ބައެއް ފަހަރު ކުރެވޭ ވަރަށް ކުޑަކުޑަ ކަމަކުން ވެސް ވަރަށް ބޮޑު ގެއްލުމަކާއި ކުރިމަތިލާން ޖެހިދާނެއެވެ. އިޓަލީ ވިލާތުގެ ދެ ދަރިވަރަކަށް ވެސް މިވަނީ ކުރި ވަރަށް ކުޑަކުޑަ ކަމަކުން ބޮޑު ގެއްލުމެއް ކުރިމަތިވެފައެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރ މަހު ފަހުކޮޅު އުމުރުން 22 އަހަރުގެ ދެ ދަރިވަރުން އިޓަލީގެ ކޮމޯ ކޯރުގެ އައްސޭރި ފަށުގައި ބާބަކިއުއެއް ހަދަން އަލިފާން ރޯކުރިއެވެ. އެތަނުގައި ރަހުމަތްތެރިންގެ ގްރޫޕެއް ތިބި ނަމަވެސް އަލިފާން ރޯކުރީ، އަދި ބާބަކިއު ހެދުމުގައި އުޅުނީ މި ދެ ދަރިވަރުންނެވެ.

ބާބަކިއު ހަދަން ރޯކުރި އަލިފާން ކުއްލިއަކަށް ފެތުރި ބޮޑު އަލިފާންގަނޑަކަށް ބަދަލު ވިއެވެ. އަލިފާން ނިއްވާލަން ކުރިމަސައްކަތުން އެދެވޭ ނަތީޖާ ނުލިބި އިތުރަށް އަލިފާން ފެތުރެން ފެށިއެވެ. މުޅި އެސަރަހައްދުގެ ޖަންގަށްޔަށް އަލިފާންގަނޑު ފެތުރި 2471 އޭކަރުގެ ސަރަހައްދެއް އަނދާ އަޅިއަށް ވެގެން ދިޔައެވެ.

އަލިފާނުގެ ސަބަބުން އެތައް އިމާރާތެއް ވެސް ސުންނާފަތިވެ، އެތައް ޖަނަވާރެއް ވެސް މަރުވިއެވެ.

ދެ ދަރިވަރުންގެ އިހުމާލުން އަލިފާން ރޯވުމުން ސަރަހައްދީ ސަރުކާރުން ވަނީ ގެއްލުމުގެ ބަދަލު ހޯދަން ސަރަހައްދީ ސަރުކާރުން ވަނީ ދައުވާ އުފުލާފައެވެ.

މައްސަލަ ބެލުމަށް ފަހު ކޯޓުން ނިންމީ ދެ ދަރިވަރުންގެ އިހުމާލު މިހާދިސާގައި އެބައޮތް ކަމަށެވެ. އެހެންކަމުން އެ ދެ ދަރިވަރުން 27 މިލިއަން ޔޫރޯ (461 މިލިއަން ރުފިޔާ) އިން ޖޫރިމަނާ ކުރާކަމަށް ޙުކުމުގައި ވެއެވެ.

ދެ ދަރިވަރުންނަކީ މިވަރުގެ ބޮޑު ޖޫރިމަނާއެއް ދެއްކޭ ވަރުގެ ގާބިލް ކަން ހުރި ދެދަރިވަރުން ކަން އަދި މީޑިއާތަކަށް ކަށަވަރު ކުރެވިފައެއް ނުވެއެވެ. ޖޫރިމަނާ އާއި ބެހޭ ގޮތުން އެމީހުންގެ ވަކީލު އަދި އެއްވެސް އެއްޗެއް ނުބުނެއެވެ. މި މައްސަލަ އިސްތިއުނާފު ކުރަން ދެ ދަރިވަރުންނަށް ތިން ހަފްތާގެ މުހުލަތެއް ލިބޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު