އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ބަރަހަނާ ފޮޓޯތަކެއް އެބަހުރި ކަމަށް ޓްރަމްޕް ނަހަމަ ގުޅުމެއް ބޭއްވި ބަރަހަނާ ފިލްމް ކުޅޭ އަންހެނެއް ކަމަށްވާ ސްޓޯމީ ޑެނިއެލްގެ ޤާނޫނީ ވަކީލް ބުނެފިއެވެ.

ސްޓޯމީގެ ޤާނޫނީ ވަކީލް ކްރިސީ ޓެއިގެން ޓީވީ ޝޯވއެއްގައި ވާހަކަދައްކަމުން ބުނީ "އަހަރެމެންގެ އަތުގައި ޓްރަމްޕްގެ ބަރަހަނާ ފޮޓޯ އެބަހުރި" ކަމަށެވެ.

ނަމަވެސް ކްރިސީ ދެއްވި ވާހަކަ ހޫނުވެ އޭނާ އަށް ފާޑުކިޔުން އަމާޒުވުމުން މިހާރު ވަނީ ވާހަކަ ބަދަލުކޮށްފައެވެ. ކްރިސީ މިހާރު ބުނަނީ އެމީހުންގެ އަތުގައި ހުރީ ޓްރަމްޕްގެ ބަަރަހަނާ ފޮޓޯތަކެއް ނޫންކަމަށާއި އެމީހުންގެ އަތުގައި ހުރީ ޓްރަމްޕް ސްޓޯމީ އާއި ގުޅުމެއް ބޭއްވި ކަމުގެ ހެކި ކަމަށެވެ.

ޓްރަމްޕް ސްޓޯމީ އާއި ބޭއްވި ގުޅުމުގެ މައްސަލަ ބޮޑުވެފައި ވަނީ އެގުޅުމުގެ ވާހަކަތައް ސިއްރު ކުރަން ސްޓޯމީ އެއްބަސްވެ ޓްރަމްޕްގެ ޤާނޫނީ ވަކީލެއްގެ އަތުން ފައިސާ ހޯދުމަށް ފަހު އެވާހަކަ މީޑިއާ އަށް ތިލަ ކުރުމުންނެވެ.

ޓްރަމްޕް މިހާރު ވަނީ ސްޓޯމީގެ ވާހަކަތައް ދޮގުކޮށް ސްޓޯމީ ދައްކަމުންދާ ވާހަކަތަކުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ދައުވާ ވެސް ކޮށްފައެވެ.

ޓްރަމްޕް ސްޓޯމީ އާއި ނަހަމަ ގުޅުމެއް ބޭއްވި ކަމަށް ވަނީ 2006 ވަނަ އަހަރާއި 2007 ވަނަ އަހަރާއި ދެމެދުއެވެ. އެއީ ޓްރަމްޕްގެ އަނބިކަނބަލުން މެލާނިއާ އަށް އެންމެ ހަގު ދަރިފުޅު ބެރޮން ލިބިވަޑައިގެންނެވިތާ ދުވަސްކޮޅެއް ފަހުންނެވެ.

ޓްރަމްޕްގެ ބަރަހަނާ ފޮޓޯތަކެއް ހުރި ކަމަށް ސްޓޯމީގެ ޤާނޫނީ ވަކީލް ބުނިއިރު ޓްރަމްޕް ރަޝިއާގެ ޒުވާން އަންހެނުންތަކަކާއި އެކު ޕާޓީ ކުރި ވީޑިއޯ އާއި ފޮޓޯ ރަޝިއާ ސަރުކާރުގައި އެބަހުރި ކަމަށް ބުނެ ވެސް މީގެ ކުރިން މީޑިއާގައި އަޑު ފެތުރިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސޭނުބޭ

    ޓްރަމްޕް އާ ސްޓޯމީ ޑެނިއަލްއާ ދެމީހުން ތިއީ ލާރި ހޯދަން ބަރަހަނާ ފިލްމު ކުޅުނު ދެ މީހުން..........