ދުވަހުގެ ރެއިން ފެށިގެން އޮލިމްޕަހުގައި ރަސްކަން ކުރަމުން އަންނަ ޒުވާން ޑައިރެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) ގެ ފިލްމު "40 ޕްލަސް"ގެ ވަދާއީ ޝޯތައް އޮލިމްޕަހުގައި ދައްކާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ފިލްމުގެ ޓީމުން ބުނެފިއެވެ.

މިހާތަނަށް އައި އިރު ހައުސްފުލް ކޮށް ފިލްމުގެ 14 އަށް ވުރެއް ގިނަ ޝޯ ވަނީ އޮލިމްޕަހުގައި ދައްކާފައެވެ. އަދި މިހާރު ފިލްމު އަންނަނީ ރަށްރަށުގެ ސިނަމާތަކުގައި ދައްކަމުންނެވެ.

ފިލްމުގެ ޕްރޮޑިއުސަރު އިސްމާއީލް ޝަފީގު ބުނީ ދެން އޮލިމްޕަހުގައި ދައްކާނީ ފިލްމުގެ ފަހު ތިން ޝޯ ކަމަށެވެ. އެ ތިން ޝޯ އޮންނާނީ މި މަހުގެ 22 ،23 އަދި 24 ވަނަ ދުވަހުގެ ރޭ ކަމަށެވެ. ކުރިއަށް އޮތް ދެ ޝޯގެ ޓިކެޓް މިހާރު އޮލިމްޕަހުން ލިބެން ހުންނާނެ ކަމަށް އޭނާ ބުންޏެވެ.

އިތުރަށް ވާހަކަ ދައްކަމުން އޭނާ ބުނީ، އަންނަ ހަފްތާ ބަންދުގައި ވެސް ގިނަ ރަށްތަކެއްގައި ފިލްމު އެޅުވުމަށް ހަމަޖެހިފައިވާ ކަމަށާއި ބައެއް ރިސޯޓް ތަކުން ވެސް ފިލްމު އަޅުވަން ބޭނުން ވެގެން އެދެމުން އަންނަ ކަމަށެވެ.

އޮލިމްޕަހުގައި ވަދާއީ ޝޯތައް ދެއްކުމަށްފަހު "40 ޕްލަސް" ހުޅުމާލޭ ޝްވެކް ސިނަމާގައި ވެސް އަޅުވަން ތައްޔާރުވަމުން އަންނަ އިރު ގިނަ ބަޔަކު އަންނަނީ ފިލްމު ބެލުމަށްފަހު ފިލްމަށް ތައުރީފް ކުރަމުންނެވެ.

ގިނަ އަދަދެއްގެ ނަން މަޝްހޫރު ފިލްމީ ތަރިން ތަކެއްގެ އިތުރުން މުޅިން އަލަށް ތައާރަފްވާ ތަރިން ތަކެއް ފެނިގެންދާ އެ ފިލްމު އެއް ފަހަރަށް ވުރެއް ގިނަ ފަހަރު ބެލި މީހުން ވެސް މަދެއް ނޫނެވެ. އަދި ފިލްމުގެ މުޅި ޓީމަށް އަންނަނީ އޮބިނޯންނަވަރަށް ތައުރީފް ކުރަމުންނެވެ.

"40 ޕްލަސް" ގެ މެއިން ކެރެކްޓާއިންގެ ގޮތުގައި ފެނިގެންދަނީ ޔޫއްޕެގެ އިތުރުން މުހައްމަދު މަނިކު އާއި އަލީ ސީޒަން އަދި އަހުމަދު ސައީދެވެ.

ފިލްމުގެ ހުރިހާ މަންޒަރެއް ނަގާފައިވަނީ ތ. ބުރުނީގައެވެ.
ރާއްޖޭގެ ސިނަމާތަކަށް މުޅިން އަލަށް އައި ބިރުވެރި ކޮމެޑީ ފިލްމު "40 ޕްލަސް" މިއީ ބަލާލަން ހަމަ އެއްވަނައިގެ ފިލްމެކެވެ. މާޔޫސް ވާކަށް ނުޖެހޭނެއެވެ.