މަރުގެ އެތިފަހަރަކުން ފުރާނަ ސަލާމަތް ވާނީ ޔަގީނުން ވެސް ނަސީބުވެރިންނެވެ. އިންޑިއާގެ އުމުރުން 21 އަހަރުގެ ސަންޖާ ބަހީ އަކީ މިފަދަ ނަސީބުވެރިއެކެވެ.

ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ބަހީ މަސައްކަތުގައި އުޅެނިކޮށް ދަގަނޑެއް އޭނާގެ ބޮލުގެ އެއް އަރިމަތިން ހެރިގެން، އަނެއް އަރިމަތިން ނިކުތެވެ. ފުރާނަ ސަލާމަތް ވުމުގެ ހުރިހާ ފުރުސަތެއް ފެންނަ ފެނުމަށް ބަންދުވެފައި އޮތް ނަމަވެސް ނަސީބު ބުރަވީ ބަހީ އާއި އެއްކޮޅަށެވެ.

ވަގުތުން އޭނާ ކައިރީގައި ހުރި ހޮސްޕިޓަލަކަށް ގެންދެވުނެވެ. ޑޮކްޓަރުން ބުނީ ސޫތެއްގެ އެއްބައި ވަރަށް ވެސް ދަގަނޑު އަރިމައްޗަކަށް ޖެހިފައި އިންނަމަ ދަގަނޑު ދާނީ ބަހީގެ ސިކުނޑި ފޫއަޅުވާލާފައި ކަމަށެވެ.

90 މިނެޓަށް ދިގު ދެމިގެން ދިޔަ އޮޕަރޭޝަނަކަށް ފަހު ބަހީގެ ފުރާނަ ސަލާމަތް ކުރެވުނެވެ. އިތުރު ގެއްލުމެއް ނުލިބި އޭނާގެ ބޮލުން ދަގަނޑު ނަގާ ލޭ އައުން ވަނީ ހުއްޓުވިފައެވެ.

އޮޕަރޭޝަން ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ޑޮކްޓަރު ބުނީ ބަހީގެ ފުރާނަ ސަލާމަތް ވުން އެއީ ވަރަށް ބޮޑު އަޖައިބެއް ކަމަށެވެ.