އެމެރިކާގެ މިސިސިޕީ ސްޓޭޓްގައި އުމުރުން 9 އަހަރުގެ ކުޑަ ކުއްޖަކު ވިޑިއޯ ގޭމެއްގެ މައްސަލައިގައި އޭނާގެ 13 އަހަރުގެ ދައްތަ ގަޔަށް ބަޑި ޖަހައި މަރާލައިފިއެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި ދެ ކުދިންގެ މެދުގައި މައްސަލަ ޖެހުނީ 9 އަހަރުގެ ފިރިހެން ކުއްޖާ ގޭމް ކުޅުމަށް ދައްތަ ކޮންޓްރޯލަރ ނުދިނުމުންނެވެ. މައްސަލަ ޖެހުނުއިރު އެކުދިންގެ މަންމަ ދިޔައީ މެންދުރުގެ ކެއުން ތައްޔާރުކުރުމަށް މަސައްކަތްކުރަމުންނެވެ.

އެ ކުޑަ ފިރިހެން ކުއްޖާ ގޭމްކުޅެން ބޭނުންވިޔަސް ކޮންޓްރޯލަރ ނުލިބުމުން އައި ރުޅީގައި އޭނާ ދިޔައީ އޭނާގެ މައިންބަފައިންގެ ކޮޓަރީގެ ނައިޓްސްޓޭންޑްގައި ބައިންދާފައި ހުރި ބަޑިއެއް ނެގުމަށެވެ. އަދި ބަޑި ހިފައިގެން އައިސް އޭނާގެ ދައްތަ ގަޔަށް ބަޑިޖަހައި މަރާލީކަމަށް ހާދިސާ ތަހުގީގުކުރި ފުލުހުން ވަނީ ކިޔައިދީފައެވެ. އެ ކުއްޖާއަށް ބަޑި އޮތް ތަން ކޮންމެވެސް ގޮތަކުން އެނގިފައިވާކަމަށްވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.

ފުލުހުން ކިޔައިދިންގޮތުގައި ދުވަހަކުވެސް އަދި އެފަދަ ގޮތަކަށް ބަޑި ޖަހައި މަރާލެވިފައި އޮތް ކުޑަ ކުއްޖެއްގެ މައްސަލައެއް ހުށަހެޅިފައެއް ނުވެއެވެ. އެފަދަ ކަމެއް ދެވަނަ ފަހަރަށް ނުފެންނާނޭކަމަށް އުންމީދުކޮށް ފުލުހުން ވަނީ އަދިވެސް އެ މައްސަލަ ތަހުގީގު ކުރަމުންދާކަމަށާއި އެހެންނަމަވެސް އަދި އެއްވެސް ފަރާތަކާއި ދެކޮޅަށް ދައުވާއެއް އަދި ނުކުރާކަމަށް ބުނެފައެވެ.

އެމެރިކާގައި ބަޑީގެ ސަބަބުން އެކި އެކި ހާދިސާތަކާއި ކުރިމަތިވަމުންދާއިރު އެގައުމުގެ އެތައް ބަޔަކު ވަނީ ބަޑި ގެންގުޅުމުގެ ގާނޫނު ނުވަތަ ސެކަންޑް އެމެންޑްމެންޓްއަށް ބޮޑެތި ބަދަލުތަކެއް އަވަސް ހާލަތެއްގައި ގެނައުމަށް ސަރުކާރުގެ ކަމާއިބެހޭ އިސްވެރިންނަށް ގޮވާލައި ބާރުއަޅަމުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު