އެއްފަހަރާ ނުވަތަ އެއްމާބަނޑު ގިނަ ކުދިން ލިބުމަކީ އާ ވާހަކައަކަށް ނުވާނެއެވެ. މީގެ ކުރިންވެސް އެއްމާބަނޑު ހަތަރު ކުދިން ނުވަތަ ހަ ކުދިންވެސް ވިހާފައި އެބަހުއްޓެވެ. އެހެން ނަމަވެސް މިއީ މަދު ވަގުތުކޮޅެއްގެ ތެރޭގައި އެއްމާބަނޑު ހަ ކުދިން ވިހެއި ހިއްވަރުގަދަ މަންމައެއްގެ ވާހަކައެވެ.

މީގެ ހަފްތާއެއްހައި ދުވަސް ކުދިން އެމެރިކާގެ ހިއުސްޓަންގައި ހުންނަ، "ވިމެންސް ހޮސްޕިޓަލް އޮފް ޓެކްސަސް"ގައި އަންހެނަކު ނުވަ މިނެޓުގެ ތެރޭގައި އެއްމާބަނޑު ހަ ކުދިން ވިހެއި ޚަބަރު ގިނަ ބަޔަކު އަހާފައިވަނީ ހައިރާން ކަމާއި އެކުއެވެ. އެ ހޮސްޕިޓަލުން އެ އަންހެން މީހާ އާއި ބެހޭ މަޢުލޫމާތު އާންމުކޮށްފައި ނުވީނަމަވެސް، އޭނާ ވިހެއި ކުދިންނާއި ގުޅޭގޮތުން ނޫސްތަކުގައި ބައެއް ވާހަކަތައް ހިއްސާކޮށްފައި ވެއެވެ.

ސިއްހީ އޮފިޝަލުންނާއި ހަވާލާދީ ނޫސްތަކުގައި ބުނެފައިވާގޮތުގައި ނަން ހާމަކުރަން ބޭނުން ނުވާ އެ އަންހެން މީހާ ވަނީ އެންމެ ނުވަ މިނެޓުގެ ތެރޭގައި ހަ ކުދިން ވިހާފައެވެ. އޭގެތެރޭގައި ހިމެނެނީ އެއްމާބަނޑު ހަތަރު ފިރިހެންކުއްޖަކާއި އެއްމާބަނޑު އަންހެން ދެކުދިން ކަމަށް އެފަރާތުން ބުނެއެވެ.

އެ އަންހެން މީހާ ވިހާނީ އެއްމާބަނޑު ހަ ކުދިންކަން ކުރިންވެސް އާއިލާއަށް އޮތީ އެނގިފައެވެ. އެހެން ނަމަވެސް އެ ކުދިން ވިހާނީ ދުރުދުރުގައި ކަމަށް ކުރިން ޑޮކްޓަރުން ވަނީ ލަފާކޮށްފައެވެ. މަދު ވަގުތުކޮޅެއްގެ ތެރޭހައި ހުރިހައި ކުދިން ވިހާފައިވަނީ، ވިހަން ގާތްވެފައި ވަނިކޮށް ދިމާވި ހާލަތެއްގެ ސަބަބުން ކަމަށް ވެއެވެ.

"ވިމެންސް ހޮސްޕިޓަލް އޮފް ޓެކްސަސް" އިން ހާމަކޮށްފައިވާގޮތުގައި ވިހެއުމަށްފަހު މަންމަ އާއި ހަ ކުދިންގެ ހާލުވެސް ރަނގަޅު ކަމަށެވެ. އަދި އެ ކުދިންގެ ބަރުދަން ހިމެނެނީ އެއް ޕައުންޑް 12 އައުންސާއި 2 ޕައުންޑު 14 އައުންސާއި ދެމެދުގައި ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

ނުވަ މިނެޓުގެ ވަގުތުކޮޅެއްގެ ތެރޭގައި ހަ ކުދިން މީގެ ކުރިން ވިހާފައިވާކަމެއް އަދި އެނގިފައިނުވާއިރު، އަދި އެފަދަ ކަމެއް ދުނިޔޭގެ ރެކޯޑުފޮތަށްވެސް އަރާފައެއް ނެތެވެ. ގިނެސް ވޯލްޑް ރެކޯޑު ފޮތުގައި ވާގޮތުގައި މިހާތަނަށް އެންމެ ގިނަ ދަރިން ވިހެއީ ރަޝިޔާ އަންހެނެކެވެ. އޭނާ ޖުމަލް 69 ކުދިން ވިހާފައިވާ ކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު